ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނާއި، ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކުރީ 51 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މިމީހާ ހައްޔަރުކުރީ މާލެއިން ފުރައިގެން ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ފެރީއަކުން ރިސޯޓަކަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ޑިސެންބަރު 3 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަންގައި ކަމަށެވެ. އަދި މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.