ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 11:13
މަޖިލިސް 2019
މަޖިލިސް 2019
މަޖިލިސް
މަޖިލިސް 2019
އިންތިޤާލީ އިންސާފުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފި
 
މި ގާނޫނު ހިނގާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް
 
މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެ
 
ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު

އިންތިޤާލީ އިންސާފުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.

މި ޤާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.

މި ޤާނޫނު ހިނގާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ.

މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެއެވެ. އޮމްބަޑްސްމަންގެ އޮފީސް އެކުލެވިގެންވާނީ ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ 3 އޮމްބަޑްސްމަނުންގެ މައްޗަށެވެ.

އޮމްބަޑްސްމަންގެ އޮފީހުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސީ މިނިވަންކަމާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެ ފަދަ މައްސަލަތައް ދެނެގަނެ، ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި ހަޤީޤަތާއި ހަމަޔަށް ވާޞިލުވުން ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލު ކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް