ދިވެހިރާއްޖޭގައި ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓް ބޭނުން ނުކުރާ ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެމެރިކާގެ ބޮއިން ކުންފުނީގެ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓްތަކުގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާ ދުނިޔޭގެ ބައެއް އެއާރލައިންތަކުން ވަނީ އެމަރުކާގެ ފްލައިޓް ބޭނުންކުރުން ހުއްޓާލައި، ފްލައިޓްތައް ގުރައްންޑް ކޮށްފައެވެ.
ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ބޮއިން 737 މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރުމާއި ގުޅިގެން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް އެއާރ ވޯދިނަސް އަބްދުﷲ މުހައްމަދު ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ހުރި ފްލައިޓް ތަކަކީ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓްތައް ނޫން ކަމަށެވެ. އެހެންކަމުން އެކަމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ގައުމުތަކުން މިމަރުކާގެ ފްލައިޓެއް ރާއްޖެއަށް އައިސްފާނެތޯ ސުވާލު ކުރުމުން އަބްދުﷲ ވިދާޅުވީ، ރާއްޖެއަށް ދަތުރު ކުރާ ގިނަ އެއާލައިންތަކުން އެމަރުކާގެ ފްލައިޓްތައް ބޭނުން ކުރުން ހުއްޓާލާފައިވާކަން އިއުލާން ކޮށްފައިވާއިރު އެ މަރުކާގެ ފްލައިޓެއް ރާއްޖެއަށް ދަތުރުކޮށްފާނެ ކަމުގެ ފުރުޝަތު ކުޑަކަމަށެވެ.
''ރާއްޖެއަށް އަންނަ އެއާލައިނެއް ސްޕައިސް ޖެޓް. ސްޕައިސް ޖެޓްގެ ވެސް 737 ހުރޭ. އެކަމަކު ރާއްޖެއަކަށް ސްޕައިސްޖެޓް 737 މި ވަގުތު ނުކުރާނެ. އިންޑިއާއިން އެއޮތީ 737 އޮޕަރޭޓް ނުކުރުމަށް އަންގާފައި'' އޭނާ ވިދާޅުވިއެވެ.
އަވަށްޓެރި އިންޑިއާގެ ބަޖެޓް އެއާލައިންސް ކަމަށްވާ ޖެޓް އެއާރވެސްގެ އިތުރުން ސްޕައިޕްސްގެ ޖެޓްގެ ބޮއިން 737 މެކްސް ފްލައިޓްތައް ވަގުތީ ގޮތުން ގްރައުންޑު ކުރިކަން އެ ގައުމުގެ ސިވިލް އޭވިއޭޝަނުން އިއުލާން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ސްޕައިސް ޖެޓްއިން ބޮއިން 737 މެކްސް މަރުކާއިގެ 13 އެއާކްރާފްޓެއް ގެންގުޅެއެވެ.
ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް ގައުމުތަކުގެ އެއާ ސްޕޭސް އަށް ވަނުން މަނާކޮށްފައިވާއިރު ރާއްޖޭގެ ސިވިލް އޭވިއޭޝަން އިން އެފަދަ ފިޔަވަޅެއް އަޅާފާނެތޯ ސުވާލު ކުރުމުން މުހައްމަދު ވިދާޅުވީ، ރާއްޖެއިން ވެސް އެފަދަ ގޮތަކަށް ސާކިއުލާއެއް ނެރެވިދާނެ ކަމަށެވެ.
'' އަޅުގަނޑުމެން އެލެވެލް އަކަށް ދާކަށް ނުޖެހޭ އަދި. ބިކޯޒް، ރާއްޖެއަށް މިއަންނަ އެއާލައިންތަކަށް ބަލާއިރު ޗައިނާ އީސްޓަން، ޖެޓްއެއާރވޭސް ސްޕައިސް ޖެޓް މި ހުރިހާ ތަނަކުންވެސް މިއަންނަނީ އެތަނުގެ ގައުމުގެ އޮތޯރިޓީ ތަކުން ހުއްޓުވާފައި.'' އަބްދުﷲ ވިދާޅުވިއެވެ.
ޔޫރަޕްގެ ގައުމުތަކުން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް ހުއްޓާލުމުން ރެއިން ފަށައިގެން އެއްވެސް ފްލައިޓެއް ރާއްޖެއަށް އަންނަ ޝެޑިއުލްކޮށްފައި ނުވާނެ ކަމަށާއި، ބޮއިން 737 މެކްސް މަރުކާގެ ފްލައިޓެއް އައުމުގެ ފުރުސަތު ކުޑަކަމަށް އެއާރ ވޯދިނަސް ޑިރެކްޓަރު ވިދާޅުވިއެވެ. އެކަމަކު ޗާޓަރު ފްލައިޓެއް ރާއްޖެގައި ނުޖައްސަފާނެ ކަމަށް ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް ބޭނުން ކުރުން ހުއްޓާލާފައި މި ވަނީ މި މަހުގެ 10 ވަނަ ދުވަހު އިތިއޮޕިއާއިން ފުރައިގެން ކެންޔާގެ ނައިރޯބީ އަށް ދަތުރުކުރި ބޮއިން 737 މެކްސް މަރުކާގެ ފްލައިޓް ވެއްޓުމާއި ގުޅިގެންނެވެ. އެ ފްލައިޓުން ދަތުރު ކުރި ހުރިހާ އެންމެން ވަނީ މަރުވެފައެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، ހާދިސާ ތަހުގީގު ކޮށް ނުނި މެނީސް އެމަރުކާގެ ފްލައިޓްތައް ބޭނުންނުކުރާނެ ކަމަށް ގިނަ އެއާލައިންތަކުން ވަނީ ބުނެފައެވެ.
ހަމަ އެ މަރުކާގެ އިންޑަނޭޝިއާގެ ލަޔަން އެއާ ފްލައިޓް އެއް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެއްޓި ފްލައިޓުން ދަތުރުކުރި އެންމެން ވަނި މަރުވެފައެވެ.