Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނަށް ނޫނެކޭ ބުނުން

ރައީސް ޔާމީން، މަނިކުފާނުގެ ހުރި މައްސަލައަކީ ކޮބާ؟

ބޮޑު ތަފާތަކުން ރައީސް ޔާމީން ވަނީ ބަލިވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2018 | އަންގާރަ 12:58
ރައީސް ޔާމިން: ބޮޑުތަނުން ވަނީ ބަލިވެފައި

ރައީސް ޔާމިން: ބޮޑުތަނުން ވަނީ ބަލިވެފައި

ރައީސް ޔާމީނަށް

ހެޔޮ ދުއާ ސަލާމް

މަނިކުފާނަށް އަޅުގަނޑު މި ސިޓީ މިފޮނުވަނީ ހަމަ މިނޫން އެއްވެސް ގޮތެއް ނެތިގެންނެވެ. މިއީކީ ހަމައެކަނި އަޅުގަނޑުގެ އެކަނި ވާހަކަ ތަކެއް ނޫނެވެ. އަޅުގަނޑު މެދުވެރިކޮށް މި ހިސާބުގަނޑު މީހުންނާއި ބަސްބުނެވޭ ވަރުގައި ތިބި ދެކެފަރިތަ ރައްޓެހިންގެ ވާހަކަތަކެވެ. މަސްވެރިންނާއި ދަނޑުވެރިން އަދި އަނބިދަރިން ދޫކޮށް ރިސޯޓުތަކުގައި ދިރިއުޅޭ ޒުވާނުންގެ އުދާސްތަކެވެ. ތާ އުމުރަށް އެއްކުރި ފައިސާކޮޅުން ފެށި ކުދި ވިޔަފާރިތައް ކޮޅަށް ނުޖެހިގެން އުޅޭ މީހުންނާއި ގޯތީގެ ރަޖިސްޓްރީ ބާއްވާފައި ނެގި ލޯނުން ވިޔަފާރި ހަމައަކަށް އަޅުވާ ނުލެވިގެން ސިކުނޑި ސުމަކަށް ދާވަރުވެފައި ތިބި މީހުންގެ ކަންބޮޑުވުންތަކެވެ. ރާއްޖެއަށް އެހީ ދޭންތިބި މީހުންނާ ބޮޑެތި އިންވެސްޓްތައް ކުރާހިތުން ތިބި ބޭރުގެ މަހުޖަނުންގެވެސް ކޮންސަރން ތަކެވެ. މީގެ އިތުރުން މިގެއާ އިންވެގެން މިހިރަ ދެގޭގެ އާދަމްބެއާ ހުސޭނު ބޭ ވެސް ބަލި އެނދުގައި އޮވެގެން ކުރާ ބޮޑު ޝަކުވާގެ ވާހައެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟

އަޅުގަނޑުމެން 2013 ވަނަ އަހަރު މަނިކުފާނަށް ވެރިކަން ހަވާލު ކުރީކީ މަނިކުފާނު ދެކެވާ ލޯތްބަކުން އަދި ކުރާ ތާއީދަކުންނެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށްވެސް އެނގިވަޑައި ގަންނަވާނީ ހަމަ މަނިކުފާނަށެވެ. ލިބުނު ދޮޅަހަކަށް ވޯޓު ތެރެއަށް އިތުރު ވޯޓުކޮޅެއް ލިބުނީ ތުއްތޮންބެގެ އާދޭހުންނެވެ. ޤާސިމްބެއާ ޖަމީލުގެ ބުރަ މަސައްކަތުންނެވެ. އަދި ޝައިޚް އިމްރާނާއި އަދާލަތު ޕާޓީގެ އެހީތެރިކަމާއެކީގައެވެ.

މަނިކުފާނު ނިކަން ވިސްނާލަ ބައްލަވާށެވެ. ވެރިކަން ހޯދަ ދީފައި އަޅުގަނޑުމެން ނިންމާލީކީ ނޫނެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކުރާނެ ގޮތަކަށް ކުރާން ރައްޔިތުންނަށް ހޯދާނެހާ ހެޔޮގޮތެއް ހޯދައިދޭން ފައްސިޔަ ވާނެ ހުރިހާ ކަމެއްވެސް ކޮށްދިނީމެވެ. ރައްޔިތުންގެ މަޖިލިސް މަނިކުފާނުގެ ހިތަކަށް ހެދީމެވެ. މަނިކުފާނާ އިދިކީލި ހުކުމެއް ނުނެރެވޭވަރަށް ކޯޓުތައް އޮތީ މަނިކުފާނާ އެއްކޮޅަށެވެ. މިނިވަން މުއައްސަސާތަކެކޭ މަނިކުފާނުގެ ކުޑަވައި އިންގިއްޔެކޭ އެއްވަރެވެ. ހަލުވާލާނެ ވަރަކަށް ހަލުވާލެވޭވަރުގައެވެ. ސުމާރެއް ނެތްގޮތަށް ލޯނު ނެގުން އޯކޭ ކުރީމެވެ. ޕްރޮޖެކްޓްތައް ހާވާނެހާ ގޮތަކަށް ހާވާން ދޫކޮށްލަން ކޮމިޝަންތައް އޮތީ ހަނުހިމޭނުންނެވެ.

