ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކުރާ ފަރާތްތަކުން ދޮގު މައުލޫމާތު ފޯރުކޮށްދޭ: މެމްބަރު އިމްތިޔާޒް
24 ޖުލައި 2019 | ބުދަ 04:40ސްޕްރީމްކޯޓުން ފޮނުވި ސިޓީފުޅުގައި ހުރި ދޮގުވާހަކަތަކެއް

މާފަންނު އުތުރުދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ
ޖުޑިޝަރީ ކޮމެޓީން ބަލަމުންދާ މައްސަލަތަކުގައި ހާޒިރުކުރާ ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފޯރުކޮށްދޭ ކަމަށް އެކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރުދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
މެމްބަރު އިމްތިޔާޒު ވިދާޅުވީ ޖުޑިޝަރީ ކޮމެޓީއަކީ މިރާއްޖޭގެ ޝަރުއީ ނިޒާމާއި އަދުލްއިންސާފުގެ ނިޒާމު އިސްލާހުކުރުމަށް އެކުލަވާލި ކޮމެޓީއެއް ކަމަށާއި، އެކޮމެޓީން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
މެމްބަރު އިމްތިޔާޒް ވިދާޅުވީ ޖުޑިޝަރީގެ މައްސަލައެއް ހުށައަޅައިފިނަމަ ނުވަތަ ފާހަގަވެއްޖެނަމަ ކޮމެޓީން ބަލަމުންދާ ކަމަށާއި، ގުޅުންހުރި މުއައްސަސާތަކުގެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަމުންދާ ކަމަށެވެ.
މިގޮތަށް މައުލޫމާތު ހިއްސާކުރާއިރު ހަގީގަތާއި ހިލާފަށް ދޮގުމައުލޫމާތު ދެމުންދާ ކަމަށް މެމްބަރު އިމްތިޔާޒް ވިދާޅުވިއެވެ.
މެމްބަރު އިމްތިޔާޒް ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝަލް ސަރިވިސް ކޮމިޝަން ދަށަށް އައުމަކީ ހިލިހިލާ އެޅިގެންދާ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަ ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ އަތްދަށުގައި އޮތީމަ ވީގޮތް ތަޖުރިބާ ކޮށްފައިވާ ކަމަށާއި، އަލުން އެއިޔާދަ ކުރަން ބޭނުން ނުވާ ކަމަށެވެ.
މީގެ އިތުރުން މެމްބަރު އިމްތިޔާޒް ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ބެހޭ ކަންކަން ގޮތްތައް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުން ކަމަށާއި، ސިޔާސަތުތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
ގާނޫނު އަސާސީއަށް އަލިއަޅުއްވާލައްވާ މެމްބަރު އިމްތިޔާޒް ވިދާޅުވީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގައި ކޯޓުތަކުގެ ހިންގުމުގެ ގާނޫނު ހަދާނީ މަޖިލީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތް ކުރުން އެއީ ސީދާ ކޯޓުތަކުގެ ފަޑިޔާރުންނަށް ލިބިގެންވާ ބާރެއް ކަމަށާއި، އެހައްގު ފުރިހަމައަށް ލިބޭނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.







