ހިޔާލީ ދުނިޔެއިން ނުކުމެ މަޖިލިސް އިންތިޚާބަށް މަސައްކަތް ކުރަން ޖެހޭ: ޝަރީފު
23 އޮކްޓޯބަރު 2018 | އަންގާރަ 16:49މަޖިލިސް އިންތިޚާބަށް ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ


އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު
ހިޔާލީ ދުނިޔެއިން ނުކުމެ ވަޑައިގެންގެން މަޖިލިސް އިންތިޚާބަށް މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު އިއްވާފައިވަނިކޮށް ޝަރީފު ވިދާޅުވީ ހިޔާލީ ދުނިޔެއިން އެންމެން ވެސް ނުކުންނަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބަށް މަސައްކަތް ކުރުން މާ ބުއްދިވެރިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވަނީ ހަގީގަތް ގަބޫލު ކުރުމަށް ވެސް ގޮވާލައްވާފައެވެ.
ޝަރީފު މިޓުވީޓް އަމާޒުކުރައްވާފައި ވަނީ އިންތިޚާބު އޮޅުވާލި ކަމަށް ބުނެ އޭނާ އާއި އެކޮމިޝަންގެ މެންބަރުންގެ މައްޗަށް ތުހުމަތު ކުރާ މީހުންނަށް ކަމަށް ބެލެވެއެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ރައީސް ޔާމީނަށް ތާއީދު ކުރާ މަދު ފަރާތްތަކަކުން އަންނަނީ އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ބޮލުގައި ގިނަ ތުހުމަތުތަކެއް އަޅުވަމުންނެވެ. އަދި ކޮންމެ ރެއަކު ޕީޕީއެމްގެ މައި އޮފީސް ދޮރު މައްޗަށް އެއްވެ އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.