މުލިއާގޭގައި އުޅޭކަށް ބޭނުމެއް ނެތޭ ތިމަން އުޅޭނީ ތިމަންނާގެ ގޭގައޭ ބުނީމާވެސް ބޮލުގައި ރިއްސާލިއެވެ. އެކަމަކު އެގޭވެސް ފައްކާކޮށް ނިންމާ އެހެން ގެއެކާ ލާޖައްސައިގެން ތިޔަ ގަންނާނެ ގަނޑެއް ގަނެ ހިލާލީގެއަށް ބަދަލުވީމާވެސް އަޅުގަނޑުމެން ބަހެއް ނުބުނަމެވެ. ވަތުބަނޑޭރިއެއްހެން މަނިކުފާނުގެ އަނބިކަނބަލުން ބަހައްޓައިގެން ކުންފުނިތައް ހަފުސްވަންދެންވެސް އަޅުގަނޑުމެން މިތިބީ ހަނުހިމޭނުންނެވެ. ތިން އިމާރާތް އެޅޭވަރަށް އެއް އިމާރާތް އަޅައިގެން، ދެ ބްރިޖްގެ ޚަރަދަށް ފާލަމެއް އަޅާލި އިރު އަޅުގަނޑުމެން ހޯބޯ ލެވިން ހެއްޔެވެ.

މަނިކުފާނެވެ. ނިކަން ވިސަނާލަބަލާށެވެ. މަނިކުފާނު ނުރުހުނީމާ ރަނގަޅު ޤާނޫނެއް އެބައޮތް ހެއްޔެވެ. މަނިކުފާނު ގަޔާ ނުވީމާ ކަމުދާ މީހަކު އެބަ ހުރިހެއްޔެވެ. މަނިކުފާނުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި އެއްވެސް ޤާނޫނެއް އަނބުރާ ބަދަލުކުރަން ނުޖެހިފައި އެބައޮތް ހެއްޔެވެ. ކިތައް ނައިބު ރައީސުން މި ފަސްއަހަރު ތެރޭ ލެވިއްޖެ ހެއްޔެވެ. ޕޮލިސް ކޮމިޝަނަރުން ބަދަލުކުރި އަދަދު އެނގޭ ހެއްޔެވެ. ވަޒީރުން ޖަލަށްލެވުނު މިންވަރެއް ހަނދާން އެބަ ހުރިހެއްޔެވެ. ނުރުހުނީމާ ނުރުހޭ މީހަކަށް އޮންނަ ބޮޑު ޕަސެންޓް ބަސްބުނާ ހިނދުން ތިޔަ ވައްޓާލަނީ ސީދާ ޒީރޯއަށެވެ. އަނދަގޮނޑި ނޫން އެއްޗެއް ނޯވެއެވެ.

ރައީސް ޔާމީނެވެ. މަނިކުފާނުގެ މައްސަލައަކީ ކޮބައިހެއްޔެވެ.

މިއަދު މިޤައުމަށް ރުހުމެގެ ލޮލަކުން ބަލާލާނެ ޤައުމެއް އެބައޮތް ހެއްޔެވެ. އަވައްޓެރިން ހަތުރުންނަށްވެ ދިވެހިންނަށް ވީމާ ޚާއްޞަ ޤަދަރެއްކުރި މީހުން ބަހެއްވެސް ނުބުނެ އެފޮނުވާލަނީ އައި ބޯޓުން ރާއްޖެއަށެވެ. ދައުރެއް ތިޔަ ނިންމާލީ އދ މަޖިލީހަށް ވަޑައިގަންނަވަންވެސް ކެރިވަޑައި ނުގަނެއެވެ. އެހީދިން ޖަމްއިއްޔާތަކާއި މޫނު ކަނޑާލައިފިއެވެ. އަތުގައި އޮތް އެއްޗެއް ދިއްކޮށްލާ ހިތުން ތިބި މީހުންވެސް އެތިބީ ދޭ އެއްޗެއް ރައްޔިތުންނާ ހަމައަށް އަންނާނެކަމުގެ ޔަޤީންކަމެއް ނެތީތީ އެކަން ނުކުރާން ވެގެންނެވެ. ދިވެއްސަކަށް ވީތީ ވަމުންއައި ފަޚުރުވެރިކަން މިއަދު ބޮޑު ބޮލުގެ ރިހުމަކަށް ވެއްޖެއެވެ.

މަނިކުފާނެވެ. ތިޔަ ހައްދަވަނީ ކިހިނެއް ހެއްޔެވެ. ނުކުރާނަމޭ ވިދާޅުވެ ނުނިމެނީސް އެކަމެއް އޮންނަނީ ކުރައްވާފައެވެ. ޤަބޫލު ކުރައްވަމޭ ވިދާޅުވެއްޖެނަމަ ދެން އިވޭނީ އިންކާރު ކުރެއްވި ވާހަކައެވެ. ބަލައިގެންފީމޭ ވިދާޅުވެ ނިމެންވާއިރަށް ފުރާޅުން އޮންނަނީ ޓިނު ނެގި ބަޔަކު ހައްޔަރު ކޮށްފައެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާހެއްޔެވެ. އިންވެސްޓަރުންވެސް އެތިބެނީ ގަންނާ ކުރައްވާ ބިރުން މިތަނަށް އަންނާން ނުކެރިފައެވެ. ކޯޓުތަކުން ނިންމަފާނެ ގޮތެއް ނޭނގޭތީ ފައިސާ ފޮއްޗެއްވެސް ޚަރަދުކުރާން ނުކެރިފައެވެ.

