މާލޭގެ މަގު މައްޗަށް އަނެއްކާ ވެސް ކުޑަދޮރެއް ވެއްޓިއްޖެ
27 މެއި 2019 | ހޯމަ 18:22މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ


މަގު މައްޗަށް ވެއްޓުނު ކުޑަދޮރު
މާލޭގެ މަގު މައްޗަށް އަނެއްކާ ވެސް ކުޑަދޮރެއް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ ގާތްގަނޑަކަށް 19:45 ހާއިރު މާފަންނު ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި އިން އަލުމިނިއަމް ދޮރެއް ވެއްޓިގެން އެގޭގެ ވެރިފަރާތުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. މިދޮރު ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު ހޯމަ ދުވަހު މަޖީދީ މަގުގައި ހުންނަ މާލޭ ގްރޭންޑްގެ ހަތަރު ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި އަންހެނަކަށް އަނިޔާވިއެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު މާވެޔޮ މިސްކިތުން ވެސް ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް ވަނީ އަނިޔާވެފައިވެއެވެ.







