ކ. މާލެ
|
20 މާރޗް 2017 | ހޯމަ 22:35
މެންބަރުންކޮޅެއް ބޭހާއި އިންޖެކްޝަން ބެހުމުގައި
މެންބަރުންކޮޅެއް ބޭހާއި އިންޖެކްޝަން ބެހުމުގައި
ޓްވިޓަރ
މަގޭ ރިޕޯޓް
ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟
 
މެންބަރުންނާ ގުޅުންނެތް ކަންކަން ކުރުމަށްވުރެ މެންބަރުންގެ ޒިންމާ އަދާ ކުރަން ޖެހޭ

"ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކޮށްދޭނަން"، "ޤާނޫނުތަކުގައި ރައްޔިތުންގެ ބަސް ހިމަނައިދޭނަން"، " ރައްޔިތުންގެ އަޑު އަހައި މުޅި ހުރިހާ ރައްޔިތުންގެ ލާބަޔަށްޓަކައި މަސައްކަތް ކުރާނަން"، "ވަކި މީހަކަށް ތަބާވެ ވިކޭ މީހަކަށް އަމުދުން މަށެއް ނުވާނަން"

މިއީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ދުވަސްވަރު އެންމެ ގިނައިން އިވޭ އަޑުތަކެވެ. އެންމެ ގިނަ ކެނޑިޑޭޓުން އެމީހުންގެ ކެމްޕޭން ލީފްލެޓްތަކުގައި ލިޔެއުޅޭ ވާހަކަތަކެވެ. ބައްދަލުވާ މީހުން ގާތުގައާއި ވަދެ އުޅޭ ގޭގޭގައި ބުނެ އުޅޭ ވައުދުތަކެވެ. ކެމްޕޭން ޖަގަހަތަކުގައި ސްޕީކަރުތަކުންނާއި ތާޅަފިލިތަކުން އެންމެ ބާރަށް އިއްވާ އަޑުތަކެވެ.

ސުވާލަކީ އެފޮނި ބަސްތަކާއެކު އެމަޖިލީހަށް ހޮވުނީމާ ބައެއް މެންބަރުން އެވާހަކަތައް ހަނދާން ހުރޭ ހެއްޔެއެވެ؟ ރައީސް ޔާމީންގެ ކެމްޕޭން ވައުދުތައްހެން ތައްގަނޑު ޖަހަން އުޅުނު ކުދިންކޮޅު ބެނާތަކުގައި ލިޔެލި އެއްޗެއްހެން ނުވެ ދަނީ ކިތައް މެންބަރުންނަށް ތޯއޭއެވެ.

މިދުވަސްވަރަކީ އެފަދަ ޓެސްޓެއް ހެދިދާނެ ދުވަސްވަރެކެވެ. އެފަދަ ބައެއް ކަންކަން މިދުވަސްވަރު ފެންނާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެވަނީ ހުއްޓިފައެވެ. ނުވަތަ ހުއްޓާލާފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާގައެވެ. މަޖިލީހުގައި މަސައްކަތައް ހޭދަކުރާ ވަގުތު ހާމަޔަށް ފެންނާށެވެ. ހަދާ ޤާނޫނުތަކާއި ނިންމާ ނިންމުންތަކުގެ ބޭނުމާ މަޤްސަދު އޮޅުވާލެވޭކަށް ނެތެވެ. ޤަވާއިދަށް ގެނައި ބަދަލާ އެކު ސަރުކާރުން ނޫނީ ބިލެއް ހުށަނޭޅޭހާ ހަނިވެއްޖެއެވެ. ސަރުކާރުން ގެންނަ ބިލަށް ތިންކިއުން އެއްކޮށެވެ. ބަސްބުނާހާ ހިނދުން ނިންމާ ފާސްކޮށްލާއިރު އެޔެއް މިޔެއް ނޭނގެއެވެ. ދިރާސާ ކުރާ ކޮމެޓީގެ ހާޒިރީ ބަލާލުމަށާއެކު މުޅިކޮމެޓީގެ ވަގުތައް އެންމެ ފަސް މިނިޓެވެ. މިފަދަ ހާލެއްގައި ނިންމާ ބިލްތައް ތަސްދީޤްކޮށް ނިމޭއިރު ރައްޔިތުންގެ ކާޑުން ވަނީ އަގުބޮޑެވެ. ގެންނަ މޮޅު ޤާނޫނާއެކު ކަރަންޓްބިލް އިންތިހާއަށެވެ. ފާސްކުރެވުނު ކުރެވުމާއެކު ޑިއުޓީގެ އިތުރުން ޖީއެސްޓީ ބޮޑުވެ ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބުގައެވެ. ރައްޔިތުންނަށް ކަމަށް ބުނެ ނިންމުމުން ގެއްލިގެން ދަނީ ރައްޔިތުންގެ ބިންކޮޅެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މިހާތަނަށް ހެދުނު ޤާނޫނުތަކާއި ނިންމުނު ނިންމުންތަކުން ރައްޔިތުންނަށް ލިބުނު ފައިދާއަށް ވުރެ ލިބުނު ގެއްލުން ވަކި ކުޑައެއް ނޫނެވެ. ކެނޑުނީ ލިބެމުންދިޔަ ސަބްސިޑީތަކެވެ.

