މިދިޔަ ދުވަސްތަކުގައި އަދުލްއިންސާފުގެ ދާއިރާ އޮތީ ބޮޑު ނުފޫޒެއްގެ ތެރޭގައި ޣަރަގުވެފައި: ޝެއިހް ޒައިދު
15 އޮކްޓޯބަރު 2018 | ހޯމަ 12:16ފަޓާސްބަރި އެއް ހެން ސިޔާސީ ހައްޔަރީންތައް ވަނީ ހައްޔަރުން ދޫވާން ފަށާފައި


މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު
މިދިޔަ ދުވަސްތަކުގައި އަދުލްއިންސާފުގެ ދާއިރާ އޮތީ ބޮޑު ނުފޫޒެއްގެ ތެރޭގައި ޣަރަގުވެފައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަޓާސްބަރިއެއްހެން ސިޔާސީ ހައްޔަރީންތައް ހައްޔަރުން ދޫވާން ފެށުމުން، މީގެ ކުރިން އަދުލްއިންސާފު ދާއިރާ އޮތީ ބޮޑު ނުފޫޒެއްގެ ތެރެއަށް ޣަރަގުވެފައިކަން އެނގޭ ކަމަށެވެ.
ޝެއިހް ޒެއިދް ވިދާޅުވީ އެއިރެއްގެ ސަރުކާރާ ދެކޮޅުވެރި ވިއަސް ޝަރީއަތް ކުރެވެންޖެހޭނީ އިންސާފުން ކަމަށެވެ. އަދި ނުހައްގުން ދިން އަނިޔާއަށް ވަރަށް ގިނަ ބަޔަކު ކަރުނަ އަޅާފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ދެކޮޅުވި ސިޔާސީ ގިނަ ބޭފުޅުންތަކެއް ވަނީ ނުހައްގުން އަނިޔާދީ ޖަލުގައި ހައްޔަރުކޮށްފައެވެ.
އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ކާމިޔާބު ހޯއްދަވާފައެވެ. އަދި އެމަނިކުފާނު ވަނީ ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.
ކޯޓުން ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން މުހައްމަދު ނަދީމު މިނިވަންކޮށްފައެވެ. އަދި ޖަލުގައި މިހާރު ތިއްބެވި ބޭފުޅުން ވެސް މިނިވަންކުރާނެ ކަމުގެ ޔަގީން ކޯލިޝަނުން ވަނީ ދީފައެވެ.









