އަބަދުވެސް މަސައްކަތް ކުރަނީ އެމްޑީޕީގެ އެޖެންޑާގެ ދަށުން: ޝިފާޒު
20 ނޮވެމްބަރު 2019 | ބުދަ 23:41ރީނދޫކުލައިން ފެންނަ ތިލަފަތް މޫނުމަތިން ފިލައިގެން ނުދާނެ


ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު
ރީދޫކުލައިން ފެންނަ ތިލަފަތް މޫނުމަތިން ފިލާގެން ނުދާނެ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރާނީ އެއެޖެންޑާގެ ދަށުން ކަމަށް ހުސްވެފައިވާ އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިފާޒު އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވާތީ، ކެމްޕޭން ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ވިދާޅުވީ، ދިރިއުޅުމުގެ މުޅި މަސައްކަތަކީ އެންޑީޕީގެ މަސައްކަތް ކަމަށާއި، ސިޔާސީ ހަޔާތް ފެށުނީއްސުރެ ކުރިއަށް ދަނީ އެމްޑީޕީއާއެކު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއާއެކު ނޫން ގޮތެއްގައި މަސައްކަތްކުރާނެ ދުވަހެއް ކުރިއަށް އޮތް ދުވަސްތަކުގައި ނާންނާނެ ކަމަށާއި، ރީނދޫކުލައިން ފެންނަ ތިލަފަތް މޫނުމަތިން ފިލާގެން ނުދާނެ ކަމަށެވެ.
އެމްޑީޕީއަކީ މެމްބަރުންގެ މެދުގައި ހަމަހަމަ އުސޫލުތަކެއް ގެންގުޅޭ ޕާޓީއެއްކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ތަފާތު، ގިނަ ބައެއް ލޮއެއްބާ އިތުބާރު ލިބިފައިވާ ޕާޓީ ކަމަށެވެ. އަދި އެމްޑީޕީގެ މިސްރާބު ކަނޑައަޅަނީ އެމްޑީޕީ މެމްބަރުން ކަމަށާއި، ބޮޑު ކޮންގްރެސްއަކުން އެކަން ފާސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޝިފާޒު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް އަބަދުވެސް މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ތެރެއިން ނޫޅެވޭނަމަ، ނުވަތަ އެކަމުނުދާ ނަމަ ޕާޓީން ދުރަށް ދިއުން ބުއްދިވެރި ކަމަށެވެ.
ޝިފާޒު އެމްޑީޕީގެ ނައިބް ރައީސްގެ މަގާމު ފުރުއްވި ފަސް އަހަރަށް އަލިއަޅުއްވާ ވިދާޅުވީ އެފަސް އަހަރު އުޅެން ޖެހިފައި އޮތީ ގޯޅިތަކުގެ ކަންކަންމަތިން ކަމަށާއި، ރާއްޖޭގެ ރަށްތަކުގެ މަގުމަތިތަކުން ހަރުގެ ތަކުން ކަމަށެވެ. ޝިފާޒު ވިދާޅުވީ އިންސާފު ހޯދުމަށްޓަކައި ފެށި މަސައްކަތްތައް ކުރިއަށް ގެންދައީ ވަރަށް ރޭވުންތެރިކަމާއެކު ޕާޓީގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. އަދި އެދުވަހު އެކުގައި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ވަރަށް ކާމިޔާބު ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ އެމްޑީޕީއަކީ ހިތްވަރުގަދަ މެމްބަރުންތަކެއް ތިބި ޕާޓީއެއް ކަމަށާއި، އެއްގޮތް ނެތިއްޔާ އަނެއް ގޮތް ހޯދައިގެން ހައްގަށް ވަކާލާތު ކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ ދިވެހި ރައްޔިތުން ހަމަހަމަ ކަންމަތީގައި ޚިދުމަތްތައް ގާއިމްކޮށްދިނުން ކަމަށް ޝިފާޒު ވިދާޅުވިއެވެ.





