ހުރިހާ ސިޔާސީ ބޭފުޅުން ޖަލަށް ލިއަސް ޑިމަކްރަސީއަށް ކުރާ އުންމީދު ޖަލަށް ނުލެވޭނެ: މެންބަރު ޝާހިދު
14 ޖޫން 2018 | ބުރާސްފަތި 03:27ރައީސް މައުމޫން ޖަލަށްލުމަށް ކޯޓުން ހުކުމް ކުރުމަކީ ލަދުގަންނަން ޖެހޭވަރުގެ ނިންމުމެއް

މެންބަރު ޝާހިދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ސިޔާސީ ހުރިހާ ބޭފުޅުން ޖަލަށް ލިޔަސް ޑިމަކްރަސީއަށް ދިވެހި ރައްޔިތުން ކުރާ އުންމީދު ޖަލަށް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލެއްވުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ މެންބަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ޖަލަށްލުމަށް ކޯޓުން ހުކުމް ކުރުމަކީ ލަދުގަންނަން ޖެހޭވަރުގެ ނިންމުމެއް ކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން ޖަލުގައިކަން ފާހަގަކުރައްވައި މެންބަރު ޝާހިދު ވިދާޅުވީ ޑިމަކްރަސީ ޖަލަށްލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
މިޓްވީޓާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް މެންބަރު ޝާހިދު ވިދާޅުވީ މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ އަނިޔާވެރި، ހިތްދަތި ދަނޑިވަޅެއް ކަމަށެވެ. އަދި މިފަދަ ހިތްދަތި ދަނޑިވަޅުގައި އުންމީދު ލިބެނީ ރައްޔިތުންގެ ފަރާތުން ކަމަށާއި، އަދި އެރައްޔިތުންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނައިސް އިސްލާހީ މަސައްކަތުގައި ސާބިތުވެ ތިބޭތީ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
މެންބަރު ޝާހިދު ވިދާޅުވީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ މިވެރިކަން ބަދަލުކުރުމަށް އިސްލާހީ މަސައްކަތުގައި ދެމިތިބެ، އެ އަޒުމްގައި މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން ނުކުމެ މިއަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ.






