ސިފްކޯ ހިޔާ ޕްރޮޖެކްޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ: އެމްއެންޑީއެފް
29 ޖޫން 2019 | ހޮނިހިރު 13:04އައު ސަރުކާރުން މިޕްރޮޖެކްޓަށް ޚާއްސަ އަހަމިއްޔަތުކަމެއްދޭ


ސިފްކޯ ހިޔާގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލައްވަނީ
ސިފްކޯ ހިޔާ ޕްރޮޖެކްޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ނިންމަން ކަނޑައަޅާފައިވާ ތާރީހަށް ނިންމޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފްކޯ ހިޔާ ޕްރޮޖެކްޓް ގިނަ ދުވަސްތަކަކަށް ހުއްޓިފައި އޮތް ކަމަށެވެ. ނަމަވެސް އައު ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދީގެން މިޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.
މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ ސިފްކޯ ހިޔާ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ޚާއްސަ ޓީމްތަކެއް ނެގިގެން އެސެސްމެންޓްތައް ހެދި މިހާރު ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިފްކޯ ހިޔާ ޕްރޮޖެކްޓްގެ ބޮޑެތި މަސައްކަތްތައް ކުރުމަށް އެބައޮތްކަން ފާހަގަކުރައްވައި މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންނަނީ ރާއްޖެއިން ބޭރުން ކަމަށާއި، މިއަންނަމަހުގެ 26ގައި އައު ޝިޕްމެންޓް ލިބޭނެ ކަމަށެވެ.
މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ މަސައްކަތް ނިންމުމަށް ވަކި ތާރީހެއް ކަނޑައަޅާފައިވާ ކަމަށާއި، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހެއް މޭޖަރ ޖެނެރަލް ޝަމާލް ވިދާޅެއް ނުވެއެވެ.
ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާ ފްލެޓް ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފުލެޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުއެވެ.





