ކ. މާލެ
|
2 މެއި 2018 | ބުދަ 21:38
ރައީސް އަބްދުﷲ ޔާމިން:- ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ތުހްމަތު ކުރެވޭ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާ
ރައީސް އަބްދުﷲ ޔާމިން:- ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ތުހްމަތު ކުރެވޭ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.
 
ބޮޑުންގެ ޝަރީއަތާ ގުޅޭ ގޮތުން އެންމެ ރަނގަޅު ނޫން މައުލޫމާތު ހާމަ ކުރެެއްވި
 
ހެކި ނުދީގެން ބަޔަކު ބަންދުކޮށްފައި ނެތް

ގާނޫނު އަސާސީގައި ބުނާ ގޮތުން ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލަ އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައިގެން ނުވާނެ އެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށްވިއަސް އަދި ވެރިކަންކުރާ ޕާޓީއަކަށް އެކަމުން އިސްތިސްނާވެގެންނުވެ އެވެ. އެކަން އެގޮތަށް އޮތް ނަމަވެސް ރައީސް އަބްދުﷲ ޔާމިން ގެންދަވަނީ މިހާރު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިފައިވާ ބައެއް ބޭފުޅުންނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަތައް ފެތެނީ ދައުލަތުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނަވައިގެން ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ބަޔަށެވެ.  

އަންގާރަ ދުވަހުގެ ރޭ ރުމާލު2 ޖަގަހައިގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެކަނި ވެސް ރައީސް ޔާމިން ދެއްކެވި ވާހަކަތަކުގައި ފަނޑިޔާރުނަށް ލިބިވަޑައިގެންފައިވާ ބައެއް ބާރުތައް އެއީ ނެތް ބާރުތަކެއްގެ ގޮތުގައި ރައީސް ޔާމިން ވިދާޅުވިއިރު ބައެއް ވާހަކަފުޅުތައް ހުރީ ހިނގަމުންދާ ގޮތުގެ ހަގީގަތް ވެސް އޮޅޭ ގޮތަށެވެ. އަދި ޝަރީއަތަށް އެއިން ނުފޫޒު ފޯރާނެ ކަމަށް އެންމެ އާދައިގެ ވިސްނުމުން ވިސްނާމީހާއަށް ގަބޫލުކުރާ ވަރަށް ރައީސް ޔާމިން ވާހަކަފުޅުތައް ދިޔައިރު އެއްބަޔަކު އަތް ޖެހި ނަމަވެސް އެއީ ތަރުހީބުދޭން ޖެހޭނެ ފަދަ ވާހަކަތަކެއް ނޫނެވެ.  

އެގޮތުން ރައީސް ޔާމިން ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބަންދުގައި ބޭތިއްބެވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުން ގެއަށް ނުފޮނުވިގެން އުޅެނީ އެ ބޭފުޅުން ހެކި ދެއްވަން ބޭނުން ނުވާތީ ކަމަށާއި ހެކި ނުދެއްވާ ނަމަ އެ ބޭފުޅުންނަށް ކޯޓުން ހުކުމެއް އަންނާނެ ކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކައިގައި މުޅިން ވެސް ހުރީ ހަގީގަތާ ހިލާފު ވާހަކަފުޅެވެ. އެއް ކަމަކީ ހެކި ނުދިނުމަކީ މީހަކު ބަންދުގައި ބަހައްޓަން ޖެހޭނެ ފަދަ ކަމެއް ނޫނެވެ. އަދި އެ ބޭފުޅުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރެއްވި ސަބަބުގެ ތެރޭގައި ވެސް އެއިން ކަމެއްގެ ވާހަކަ ވެސް ނެތްއިރު އެ ބޭފުޅުން ބަންދުގައި ތިބީ ހެކި ނުދީގެން ކަމަށް އެމަނިކުފާނަށް މައުލޫމާތު ދިނީ ކާކުކަމެއް ނޭނގެ އެވެ.

އަޅުގަނޑުމެން މިއީ އެ ވިދާޅުވާ ބޭފުޅުންގެ މައްސަލަތަކުގެ އަޑުއެހުންތަކަށް ކޯޓަށް ދާ މީހުން ކަމަށް ވާތީ ކަނޑައެޅިގެން ބުނަން އެނގޭ ވާހަކައަކީ އެ ބޭފުޅުން ބަންދުގައި އެ ތިއްބެވީ ހެކި ނުދީގެން ކަމަށް ބުނެ އެއް ނޫނެވެ. ހެކި ނުދީގެން މިހާތަނަށް އެއްވެސް ބޭފުޅަކު ހައްޔަރު ކޮށްފައިނެތެވެ. އަދި އެގޮތަށް ކޯޓުން ވެސް ކަނޑައަޅާފައިނުވެ އެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އުފުލީ އެ ބޭފުޅުން އަތުގައި އޮންނާނެ ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ އެ ފޯނެއް ނުދީގެންނެވެ. އަދި އެ ބޭފުޅުން ހައްޔަރު ކުރެވުނު ތަނުން ވެސް އެ ފޯނު ހޯދައި ފުލުހުންނަށް ނުފެނުނީ ތީ އެވެ. ރައީސް ޔާމިނަށް އެނގިވަޑައިނުގެންނެވި ހެން ހީވަނީ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ނުދިން ކަމަށް ބުނެ ރައީސް މައުމޫނު ވެސް އަދި އުއްތަމަ ފަނޑިޔާރު ވެސް އަދި އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރެވިފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން އެ ބޭފުޅުން ހައްޔަރުގައި ބައިތިއްބާފައިނުވާ ކަމެވެ. އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވަނީ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އަދި އެ ބޭފުޅުން މިހާރު ބަންދުކޮށްްފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ވެސް ހެކި ނުދިނުން ހިމެނިފައިނުވެ އެވެ. އެހެން ކަމުން ރައީސް ޔާމިން އެވަނީ ކަނޑައެޅިގެން ހަގީގަތް އޮޅޭ ގޮތަށް އެކަމުގައި ވާހަކަ ދައްކަވާފަ އެވެ.

ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖާކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަކީ ފަނޑިޔާރަށް އަބަދުވެސް އޮންނަ ބާރެކެވެ. އަދި ފަނޑިޔާރުގެ ކިބައިން ބަންދާމެދު ގޮތެއް އެދިވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައި ހެކި ނުދޭނަމަ އެއީ ފަނޑިޔާރަށް ވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށް  ވިދާޅުވުމަށް ވުރެ ޝަރީއަތުގެ ތެރެއަށް ނުފޫޒު ފޯރުވޭނެ ގޮތެއް އޮންނާނެތޯ އެވެ.  

ދެން އެމަނިކުފާނު ވިދާޅުވި އަނެއް ވާހަކަފުޅަކީ މި ބޭފުޅުންގެ މައްސަލަތައް އަވަސް ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެކަން ކުރައްވަނީ މީހުންގެ ހައްގުތައް ގެއްލޭތީ ކަމަށެވެ. އެހެން ނަމަވެސް މި ބޭފުޅުންގެ މައްޗަށް އުފުލިފައިވާ ދައުވާއަށް ބަލާއިރު އެ ބޭފުޅުންގެ ހިންގި ކަމަށް ބުނާ ކުށުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ބޭފުޅެއްގެ ހައްގެއް ގެއްލިފައި ނެތްކަން އެނގެ އެވެ. އަދި ކޮށްގެން އުޅޭ ދައުވާތަކަކީ އެއްވެސް ބޭފުޅެއްގެ ހައްގަކަށް އަރައިގަނެގެން ނުވަތަ ގެއްލުން ދީގެން ކޮށްގެން އުޅޭ ދައުވާތަކެއް ވެސް ނޫނެވެ. އެ ބޭފުޅުންގެ މައްޗަށް ކުރާ ކުށުގެ މައިގަނޑު މަގުސަދެއް ކަމަށް ފެންނާން އޮތީ ރައީސް ޔާމިންގެ ވެރިކަން ވައްޓާލަން އުޅުމެވެ. އެ ބޭފުޅުންގެ މައްސަލަތައް އަވަސްކޮށްދޭން ރައީސް އެދިވަޑައިގަންނަވަނީ ބައެއްގެ ހައްގުތައް ރައްކާތެރިކުުރުމަށް ކަމަށްވާނަމަ ރައީސް ޔާމިނާ ކުރެވޭ ސުވާލަކީ މީގެ އެތައް އަހަރެއް ކުރިން ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސް ކުރަން އެދިވަޑައިނުގަންވަނީ އެއީ އާދައިގެ ނިކަމެތިން ކަމަށްވާތީ ތޯ އެވެ. 

 ދެން އޮތީ މި ބޭފުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅެވެ. މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އިން ނެރުނު ކަމަށް ފުލުހުން ބުނާ ކަޅުފޮއްޓާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ އެ ފޮށިން ފެނުނު މައުލޫމާތު އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެ ވާހަކަތައް އެމަނިކުފާނު ދައްކަވާ ކަމަށްވާނަމަ ޝަރީއަތައް ނުފޫޒު ފޯރުވުގެ ޖާގަ އެބަ އޮތެވެ. ސަބަބަކީ މައްސަލަ ސާބިތުކުރަން ހުށަހަޅާފައިވާ ހެއްކަކީ މައްސަލައެއް ސާބިތުކުރަން ލިބޭނެ ބާރުގަދަ ވަސީލަތަކަށްވާއިރު އެ ހެއްކަކީ ރަނގަޅު އެއްޗެއް ކަމަށް ރައީސް ވިދާޅުވުމަކީ މައްސަލައެކެވެ. 

ޝަރީއަތާ ގުޅޭ ގޮތުން ރައީސް ޔާމިން ވާހަކަފުޅު ދައްކަވަން ނުޖެހޭ ސަބަބަކީ އެމަނިކުފާނު ބާރު ޖުޑިޝަލް ސާވީސް ކޮމިޝަނަށް އޮތުމެވެ. މި ވަގުތު ޖޭއެސްސީގައި ރައީސަކު ނެތްއިރު ނައިބު ރައީސަކަށް ހުންނެވީ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ބޭފުޅާ އެވެ. ދިހަ މެމްބަރުންގެ އެ ކޮމިޝަނުގައި ބަންޑާރަ ނައިބު އަނިލްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރިޒާ ފަދަ ބޭފުޅުން ތިއްބެވި އެވެ. ޖުޑިޝަލް ސާވީސް ކޮމިޝަނަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައި، ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރެވޭއިރު ރައީސުލް ޖުމްހޫރިއްޔާ ވަކި ގޮތަކަށް މައްސަލަތަކުގައި ދެކޭ ގޮތް ހާމަ ކުރުމަކީ މިނިވަންކޮން މައްސަލައެއް ބެއްލެވުމަށް ފަނޑިޔާރުނަށް އޮންނާނެ ހުރަކަށް ވެދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
50%
50%
ކޮމެންޓް
3 މެއި 2018 | ބުރާސްފަތި 06:23
އަލީ
އަތް ބާނާފައި!