ރައީސް ޔާމީނެވެ. ތިޔަ އުޅުއްވަނީ ކިހިނެއް ވެގެންތޯއެވެ. މައްސަލައަކީ ކޮބައިހެއްޔެވެ. މިއޮށް ހުރިހާ ދުވަހު އަޅުގަނޑުމެން ތިބީކީ ރުހިގެނެއް ނޫނެވެ. އެގްރީމެންޓް ހަމަވަންދެންނެވެ. މަނިކުފާނު ކަމޭ ނުހިއްތެވިއަސް އެއްބަސްވުމާ ޚިލާފް ނުވުމަށެވެ. މަނިކުފާނަށްދިން 5 އަހަރުގެ ދައުރު ހަމަވަންދެނެވެ.

މިއަދު އަޅުގަނޑުމެން ގޮތް ނިންމައިފީމެވެ. މުއްދަތު ހަމަވެއްޖެއެވެ. އެގްރީމެންޓް އާކުރެވޭވަރަށްވުރެ މަނިކުފާނުގެ އިތުބާރު ގެއްލުނީތީއެވެ. މާލިމީ ކަމުގައި ބެހެއްޓޭވަރަށްވުރެ މަނިކުފާނުގެ ނާގާބިލްކަން ފެނުނީމައެވެ. ވައި އެނބުރޭ މި މޫސުމުގައި ދަތުރު ކުރެވޭވަރަށް މަނިކުފާނަށް އާޖްފާޖް ނޭނގޭކަން ޔަޤީން ވީމައެވެ. އިތުރަށް ކުރިއަށް ހިނގައްޖެނަމަ ބޯނުހިކޭވަރަށްވުރެ ހާލަތަކަށް ވެއްޓިދާނެތީ ގަންނާ ކުރައްވާ ބިރުންނެވެ. ގިނި ދުށްމީހާ ރަތްމަލަށް ބިރުގަންނަ ބީދައިންނެވެ. ކަނަކު އަތްދަށުވިއަސް ދެން ތިޔަ ރިޔާ ދަށުގައި ނުވާންވެގެންނެވެ.

މަނިކުފާނު ނިކަން ހަނދުމަފުޅު ކޮށްލައްވަ ބައްލަވާށެވެ. އަޅުގަނޑުމެން މިކަން މިކުރީ ވަރަށް ރީތިކޮށެވެ. ވޯޓަކުންނެވެ. އެންމެ ފަހު ދުވަހަށްވެސް މަނިކުފާނު ބަހައްޓައިގެންނެވެ. އިހްތިރާމް ކޮށްގެންނެވެ. ގައިގައި އަތްނުލައެވެ. އެގްރީމެންޓާ ޚިލާފްވި ފަހަރުތައް މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލައިގެންނެވެ. އެކަމަކު މިއަދު ތިޔަ ޖައްސަވަނީ ދެން ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުން ނިންމެވި ގޮތް ބަލައި ނުގަނެ އެރައްޔިތުން ގަނަ ތަޅުވާން ތިޔަ އުޅުއްވަނީ ރައްޔިތުންގެ ކޮން ކުށަކުން ހެއްޔެވެ. މަނިކުފާނާމެދު ނުރުހުނަސް މަނިކުފާނަށް 5 އަހަރަށް މިޤައުމު ދޫކޮށްލައިގެން ތިބީތީ ހެއްޔެވެ.

މަނިކުފާނެވެ. ދެން ކެތްކުރެވޭކަށް ނެތެވެ. ދެން އާނބަސް ބުނެވޭކަށް ނެތެވެ. ކޯޓަށް ވަޑައިގަތަސް ވަރިކުރީމާ ދެން އެވީ ވަރިއެވެ. ގަދަފައި ވިއްދާފައި މަށަކު ނުދާނަމޭ ބުނެގެން ފަރުޖެއްސޭނެ ގޮތެއް ނޯންނާނެވެ.

ނިންމާލަމުންވެސް މަނިކުފާނަށް ހެޔޮ އެދޭތީ ބުނަމެވެ. ތިޔަ އަނިޔާ ދިނުން ހުއްޓާލާށެވެ. ރައްޔިތުން ގަނަތެޅުވުން ދޫކޮށް ލައްވާށެވެ. މިކަން ނިމިއްޖެއެވެ. ރައްޔިތުން މިއަދު މަނިކުފާނަކަށް ބޭނުމެއް ނުވެއެވެ. ހަމަ އެއްގޮތަކަށްވެސް މަނިކުފާނަކަށް ނޭދެއެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

06 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު