ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 09:52
އިބްރާހީމް މުހައްމަދު ސޯލިހް
އިބްރާހީމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
އިބޫ ހައްޔަރު ކުރުން
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
އިބޫ އަކީ މެދު ނުކެނޑި 5 ދައުރު މަޖިލީހުގައި އުޅުއްވި މެންބަރެއް. މިހާރު ހަވަނަ ދައުރެއްގައި
އިބޫ އަކީ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރާ މޮޑަރޭޓަރެއް
ޕީޕީއެމްގެ މެންބަރުންވެސް އިބޫއަށް އިހްތިރާމްކޮށް ޤަދަރު ކުރޭ

ސިޔާސީ ކަންކަމާމެދު ވިސްނާލާ ފިކުރު ހިންގާލާ އެވާހަކަތައް ކަވަރ ކުރަން ފެށީންސުރެ އެމޫނު ނުފެންނަ އިރެއް ނުދެއެވެ. ހަމަ އެއްވަރެއްގައި އެއްވާނެއްގައި ހަރަކާތްތެރިވެ އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަމުދުން ކޮންމެ އިރެއްގައި ވެސް އެއްކޮޅާ އިދިކޮޅުން ވެސް ޤަދަރު ކުރާ އިހްތިރާމް ކުރާ ބޭފުޅެއްގެ ގޮތުގައެވެ. 

ފާދިއްޕޮޅު ހިންނަވަރު މުދިންކަލޭގެއަށް ބައްޕަ ވިދާޅުވާ މޫމިނާ ހުސެއިންފުޅާއި ހިންނަވަރު ނޫރާނީއާގޭ އަލްމަރްހޫމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި އިބުރާހީމް މުހައްމަދު ސޯލިހް ނުވަތަ އެންމެންނަށް އެނގޭ ގޮތުންނަމަ އިބޫގެ ދެފަރާތު ޢާއިލާއަކީ އެރަށުގެ ޤަދަރުވެރި ދެއާއިލާއެވެ. އިބޫގެ ބައްޕައަކީ އަތޮޅު ކޮމެޓީތައް އޮތް ދުވަސްވަރު ފާދިއްޕޮޅު އަތޮޅުވެރިޔާގެ މަގާމް ފުރުއްވި ގަދަރުވެރިއެކެވެ. އެއީ 70 ގެ އަހަރު ތަކުގައެވެ. އޭގެ ފަހުން އޭރުގެ ގޮތުންނަމަ ލިބޭ އެންމެމަތީ އެއް ޝަރަފް ކަމުގައިވާ ކިލެގެފާނުގެ ދަރަޖަ ރައީސް މައުމޫނުގެ ވެރިކަމުގައި އިބޫގެ ބައްޕައަށް ވަނީ ލިބިވަޑައިގެންފައެވެ. އެދުވަސްވަރު މާލެއިން އުތުރުގައި އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިއަކީ އިބޫގެ ބައްޕައެވެ. މިއަދު މުޅި ހިންނަވަރާއި އަދި އެއަތޮޅުގެ އެހެން ދަރިން ވެސް ފަޚުރުވެރި ތައުލީމީ ދަރިންތަކެއް އުފަންކުރި އެއަތޮޅު ތައުލީމީ މަރުކަޒު ހިންނަވަރަށް ގެންނެވުމަށް އެންމެބޮޑު މަސައްކަތެއް ކުރެއްވި އެއްބޭފުޅަކީ އިބޫގެ ބައްޕައެވެ. މިއަދު އެމަރުކަޒުން ދަރިވަރުވި ބޭފުޅުން ރައީސް ޔާމީންގެ ސަރުކާރުގެ އިސް މަޤާމް ތަކުގައި ތިއްބެވިއެއްކަމަކު އިބޫގެ ބައްޕަގެ އެހަނދާންތައް ފުހެލެވޭކަށް ނެތެވެ.