ދެން އޮތީ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ވުރެ އިސްކަންދެވޭ ބައެއް އެހެން ކަންކަމުގެ ވާހަކައެވެ. އެހެން ބަޔަކަށްޓަކައި ކުރެވޭ ޣުލާނުގެ ވާހަކައެވެ. އޭގެ މިސާލުތައް ބައިވަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގިނަ ވަގުތު މިހާރު ހޭދަކުރައްވާތަން ފެންނަނީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނަބަލުންނާ އެކުގައެވެ. އެކަމަނާގެ މަސައްކަތްތަކުގައެވެ. ސިޓީއުރަ ބެއްދުމުގައި ނުވަތަ ސިޓީއުރަ ތެރެއަށް ތަކެތި އެޅުމުގައެވެ. ބޭސް ބެހުމަށެވެ. އިންޖެކްޝަން އެތެރެ ކުރުމަށެވެ. ފަހަރުގައި މިހެން ބުނުމުން އެއީ ނުބެހޭ ކަންތައްތަކަކާ ބެހެނިއްޔޭ ހީވިއަސް ކުރާނެ ކަމެއް ނެތެވެ. ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދެވޭ ރަނގަޅު ޚިދުމަތަކަށް ހުރަސް އެޅުމެކޭ ބުންޏަސް ކުރާނެ ކަމެއް ނެތެވެ.

ބޭސް ފޯރުކޮށްދޭ މުއައްސަސާ އެބައޮތެވެ. އެމުއައްސާއިން ގަނެގެން ވެސް އެކަން ކުރުމަށް ވުރެ އެމުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދިނުން މާ އައުލާކަން ބޮޑެވެ. އަނެއް ކަމަކަށް ހެލްތު މިނިސްޓްރީން ނުވަތަ އެސްޓީއޯއިން ބޭސް ފޯރުކޮށް ނުދެވިގެން އުޅޭ ކަމަކަށް އެއިން އެއްވެސް ތާކުން ނުބުނެއެވެ.

ދެން އޮތީ އަދި މާބޮޑު މައްސަލައެކެވެ. މެންބަރުން ކުރަން ޖެހޭ ކަމެކެވެ. މިއޮއް ބޮޑު ރޯގާ ފެތުރިގެންދާއިރު އަތޮޅުތައް ހުރީ ހުރި ގޮތަށެވެ. އެރަށްރަށުގައި ފެތުރިގެން އުޅޭ ރޯގާ ޓެސްޓް ކޮށްލާނެ ފަދަވެރިކަމެއް އެތަންތާކު ނެތެވެ. މަތިމައްޗަށް އެރޯގާ ފެތުރުނަސް އެނގޭނެ ގޮތެއް ނެތެވެ. އެތަންތަނުގައި ހަރަކާތްތެރިވާނެ ޓީމުތަކެއް އަދި އެހިސާބުތަކަށް ފުރިކަމުގެ އަޑެއް ނީވެއެވެ. މިބަލިމަޑުކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރެއް ޤައުމުގެ ވަލިއްޔުލް އަމުރެއް އެއްޗެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންނާ މުޚާތަބެއް ނުކުރައްވައެވެ.

މިކަމާ އެއްޗެއް ވިދާޅުވން ތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. މިރޯގާއާ މެދު އެޅިފައިވާ ފިޔަވަޅުތަކާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރެވިފައިވާ ކަންކަން ހޯދުމީ މެންބަރުންގެ ކަމެކެވެ. ހެލްތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްގެންނެވެ. ކޮމެޓީކުގެ މަސައްކަތް އިތުރުކޮށްގެންނެވެ. ސީދާ މިރޯގާއަށް ޚާއްޞަކޮށް ކަންކުރާނެ އަދި ކުރާކަންކަން ބަލާނެ ކޮމެޓީތައް އުފައްދައިގެންނެވެ.

މެންބަރުން ކުރާންވީ އެކަންކަމެވެ. ރައްޔިތުންނަށްޓަކައި ތިބޭ ރައްޔިތުންގެ ލާރިން މުސާރަނަގައިގެން ތިބޭ ފަރާތްތައް ޒިންމާދާރުކުރުމެވެ. އޭގެ ބަދަލުގައި މެޑަމްގެ ފައުންޑޭޝަން ހިންގަންއުޅުމީ ލަދު ކަމެކެވެ. ސިޔާސީ ބޭނުންތަކަށްޓަކައި ކަން ދެއްކުމަށް ސެލްފީތަކާއި ފޮޓީތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކުން ނުފުދެއެވެ. އެހެން ބައެއްގެ ގެއަށް މަސްއުފުލައިދީ ތެތްފޭލި ދޮވުމަށް އުޅެންވާނީ ތިމާ މީހާގެ އަމިއްލަ މަސައްކަތް ނިންމާލާފައެވެ. އަމުދުން ބަޔަކަށް ކަމެއް ނުވި ކަމަށް ދައްކާން މީހަކު ކުރާ ކަމެއްގައި އެހީތެރިވާން އުޅުމީ ހައިބަތުން ފުރި ޤަދަރު މަތިވެރި އިއްޒަތަތެރި މެންބަރުން ކުރާ ޒާތުގެ ކަންކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް