ނުރަސްމީ ތައުލީމު މަހާސިންތާ ފަށައިފި
7 އޮކްޓޯބަރު 2019 | ހޯމަ 08:23ކޮންމެ އަތޮޅަކުން ތިން ކައުންސިލަރުން ބައިވެރިވޭ

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނުރަސްމީ ތައުލީމު މަހާސިންތާ ފަށައިފިއެވެ.
މިމަހާސިންތާ ޝަރުފަރުވެރިކޮށްދެއްވީ ސަރުކާރަށް ގިނަ ދުވަހު ޚިދުމަތްތައް ކުރެއްވި މުހައްމަދު މުސްތަފާ ހުސެއިންއެވެ.
މަހާސިންތާއާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ނުރަސްމީ ތައުލީމު އަމާޒު ކުރެވެނީ ބޮޑެތި މީހުންނާއި ސްކޫލަށް އެކި ސަބަބުތަކާ ހުރެ ނުދެވޭ ކުދިން އަދި ކުށްތަކަށް އަރައިގަނެގެން އެކިއެކި ނާޒުކު ހާލަތްތައް މެދުވެރިވެގެން ތައުލީމުން އެކަހެރިވެފައިވާ ފަރާތްތަކަށް ކަމަށެވެ.
ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ނޭޝަނަލް ނަންފޯމަލް އެޑިޔުކޭޝަން ޕޮލިސީއެއް ހެދިފައި ނެތް ކަމަށާއި، މިމަހާސިންތާގެ ތެރެއިން ނަންފޯމަލް އެޑިޔުކޭޝަން ޕޮލިސީއާއެކު ސްޓްޓެޖިކް ޕްލޭން އެކުލަވާލަވާލާނެ ކަމަށެވެ. މިމާހާސިންތާގައި ބައިވެރިވާ އަތޮޅުތެރޭގެ ކައުންސިލް މެމްބަރުންގެ ހިޔާލާއެކު އެއަތޮޅަށް އެންމެ އެކަށީގެންވާ ގޮތަކަށް ނުރަސްމީ ތައުލީމު ކުރިއަށް ގެންދެވޭނެ ގޮތް ބަލައި މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނުރަސްމީ ތައުލީމު ވަރުގަދަ ކޮށްދިނުމަކީ މިސަރުކާރުގެ ސަޔާސަތެއްކަން ފާހަގަކުރައްވައި ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ނުރަސްމީ ތައުލީމަށް އަމާޒުކޮށްގެން އިތުރު މަހާސިންތާތައް ބޭއްވިގެންދާނެ ކަމަށެވެ.
ދެދުވަހަށް ކުރިއަށް ގެންދާ މިމަހާސިންތާގައި ކޮންމެ އަތޮޅަކުން ިތިން ކައުންސިލަރުން ބައިވެރިވެއެވެ.
މިމަހާސިންތާއަކީ ޔުނިސެފް، އެޑިޔުކޭޝަން މިނިސްޓްރީ، ކައުންސިލްތައް އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގުޅިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.






