ސިފައިންގެ ތެރޭގައި ބަގާވާތް ކުރެވިދާނެކަމަށް ގަބޫލުނުކުރަން: މާރިޔާ
ފެބްރުއަރީ 7 ގައިވެސް ފެނިގެން ދިޔައީ ސިޔާސީ ބައެއް އަޑީގައި ތިބިތަން

ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރ މާރިޔާ ބައިވެރިވެ ވަޑައިގަންނަވަނީ
ސިފައިން އަމިއްލަ އަށް ނިކުމެ ބަގާވާތެއް ކުރާނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސިފައިންގެ ތެރޭގައި މިއަދު ބަގާވާތް ކުރުމުގެ ފުރުސަތު އޮތްތޯ މިނިސްޓަރ އަރިހުން ދެންނެވުމުން މިނިސްޓަރ ވިދާޅުވީ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރަންދަތީ އެންމެ ފަހުން ފެނިގެންދިޔަ ފެބްރުއަރީ 7 ގެ ކަންތައްތަކަށް ބަލާލާއިރުވެސް ފެނިގެންދިޔައީ ސިޔާސީ ބަޔަކު ވެރިކަމާ ހަވާލުވިތަން ކަމަށެވެ. އަދި 7 ފެބްރުއަރީގައި ފުލުސް އޮފީސް ތެރެއިންވެސް ފެނިގެންގޮސްފައިވަނީ ސިޔާސީ ބޭފުޅުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އޭގެކުރިޔަށް ބަލާއިރު މުހައްމަދު އަމީންގެ ދައުރުގައިވެސް ފެނިގެންގޮސްފައިވަނީ ސިޔާސީ ބޭފުޅުން އެކަންކަމުގައި އުޅުއްވިތަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންމިދަނީ ސިފައިގެން ހުރިހާ ލެވެލެއްގެ މީހުންގެ ވެސް ބަސް ހޯދައިގެން އެމީހުންގެ ބަސް އަޑުއަހައިގެން ކަމަށެވެ. އަދި ސިފައިން ގޭގެ ކަންކަން ތަންފީޒުކުރަނީ އެންމެންގެ ޚިޔާލާއި މަޝްވަރާގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ސިފައިން ރައްޔިތުންގެ މަޖިލިސް ހިސާރުކުރި ކުރުމަށް އިޝާރާތްކޮށް މިއަދު އެފަދަ އަމަލެއް ސިފައިން ހިންގަފާނެތޯ ދެންނެވުމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ސިފައިންނަކީ އަންނަ އޯޑަރަކަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. ސިފައިން ގޮސް މަޖިލީހަށް ވަނީމާ އެއީ ސިފައިންގެ މީހާ އާއި ދައްކަންޖެހޭ ވާހަކައެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ސިފައިންގެ ކޮމާންޑަރ އިން ޗީފަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވާއިރު، ސިފައިންގޮސް އެގޮތަށް ވަންނަނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އޯޑަރު ދެއްވީމަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިފައިންގެ އެންމެ މަތީވެރިޔާ އާއި ޤާނޫނު އަސާސީން ކަންތައްތަކެއް ލާޒިމު ކޮށްފައިވަނީ ޒިންމާއާ އެކުކަމަށެވެ. އެހެންކަމުން ސިފައިންގެ އެންމެ މަތީވެރިޔާއަށް ސިފައިން އުޅޭ ގޮތާއި އޯޑަރު ދެއްވާއިރު އޭގެ ޒިންމާ ނަންގަވަންޖެހެނީ ކޮންބަޔެއްކަން އެނގިވަޑައި ގަންނަވަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސިފައިންގެ ފެންނަނީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ގަވާއިދުތަކަށް ބޯލަނބައިގެން މަސައްކަތްކުރާތަން ކަމަށެވެ. އަދި ސިފައިންނާ ދޭތެރޭ ކަންކުރާނެ ގޮތްތައް ލިޔެވި އެ އުސޫލުގެ ތެރެއިން ކަންކުރެވިގެންދާތަން ފެނިގެންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވޭ ގޮތަށް ސިފައިންގެ ބައްޓަން ކުރައްވާނެކަމުގަ އެވެ. އަދި މިސަރުކާރު އައި ފަހުން ސިފައިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ސިފައިންގެ ފައުޖުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަބަދުވެސް ތަމްރީން ކޯސްތަކާއި ރޭންކް ޓްރެއިނިންތައް ހެދެމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އުންމީދަކީ މި ފަސް އަހަރު ނިމޭއިރު ޕްރޮފެޝަނަލް، ރައްޔިތުން ލޯބިވާ، ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްޔިތުންނާއި އެކީގައި މަސައްކަތްކުރާ ބަޔެއްގެ ގޮތުގައި ބައްޓަންކުރުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