އިބޫގެ އުމުރުން ވަރަށް ޅައިރު އިބޫގެ ބައްޕަ ނިޔާވެފައިވަނީ އުމުރުފުޅުން 50 އަހަރު ވެސް ހަމަ ނުވަނީހެވެ. އޭގެ ފަހުން  އާއިލާގައި ތިއްބަވާ އެއްބަނޑު އެއްބަފާ 13 ކުދިންނާ އޭގެ ތެރޭގައި ހިމެނޭ ލޯފަން 5 ކުދިން ބެލުމުގެ އެންމެ ބޮޑު ޒިންމާއެއް ބޮލުއެޅުއްވީ އާއިލާގައި ހުންނެވި އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ހައިސިއްޔަތުން އިބޫއެވެ. މިއަދު ވެސް އެއާއިލާ ބަލަހައްޓަވަމުން ގެންދަވާއިރު ލޯފަން ކުދިންގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން ވެސް އެބަތިއްބެވެ. ރާއްޖޭގައި މަޝްހޫރު ބޭފުޅުންގެ ގޮތުގައި ޚާއްޞަކޮށް ފާހަގަ ކޮށްލެވޭ މަޤާމްތަކުގައި އެއާއިލާގެ ބޭފުޅުން ހިމެނެއެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އައިޝަތު މުހައްމަދު ޞާލިހަކީ ވެސް އިބޫގެ އެއްބަޑު އެއްބަފާ ދައްތައެވެ. އެމްޑީޕީ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ނިޔާޒްއަކީ އިބޫގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

އިބޫއަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫނެވެ. ކުޅަދާނަ ނޫސްވެރިއެއްވެސް މެއެވެ. މުޅިރާއްޖެއަށް މަޝްހޫރު އަދި މިއަދު މިދެކޭ ޒަމާނީ ނޫސްވެރިކަން ދިވެހިރާއްޖެއަށް ގެނައި އެއް ނޫސް ކަމުގައިވާ ސަންގު ނޫހުގެ އެޑިޓޯރިއަލް ބޯޑުގައި އިބޫ ހިމެނިވަޑައިގަންނަވައެވެ. އެނޫހުގައި ޖެހި މުހިންމު ފޮޓޯތަކަކީ އިބޫ ނެންގެވި ފޮޓޯތަކެވެ.. އަދި ދުވަހު ނޫސް މިނިވަން ގެ މަސްއޫލުވެރި ކުންފުނީގެ އެއްހިއްސާ ދާރަކީ ވެސް އިބޫއެވެ. 

އިބޫއަކީ ކުޅިވަރުގެ ބޭފުޅެކެވެ. އެންމެ ކުޑައިރުންސުރެ މޫދަށް ވަޑައިގަތުމަށް ޝައުގުވެރިކަން ހުންނަ އިބޫއަކީ ކުޅަދާނަ ޝޮޓް ޖެހުންތެރިއެކެވެ. ވާތްތެރިއެކެވެ. ވޮލީ ކުޅުމުގެ އިތުރުން ކްރިކެޓް ކުޅުމަށް ޚާއްޞަ ޝައުގެއް ހުންނަ ބޭފުޅެކެވެ. ފުޓްބޯޅައަށް ވެސް ލޯބި ކުރައްވާ އިބޫއަކީ މަޝްހޫރު ވިކްޓަރީ ސްޕޯޓްސް ކްލަބު ހިންގުމުގައި ހާއްސަ ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ބޯޑު މެމްބަރުކަން ވެސް ކުރެއްވިއެވެ. .

ވަރަށް އާދައިގެ ތަކެތި ފަރިއްކުޅުވުމަށް އަބަދުވެސް ސަމާލުކަން ދެއްވާ އިބޫއަކީ އެންމެ އާދައިގެ މީހުންނާ އެއްސުފުރާމަތިން ކޭންބެއްލެވުމަށް ސައުގުވެރިވެވަޑައިގަންނަވާ  ބޭފުޅެކެވެ. ސިޔާސީ ކަންކަމުގައާއި އެހެނިހެން ކަންކަމުގައި އެތައްބަޔަކާއެކު އުޅުއްވާއިރު އަބަދުވެސް އިބޫ އެއާދަ ހިފަހައްޓަވަމުން ގެންދެވިއެވެ.

އުމުރުން 24 އަހަރުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވިއިރު އިބޫއަކީ އޭރުގެ ރައްޔިތުންގެ މަޖިލީހުގައި އިންނެވި އެންމެ ހަގު ދެވަނަ ބޭފުޅާއެވެ. އެމަޖިލީހަށް އިންތިޚާބުވިފަހުން މިއަދާހަމައަށް ހަމައެމެންބަރު ކަމުގައި އެހުންނެވީ މެދުކެނޑުމެއްނެތިއެވެ. 5 އަހަރުގެ 4 ދައުރު ނިންމާ 5 ވަނަ ދައުރެއް އިބޫ ފުރިހަމަ ކުރައްވަމުންދާއިރު މިދައުރު ނިމުމާއެކު މެދުނުކެނޑި މަޖިލީހުގައި އިބޫ 25 އަހަރު ހޭދަކުރައްވާނެއެވެ.  

