ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 14:38
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ޓޮބްލެރޫން ޗޮކްލެޓްތަކެއްގެ ތެރެގައި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ޓޮބްލެރޫން ޗޮކްލެޓްތަކެއްގެ ތެރެގައި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
 
ފުލުހުން ހިންގި ހަތް އޮޕަރޭޝަނެއްގައި 15 މީހުން ހައްޔަރުކޮށްފައިވޭ
 
ފުލުހުން ވަނީ ވަރަށް ފަހުން ކަދުރު ޕެކެޓްތަކެއްގެ ތެރެއިން މަސްތުވާތަކެތި އަތުލައިގަނެފަ
 
މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް

ދާދިފަހުން ރާއްޖެއިން ބޭސްފަރުވާއަށް ދިޔަ ދެމަފިރިންނެވެ. އެމީހުންގެ ގާތް ބަޔަކު މާލެ ގެންގޮސްދިނުމަށް އެދި އިންޑިއާއިން އެ މީހުންނާ ހަވާލުކުރީ މަސްތުވާތަކެއްޗެވެ. މި މައްސަލައިގައި ކިނބިދޫއަށް އުފަން މި އާއިލާގެ ތިން މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި އެރަށުގެ މުދިމާއި، އޭނާގެ އަންހެނުން ވެސް ހިމެނެއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި ދެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ތަފްސީލް ހާމަކޮށްފައި ނެތަސް، މުދިމު ނިސްބަތްވާ ތ. ކިނބިދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މުދިމަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ކަމެއްގައި ބައިވެރިވާނެ މީހެއް ނޫނެވެ. އެއަށް ވުރެ އޭނާއަކީ އަހްލާގު ރަނގަޅު ހެޔޮލަފާ މީހެކެވެ. އޭނާ އަށް ރަށު މީހުންގެ އިހްތިރާމު ލިބިގެންވެއެވެ. އެހެންވެ، އެއީ ބަޔަކު ގަސްދުގައި ދިން ލަނޑެއް ކަަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުން ހޭއަރަންވެއްޖެ އެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން ބޭނުންވާ މީހުން އުކުޅުތައް ވަނީ ބަދަލުކޮށްފަ އެވެ. އެފަދަ މީހުން މިހާރު ޓާގެޓް ކުރަނީ، ސިއްހީ ފަރުވާ ހޯދުމަށް ބޭރުގައުމުތަކަށްދާ ދިވެހިންނަށެވެ. އޭގެ ތެރެއިންވެސް ސިއްހީ ފަރުވާ ހޯދުމަށް އެކަނި އުޅޭ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. އެފަދަ މީހުން ފާހަގަކޮށް، އެ މީހުންނާ ދޯޅުވެ އެވެ. އެހީތެރިކަން ފޯރުކޮށްދެ އެވެ. ފައިސާގެ އެހީވެސް ދެއެވެ. ޑޮކްޓަރަށް ދެއްކުމުގަ އާއި، އެނޫން ވެސް ތަންތަނަށް ދިއުމުގައި އެފަދަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެއަށް ފަހު މާލެއަށް ވަކި އެއްޗެއް ގެންގޮސްދިނުމަށް އެދެ އެވެ. އެހާ ބޮޑު އެހީއެއް ވެދިނުމަށް ފަހު، މާލެއަށް ކުޑަ ދަބަހެއް، ނުވަތަ ހަދިޔާއެއް ގެންގޮސްދޭށޭ ބުނުމުން ނޫނެކޭ ބުނަން ކެރޭނެ ހެއްޔެވެ؟ އަދި އެފަދަ ފަރާތްތަކުން އާއްމުކޮށް ހަވާލުކުރާ ތަކެއްޗަކީ ވެސް މީހުންނަށް އެހާ ބޮޑަށް ޝައްކު ނުކުރެވޭނެ ގޮތަށް ބަންދުކޮށްފައިވާ ތަކެއްޗެވެ.

