އިބޫ އިންތިޚާބު ކާމިޔާބު ކުރިއަސް ގައުމު އަމާން ވެއްޖެ ކަމުގެ ހިތްހަމަޖެހުން ނުލިބޭ: އަމީން
2 އޮކްޓޯބަރު 2018 | އަންގާރަ 06:27ރަށުތެރި ހަލަބޮލިކޮށް، ޖަރީމާ ހިންގަން އުޅޭ ކަމުގެ ފޯނު ކޯލްތައް ލިބޭ


ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް
ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރިއަސް ގައުމު އަމާން ވެއްޖެ ކަމުގެ ހިތްހަމަޖެހުން ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ރައީސް ޔާމީން ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ނަތީޖާ ގަބޫލުފުޅު ނުކުރައްވާ، ހައްގު ހޯދުމަށް މުޒާހަރާއަށް ނުކުމުތަމަށް ގޮވާލައްވާފައިވާ މި ދަނޑިވަޅުގައި އަމީން ވިދާޅުވީ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ނަމަވެސް ގައުމު އަމާންވެއްޖެ ކަމުގެ ހިތްހަމަޖެހުން ނުލިބޭ ކަމަށާއި، ރަށުތެރެ ހަލަބޮލި ކުރުމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
ރައީސް ޔާމީން ބަލި ގަބޫލުފުޅު ނުކުރައްވާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ރަށުތެރެ ހަލަބޮލިކޮށް، ޖަރީމާ ހިންގަން އުޅޭ ކަމުގެ ފޯނު ކޯލްތައް ލިބެމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން ރައްޔިތުންނާއި ތޮޅެން ނޫޅުމަށް ވެސް އަމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުފައިވާ ކަމަށް ޕީޕީއެމުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ނުފޫޒު ވަދެފައިވާ ނަމަ ވަދެފައިވާނީ ރައީސް ޔާމީނާއި، ޕީޕީއެމްގެ ނުފޫޒު ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުން ނުކުމެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށާއި، ފައިސަލް ނަސީމަށް ވޯޓު ދިނުމަކީ އިލެކްޝަންގެ މެންބަރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ އެކޮމިޝަނަށް ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96,052 ވޯޓެވެ. އިބޫ ލިބިވަޑައިގަންނެވީ 134705 ވޯޓެވެ.





