މުވާސަލާތީ ޚިދުމަތްތަކުންނާއި ދަތުރުފަތުރުން ޓެކްސް ކަނޑާލުމަށް ގޮވާލައިފި
އުވާލެވޭ ޓެކްސް ތެރޭގައި އެ ދެޓެކްސް ހިމެނިފައި ނުވުމުގެ ކަންބޮޑުވުން ފާޅުކުރެއްވި


ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު
މުވާސަލާތީ ޚިދުމަތްތަކުންނާއި ދަތުރުފަތުރުން ޓެކްސް ނެގުމަކީ އެޖެންޑާ 19 ގައި ހިމެނިފައިވާ ކަމެއްކަމަށް ވިދާޅުވެ އެކަން ކުރުމަށް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު ގޮވާލައްވައިފި އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އާމްދަނީން ޓެކްސް ނެގިގެންދާއިރު އެލިބޭ ޓެކްސް ފައިސާއިން ރައްޔިތުންނަށް ފައިދާތަކެއް ވާންޖެހޭ ކަމަށެވެ. އަވަށްޓެރި ލަންކާއިން ޓެކްސްތައް ކަނޑާލާ އިންޓަރނެޓް އަގުހެޔޮ ކުރިއިރު އެކަން ރާއްޖެއިންވެސް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ. އަދި އެވާހަކައަކީ އެމްޑީޕީން ވެރިކަމަށް އައުމަށް މަސައްކަތް ކުރިއިރު ދެއްކި ވާހަކަ އެއްކަމަށްވެސް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އާމްދަނީން ޓެކްސް ނެގޭއިރު ގޯތިގެދޮރު ކުއްޔަށް ދޭ މީހުން އެމީހުން ޓެކްސް އަށް ދައްކާ ފައިސާ ރައްޔިތުން އަތުން ނަގާފާނެތީ އެކަމުގެ ކަންވޮޑުވުން ރައްޔިތުން ފާޅުކުރާކަމަށެވެ. ވިޔަފާރި ހިންގާ މީހުން އަނެއްކާވެސް ރައްޔިތުންގެ އަތުން އެމީހުން ޓެކްސް އަށް ދައްކަންޖެހޭ ބައި ނަގާނެ ކަަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އެބައޮތްކަމަށް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
މިކަންކަމަށް ހައްލެއް އަންނަންޖެހޭ ކަމަށާއި ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތަކެއް އޮންނަންޖެހޭ ކަމަށް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވިއެވެ.
އިންޓަރނެޓް އަގުހެޔޮ ކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު އެކަން ނުކޮށް ލަސްވަމުންދާތީ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން އެކަން އޮއްވާ އަވަށްޓެރި ލަންކާއިން ވަނީ ބުދަ ދުވަހު މުވާސަލާތީ ހިދުމަތްތަކުން ނަގަމުންދިޔަ ޓެކްސް އުވާލަން ނިންމާ އިންޓަރނެޓްގެ އަގުހެޔޮ ކޮށްފަ އެވެ.




