އިންފޮމޭޝަން ކޮމިޝަނަރު މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރާއިރު ލައިވްކުރަނީ!
8 އޯގަސްޓު 2019 | ބުރާސްފަތި 03:25ޓްރާސްޕޭރަންޓްކޮށް މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވޭ

އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރިއަށް ގެންދާއިރު ޓީވީތަކުން ލައިވް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ރޮޒެއިނާ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި މަސައްކަތްތައް ކުރިއަށްދާ ގޮތް ޓްރާސްޕޭރަންޓް ކުރުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
މެމްބަރު ރޮޒެއިނާ ވިދާޅުވީ ލައިވް ނުކޮށް ވެސް އިންޓަވިއު ކުރިއަށް ގެންދެވިދާނެ ކަމަށާއި، ނަމަވެސް އެބޭފުޅުންގެ ގާބިލްކަން ފެނިވަޑައިގަންނަވާނީ އެވަގުތު ކޮމެޓީގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންނަށް ކަމަށެވެ.
އެގޮތުން ޓީވީތަކުން އިންޓަވިއުތައް ކުރިއަށްދާ ވަގުތު ލައިވް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ލައިވް ކުރުމާ މެދު ދެން އެންމެ އަވަހަށް ބާއްވާ ކޮމެޓީއަކަށް ހުށަހަޅާ ގޮތެއް ނިންމާނެ ކަމަށް މެމްބަރު ރޮޒެއިނާ ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ ހުސައިން ފިޔާޒް މޫސާ، އަހްމަދު ފަޔާޒް، އަހްމަދު އާހިދް ރަޝީދު އަދި ފާތިމަތު ސައުޝަން އެވެ.
އިންފޮރމޭޝަން ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަން ކުރަނީ، އެ މަގާމުގައި މި ވަގުތު ހުންނެވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމްގެ މުއްދަތު މި މަހުގެ 22 ވަނަ ދުވަހު ހަމަވާތީއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކަކީ ދައުލަތުގެ އެކި އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ބާރު އަޅައި، އެ ކަމަށް ހުރި ހުރަސްތައް ނައްތާލުމެވެ.









