އައްޑޫ ކޮންވެންޝަން ސެންޓަރު ޞަރަޙައްދުން 100 އަށްވުރެ ގިނަ ގޯތިވަނީ ދޫކުރެވިފައި: މޭޔަރު ޞާދިޤް
21 ޑިސެމްބަރު 2019 | ހޮނިހިރު 08:54ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން

އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު
އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ޢިމާރާތްކުރި ޞަރަޙައްދުން މިހާރު 100 އަށް ވުރެ ގިނަ ގޯތި ދޫކުރެވިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މޭޔަރު ސޯދިގު ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މޭޔަރު ޞާދިޤު ވިދާޅުވީ ކޮންވެންޝަން ސެންޓަރު ކައިރިން ނެގުނު ބިންތައް މިހާރު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެޞަރަޙައްދުން ގާތްގަނޑަކަށް 700 އެއްހާ ގޯތި ދޫކުރެވޭނެ ކަމަށެވެ. މޭޔަރު ޞާދިޤު ވިދާޅުވީ އޮގަސްޓް މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ގޯތި ދޫކުރެވިފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިއަށް ދެމަހެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި މޭޔަރު ޞާދިޤު ވިދާޅުވީ ފޭދޫގައި ހިއްކިފައި އޮތް ބިމުން ގޯތި ދޫކުރުމަށް ދާދި އަވަހަށް އިއުލާން ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މޭޔަރު ޞާދިޤު ވިދާޅުވީ ހުޅުދޫ އަދި ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދޫނުކޮށް ހުރި ފްލެޓުތައް ދޫކުރުމަށް މިއަންނަ ހަފުތާގައި އިޢުލާން ކުރާނެ ކަމަށެވެ.
މޭޔަރު ޞާދިޤު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކަށް ކަންކަން ކުރުމަށް ކަމަށާއި، ހުޅުދޫ އަދި ހިތަދޫއިން ދޫކުރާ ފްލެޓުތަކަށް ޑައުންޕޭމަންޓް ފައިސާ ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މިނިންމުން ނިންމީ ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް މޭޔަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްޤީ އަލިއަޅުއްވާލައްވާ މޭޔަރު ޞާދިޤު ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރުތަކުން އައްޑޫއަށް ވަރަށް ބޮޑަށް އިހުމާލުވެ، ރައްޔިތުންނަށް ވަރަށް ގިނަ ދަތިއުދަނގޫތައް ޖައްސާފައިވާ ކަމަށެވެ. ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހުއްޓުވުމުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް އެކަމުގެ ނޭދެވޭ އަސަރުތައްކުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.