މިމަހުގެ 13 ވަނަ ދުވަހު ފުލުހުން އެއަރޕޯޓުން އަތުލައިގަނެފައިވާ މަސްތުވާތަކެތި ފެނިފައި ވަނީ، ހޭންޑް ލަގޭޖްގެ ތެރެއިންނެެވެ. އެގޮތުން ގެނައި ފޮތި ކޮތަޅުގެ ތެރޭގައި ހުރީ، ކަދުރު ޕެކެޓުތަކަކާއި، ޓޮބްލެރޫން ޗޮކްލެޓްތަކެކެވެ. މިތަކެތި ޕެކް ކުުރުމުގައި ވެސް ވަރަށް ކުޅަދާނަ އެވެ. ފުރަތަމަ ޕެކްޓް ހުޅުވާލާއިރު ވެސް އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތްތައް ހުރިކަން ނޭނގޭހާ މޮޅަށް ހުންނަނީ ބަންދުކޮށްފަ އެވެ.

ކިނބިދޫ މުދިމަށް ވެސް ލިބުނީ މިލަނޑެވެ. ފަހުން އެނގުނު ގޮތުގައި އެއީ ވަރުގަދަ ޑްރަގް ނެޓްވޯކެކެވެ.

ފުލުހުންނާއި ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަންގައި މި ނެޓްވޯކުން އެތެރެކުރަން އުޅުނު 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 15 މީހުން ހައްޔަރުކުރި އެވެ.  މަގުމަތީގެ އަގުން ބަލާނަމަ، މިއީ 30 މިލިއަން ރުފިޔާގެ ޑްރަގެވެ.

މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް، އިންޑިއާ އާއި ލަންކާއިން އަންނަ މީހުންނާ ހަވާލުކޮށްގެން ޑްރަގް އެތެރެކުރަން މަސައްކަތްކޮށްފައި އެބަ ހުއްޓެވެ. އަދި އެފަދަ ކަންކަމުގައި ކުށެއް ނެތް ނިކަމެތި އަދި އުމުރުން ދުވަސްވީ މީހުންނަށް ޖަލަށް ދާންޖެހިފައި އެބަހުއްޓެވެ. ގާނޫނުތައް ބުނާ ގޮތުން މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ ނަމަ އޭގެ ޒިންމާ އުފުލަންޖެހެނީ އެ ފަރާތަކުންނެވެ. އެއީ އެހެން މީހަކު ހަވާކުރި އެއްޗެއްކަން އެ ފަރާތަށް ސާބިތުކޮށްދިނުމަކީ ނާދިރުކަމެކެވެ.

އެހެންވެ، ގޮތް ނޭނގޭ އެއްޗިއްސާ ހަވާލު ނުވުމަށް ފުލުހުންނާއި ކަސްޓަމްސްއިން އަބަދު ވެސް އިލްތިމާސް ކުރެއެވެ. ކާކުކަން ނޭނގޭ މީހުން ދޭ ތަކެއްޗާއި، ކޮން އެއްޗެއްކަން ނޭނގި ހަވާލުވެވޭ އެއްޗެހީގެ ސަބަބުން، ޑްރަގު ޓްރެފިކް ކުރަން އުޅުނު މީހަކަށްވެ، އުމުރު ދުވަހު ޖަލު ގޮޅީގައި އޮންނަން ޖެހިދާނެއެވެ.

އުސޫލެއްގެ ގޮތުން، ދަތުރުކުރުމުގައި އޭނާގެ ބެލުމުގެ ދަށުގައި އެތެރެކުރާ އަދި ބޭރުކުރާ ހުރިހާ ފޮށިތަކަކީ ވެސް އެމީހެއްގެ އެއްޗެއްގެ ގޮތުގައި ބަލާ އިރު، އެހެން މީހުންގެ ތަކެއްޗާ ހަވާލު ނުވުން މިއީ އެންމެ އެދެވިގެންވާ ގޮތެވެ. އަދި ހާއްސަކޮށް، ޕެކޭޖް ކުރެވިފައިވާ، އެތެރޭގައި، ތަކެތި ރައްކާކުރެވޭ ގޮތަށް ހުންނަ ތަކެއްޗާ ހަވާލުނުވުމަކީ މުހިއްމު ކަމެކެވެ. އަދި ކިތަންމެ އިތުބާރު ކުރެވޭ މީހަކު ހަވާލުކުރި ނަމަވެސް ކޮން އެއްޗެއްކަން ކަށަވަރު ނުވާ ނަމަ ނުވަތަ ކަށަވަރުކުރުމަކާ ނުލައި އެއެއްޗަކާ ހަވާލުނުވުން މުހިންމެވެ. ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ އެއީ ކޮން އެއްޗެއްކަން އެނގުނު ނަމަވެސް އެހެން މީހެއްގެ އެއްޗަކާ ހަވާލު ނުވުމެވެ.

" ގޮތް ނޭންގޭ މީހުންދޭ އެއްޗިއްސާ ހަވާލު ނުވުމަށް ތަކުރާރުކޮށް ދަނީ، އިލްތިމާސްކުރައްވަމުން. އެހެންނަމަވެސް މިހާރު އަޅުގަނޑުމެން އިސްލިމާސް މިކުރަނީ އެ އެއްޗަކީ ގޮތް އެނގޭ އެއްޗެއް ކަމުގައިވީ ނަމަވެސް ތިމާގެ އެއްޗެއް ނޫނިއްޔާމު އެޔަގީންކަން އެއްގޮތަކަށް ވެސް ނެތިއްޔާމު ހަވާލުނުވާށޭ،" ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ސުޒީ ވިދާޅުވި އެވެ.

ސަބަބު ފުލުހުން އެ ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން ފުލުހުން ދައްކައިލި ފޮޓޯތަކަށް ބަލާއިރު އެއީ ހަމަ ރީތިކޮށް އެންމެ ފެންވަރު ރަނގަޅުކޮށް ޕެކްކޮށްފައި ހުރި ޗޮކްލެޓްތަކެކެވެ. ކަދުރުވެސް ހުރީ ހަމަ ފިހާރަތަކުން ގަންނަ ޕެކެޓް ވެސް ހުންނަ ގޮތަށް ޕެކްކޮށްފައެވެ. އަދި ކަނޑާ ބަލައިލި ނަމަވެސް ނޭނގޭހާ ފެންވަރަށް ބަންދުކޮށްފައެވެ. މަސްތުވާތަކެތި އަޅާފައި ހުރީ ޗޮކްލެޓްގަނޑުގެ ތެރެއަށާއި ކަދުރުގެ އޮށް ނަގާފައި ކަދުރުގެ ތެރެއަށެވެ. އެހެން ކަމުން އަދި ކޮން އެއްޗެއްކަން އެނގުނަސް އެހެން މީހަކު އެއްޗެއް ދީފި ނަމަ އެ އެއްޗެއްގައި ހިފުމަކީ އަބަދު ވެސް ރިސްކް ބޮޑު ކަމެކެވެ. 

ވިސްނާށެވެ. ނޫނީ ޑްރަގު ވިޔަފާރިކުރާ މީހުންގެ ކެހިވެރި ދަލުގައި ތިބާ ވެސް ޖެހިދާނެ އެވެ. ނުވަތަ އާއިލާގެ ބޭފުޅަކު ވެސް ޖެހިދާނެ އެވެ. ތިމާގެ މުސްކުޅި މައިންބަފައިންނަށް ވެސް މިކަން ވިސްނައިދޭށެވެ. އަދި ޚުދު ތިމާ ވެސް މި ކަމަށް ހޭލުންތެރިވާށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
24 ޖޫން 2017 | ހޮނިހިރު 17:36
ށާޟާ
ތީކަސްޓަމްސް އިން އަތުލި ކަދުރު ޕެކެޓް ތަކެއް ޕޮލިހުންނެއް ނޫން ????