މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް: ޝަރީފް
14 ސެޕްޓެމްބަރު 2019 | ހޮނިހިރު 04:49އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ޑިމަކްރަސީގެ އެއް ތަނބު

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބުތައް ކަމަށާއި، ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ދޮގު ވާހަކަތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިލްތިމާސްކޮށްފިއެވެ.
ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި ޑިމޮކްރޮސީ ރަންގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ޑިމޮކްރޮސީގެ ތަނބުތަކުގެ ތެރެއިން އެއް ތަނބު ކަމަށާއި، ރައްޔިތުންނަށްޓަކައި އެކަން ކޮމިޝަނުން ކޮށްދީފައިވާ ކަމަށެވެ. އަދި ފާއިތުވި އިންތިހާބުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ނޫން ކަމަށް ބަޔަކު ތުހުމަތު ކުރި ނަމަވެސް ބޭއްވިގެން ދިޔަ އިންތިޚާބުތަކަކީ އިންސާފުވެރިކަމާއެކު ކުރިއަށްދިޔަ އިންތިޚާބުތަކެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން އިންތިޚާބުތައް އޮބްޒާވްކުރި ބައިނަލްއަގްވާމީ އަދި ލޯކަލް އޮބްޒާވަރުން ދީފައި ހުރި ކޮމެންޓްތަކަށް ބަލާއިރު މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ޝައްކުކުރެވޭ އެއްވެސް ކަމެއް ހާމަވެފައި ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް އަލިއަޅުއްވާލައްވާ ޝަރީފް ވިދާޅުވީ ދުނިޔޭގެ މަގުބޫލު އެއްޖަމިއްޔާ ކަމަށްވާ ކޮމަންވެލްތުން ނެރުއްވާފައިވާ ރިޕޯޓުގައި ރާއްޖޭގައި ބޭއްވުނު އިންތިޚާބުތަކަކީ ނަމޫނާ އިންތިޚާބުތަކެއް ކަމަށް ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ މިއީ މުޅި ގައުމަށް ލިބުނު ފަހުރެއް ކަމަށާއި، މި ސަރަހައްދާ ދުނިޔޭގެ އެހެން ގައުމުތަކުން މިއީ މިސާލެއްގެ ގޮތުގައި ނަގަން ޖެހޭނެ އިންތިޚާބެއްގެ ކަމުގައި ގަބޫލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ރާއްޖޭގެ ރައްޔިތުންގެ އަޑު އިއްވާ ފަރާތެއް ކަމަށާއިި އަދި ކުރާ މަސައްކަތުން ހާމަވެގެންދަނީ ގާނޫނުތަކާއި ގަވާއިދާ އެއްގޮތަށް ކުރެވޭ މަސައްކަތެއްކަން ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި މަސައްކަތްތައް ކުރާނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ ފަރާތްތަކުން ކޮމިޝަނާއި މެދު ސުވާލު އުފައްދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް ޝަރީފް ވަނީ އިލްތިމާސްކޮށްފައެވެ.





