ކަލައިދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ: ކައުންސިލް
29 ޑިސެމްބަރު 2019 | އާދީއްތަ 18:47ގެދޮރު އިމާރާތް ކުރުމަށް ވެލި ލިބުމުގައި ދަތިތައް ކުރިމަތިވޭ


ލ.ކަލައިދޫ
ލ. ކަލައިދުއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ރާއްޖެއެމްވީއާއި ހިއްސާ ކުރައްވަމުން، އެރަށުގެ ކައުންސިލްގެ ރައީސް ހުސެއިން ޚަލީލު ވިދާޅުވީ 2004 ވަނަ އަހަރުގެ އެރި ސުނާމީގަ ލިބުނު ގެއްލުންތަކުގެ ސަބަބުން، މުޅި ރަށް އަލުންހެން އާބާދުކުރަން ޖެހުނު ކަމަށެވެ. ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރި ނަމަވެސް ސުނާމީގައި ގެއްލުންވި ފަރާތްތަކަށް އެކަމުން އަދިވެސް އަރައި ނުގަނެވޭ ކަމަށް ޚަލީލު ވިދާޅުވިއެވެ.
ސުނާމީ ކާރިޘާގަ އެރި ބިޔަ ރާޅުތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ޢާންމުންގެ ގޯތިގެދޮރަށް ކަމަށާއި، ގެތަކުގެ ފާރުތައް ވެއްޓި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. މިހާރު ވެސް އެކަމުގެ ދަތިކަން ރައްޔިތުން އުފުލަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ސުނާމީ ކާރިޘާގައި ލިބުނު ގެއްލުން ދެނެގަތުމަށްފަހު، އޭރުގެ ސަރުކާރުން ޢިމާރާތްކޮށްދިނީ 48ގެ ކަމަށާއި، ނަމަވެސް އެއަށްވުރެ އިތުރަށް ރައްޔިތުން ގެދޮރު ބޭނުންވާ ކަން ޚަލީލު ފާހަގަކުރެއްވިއެވެ.
ގެދޮރު ޢިމާރާތް ކުރުމަށް ދަތިވެފައިވާކަން ފާހަގަކުރައްވައި ޚަލީލު ވިދާޅުވީ އެރަށުގެ ބިމުގެ ޗަސްކަމުންނާއި، ވެލި ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އަލަށް ދޫކުރި ގޯތިތަކާއިވީ ޞަރަޙައްދުގެ މަގުތައް އަދިވެސް ނެހެދޭ ކަމަށެވެ.






