ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް ހުންނާނީ އަބަދު ވެސް އިންސާފުގެ މަގުގައި: ޝަރީފު
2 އޮކްޓޯބަރު 2018 | އަންގާރަ 03:50ރައްޔިތުންގެ އަޑު ވަރަށް ސާފުކޮށް އިއްވައިފި، އެއަޑު އެހުމަކީ އެންމެންގެ ޒިންމާއެއް


އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ގިނަ ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް ހުންނާނީ އަބަދު ވެސް އިންސާފުގެ މަގުގައި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައީސް ޔާމީން ވާދަކުރައްވާ ބޮޑު ތަފާތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި މުޒާހަރާއެއްގައި ރައީސް ޔާމީން ވަނީ އިންތިޚާބުގެ ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައެވެ. އަދި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށާއި، ނުފޫޒު ވަދެފައިވާ ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ހައްގު ހޯދުމަށް މުޒާހަރާ ކުރުން މަތީ ދެމި ތިބުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
ގިނަ ފާޑު ކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޝަރީފު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިންނާއި ފަހުން އައި ހުރިހާ ފާޑު ކިޔުމަކާ ސާބިތުކަމާ އެކު ކުރިމަތިލާފައިވާ ކަމަށާއި، އޭރު ވެސް މިހާރު ވެސް ހުންނާނީ އިންސާފުގެ މަގުގައި ކަމަށެވެ.
ޑިމޮކްރަސީއެއްގައި އިންތިޚާބުތަކަކީ ރައްޔިތުންގެ އަޑުކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ރައްޔިތުންގެ އެއަޑު ވަރަށް ސާފުކޮށް އިއްވާފައިވާ ކަމަށެވެ. އަދި އެއަޑު އެހުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ކޮމިޝަންގެ ރައީސް ޝަރީފްގެ ފޯން ކޯލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެއޯޑިއޯއަކީ އެކި ފޯން ކޯލްތަކުން އަޑު ނަގައިގެން ޑަބްކޮށްގެން ހަދާފައިވާ އަސްލެއް ނެތް އޯޑިއޯއެއް ކަމަށެވެ. މި މައްސަލަ ތަހްގީގްކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ތަހްގީގަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އިންތިހާބު އޮޅުވާލި ކަމަށް ބުނެ ތުހުމަތު އަޅުވަމުންދާތީ ހިތާމަ ކުރައްވާ ކަމަށެވެ.








