އިންކަމް ޓޭކްސްއާއެކު ދައުލަތަށް ލިބޭ ޢާމްދަނީ 600 މިލިއަނަށްވުރެ މައްޗަށް އަރާނެ : ފިނޭންސް
އިންކަމް ޓެކްސް 6،000 މީހުންގެ އަތުން ނެގޭނެ

ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް
ވަކިވަރަކަށް ވުރެ ޢާމްދަނީ ގިނައިން ލިބޭ ފަރާތްތަކުގެ އަތުން ނެގުމަށް ތައްޔާރުވަމުންދާ އިންކަމް ޓެކްސް އިން ޢާމްދަނީގެގޮތުގައި ދައުލަތައް ލިބޭ ފައިދާގެ ޢަދަދު 600 މިލިއަނަށްވުރެ މައްޗަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނުވަގަޑީގައި ވާހަކަދައްކަވަމުން ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ އިންކަމް ޓެކްސްގެ ބޭނުމަކީ ޓެކްސްގެ ނިޒާމް ފުރިހަމަކުރުމާއި، ޢާމްދަނީއަށް ޖަވާބުދާރީ ކުރުވުމާއި، ވަގު ވިޔަފާރިއާއި، ނަހަމަގޮތުގައި މުއްސަނދިވުން ހުޓުވުން ހިމެނޭ ކަމަށެވެ. އަދި މިޓެކްސްގެ ނިޒާމުން މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ކުޑަ ކުރެވިގެންދާއިރު، ދައުލަތަަށް ލިބޭ ޢާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން އިންކަމް ޓެކްސްއިން ގާތްގަނޑަކަށް ދައުލަތަށް އަހަރަކު އާމްދަނީގެ ގޮތުގައި 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަރުޝަދު ވިދާޅުވިއެވެ.
އަރުޝަދު ވިދާޅުވީ 6،000 މީހެއްގެ އަތުން އިންކަމް ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށާއި، ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ނިންމަނީ ޕްރޮގްރެސިވް ޓެކްސްގެ އުޞޫލުން ކަމަށެވެ.
40،000 ރުފިޔާ އިން މަތީގެ ޢާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސަރުކާރަށް ލަފާ ދީފައިވަނީ 10،833 ރުފިޔާ އިން މަތީގެ ޢާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނަގާށެވެ. އަދި އެޖެންޑާ 19 ހިމަނާފައި އޮތީ 60،000 ރުފިޔާއިން މަތީގެ ޢާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ.
މިކަމަށް ރިޢާޔަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން އަރުޝަދު ވިދާޅުވީ އިންކަމް ޓެކްސްގެ "ތްރެސް ހޯލްޑް" އަކީ 40،000 ރުފިޔާ ކަމަށާއި އެއަށްވުރެ ދަށް ޢާމްދަނީ ލިބޭނަމަ ޓެކްސް ދައްކަން ނުޖެހޭނެކަމަށެވެ. އަދި އިންކަމް ޓެކްސް ދައްކަންޖެހޭ މީހުން ކަނޑައެޅާނީ އެމީހެއްގެ ދިރިއުޅުމުގެ ފެންވަރާއި ކުރާ ޚަރަދުތަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މާލޭގައި ގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ގޭބީސީއެއްގެ ޚަރަދު އެވްރެޖުކޮށް މަހަކު 41،570 ރުފިޔާ އަށް އަރާ އިރު، މިއީ ގާތްގަނޑަކަށް ފަސް ވަރަކަށް މީހުން ދިރިއުޅޭ ގެއެއްގެ 02 މީހަކަށް ލިބޭ ޢާމްދަނީކަން އޭނާ ފަހަގަކުރެއްވިއެވެ.
އިންކަމް ޓެކްސްއާ އެކު އުވާލާ ޓެކްސްތަކަކީ ރެމިޓެންސް ޓެކްސް، ލޭންޑް ސޭލްސް ޓެކްސް، ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް(ބީ.ޕީ.ޓީ) ބޭންކް ޕްރޮފިޓް ޓެކްސް އަދި ޕެޓްރޯލިއަން ޓެކްސްއެވެ.







