އެޓާނީ ޖެނެރަލް ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފި
11 މެއި 2019 | ހޮނިހިރު 13:52ކޮރަޕްޝަނުން ރައްޔިތުންނާއި ދައުލަތް ސަލާމަތް ކުރުމަށް މަސައްކަތް ކުރަން


އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ދީބާޖާ ކުންފުނީގެ މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.
މިމައްސަލައާ ގުޅިގެން ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް އިރެއްގައި ނާޖާއިޒް ގޮތުގައި މުއްސަނދިކަން ހޯދަން ނޫނީ ފައިސާ ހޯދަން ޑީލްތަކެއް ހަދާފައިނުވާނެ ކަމަށެވެ.
ރިފްއަތު ވިދާޅުވީ އަމިއްލަ ގޮތުން ގާނޫނީ ވަކީލުކަން ހުއްޓާލީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، އަބަދު ވެސް ހަވާލު ކޮށްފައިވާ ކަންކަން ތެދުވެރިކަމާ އަމާނަތްތެރިކަމާއެކު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ރިފްއަތު ވިދާޅުވީ ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ހުސް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ރައްޔިތުންނާއި ދައުލަތް ރައްޔިތުން ސަލާމަތް ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސުގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު އެއްބަސްވުމަކަށް އައެވެ. ނަމަވެސް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން ވަނީ އުވާލާފައެވެ.
ދީބާޖާ ކުންފުނިން އެމައްސަލާގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ އެކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކުރިއެވެ. އަދި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ މަތީ ކޯޓުން ނިންމާފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.