އިބޫ އަށް ބައްޕަ ވިދާޅުވާ ދެ ބޭފުޅުން ތިއްބަވާ އިރު އިބޫ ފާހަގަ ކުރެވެނީ ސިޔާސީ ކަންކަމާއި އެހެނިހެން ކަންކަމާ ނުގުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެކަމާ ހުރެ އާއިލީ ގުޅުންތަކާއި ރައްޓެހި ރަހުމަތްތެރިކަމަށް ބުރޫ ނާރުވާނެ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ އެއްމިސާލަކީ ރައީސް މައުމޫންގެ ވެރިކަން ނިމުމާހަމައަށް އެމަނިކުފާނުގެ އަރިސް ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހަކީ އިބޫގެ އެއްބަނޑު އެއްބަފާ ކޮއްކޮކަމެވެ. އަދި މިހާރު ރައީސް ޔާމިންގެ އަރިސް ސެކްރެޓަރީއެއްގެ ދައުރު އަދާކުރައްވަމުން ދަނީ ވެސް ފާތިމަތު މުހައްމަދު ޞާލިހެވެ.

ރާއްޖެއިން ބޭރުން ވެސް ކިޔަވާ ވިދާޅުވެގެން ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަކީ އިޤްތިސޯދީ ކަންކަމުގައި ކުޅަދާނަ ބޭފުޅެކެވެ. ޚާއްޞަކޮށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިބޫގެ ދައުރު ވަރަށް ފުރިހަމައެވެ.

އިބޫއަކީ ގިނަބައެއްގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި އެންމެން ވެސް ޤަދަރު ކުރައްވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އިބޫ ނިސްބަތްވާ އެމްޑީޕީގެ އިތުރުން އެޕާޓީއާ އިދިކޮޅު ހުރިހާ ޕާޓީތަކުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޑުމައިތިރި މިޒާޖެއްގެ އިބޫ ހިތްހަމަޖެހިވަޑައި ނުގެން ބާރަށް އެއްޗެއް ވިދާޅުވި އަޑެއް އެއްވެސް މީހަކު އަހާފައެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން އިބޫ އަކީ ސިޔާސީ ކަންކަމުގައި ދެފަރާތުގެ ދެމެދުގައި ހިނގާ ވާހަކަތަކުގެ މުދުވެރިއެއްގެ ދައުރު އެތައް ފަހަރަކު އަދާކުރެއްވި ބޭފުޅެކެވެ. ސިއްރު ހިފަހައްޓަވާ ކަމަށް ހުރިހާ ޕާޓީތަކުން ވެސް އެއްބަސްވެވަޑައިގަންނަވާ ބޭފުޅެކެވެ. އިބޫގެ ހުރިހާ ކަމެއްގައި ވެސް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވާ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޒްނާ އަހުމަދުގެ އާއިލާއަކީ ވެސް ރާއްޖޭގެ އިސްލާހީ ކަންކަމުގައި މުހިއްމު ދައުރެއް އަބަދު ވެސް އަދާކުރައްވާ މެމްބަރުން ތިއްބެވި އާއިލާއެކެވެ.

އެކަމަކު މިއަދު އިބޫ އެހުންނެވީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. ތަނަވަސް ކަމާއި އުފާވެރިކަމާއެކު މަޑުމަޑުން ހުންނެވެން އޮތްއިރު ވެސް ޖަލުގެ ކުޑަގޮޅީގައެވެ. ހަމަ ރައްޔިތުންގެ ހައްގުގައެވެ. އިސްލާހީ މަސައްކަތުގައި ދެމިހުންނެވީތީއެވެ. ހިތުގެ އާލާސްކަންފުޅަކަށް ދާއިމީކޮށް ބޭސް ބޭނުން ކުރައްވާއިރު އެފަދަ ގޮޅިއެއްގައި އޮންނަވަން ޖެހިވަޑައިގެންނެވުމުން ވެދާނެ ގޮތަކާމެދު ކުޑަކޮށް ވެސް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ރައްޔިތުން އިންތިޚާބު ކުރި މަޖިލިސް މެންބަރުންނަށް ޣައިރު ޤާނޫނީ ހުރަހެއް އެޅި ފުލުހުންގެ ސަފުތައް ފަހަނައަޅާ މަޖިލިސްތެރެއަށް ވެންނެވި މެންބަރުންގެ ފައުޖުގެ ލީޑަރަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ. ހަމަ އެބީދައިން ގަދަކަމުން ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާ  ސަރުކާރުގެ ނިވާފަތްގަނޑު ކަމުގައިވާ ފުލުހުންނާ ސިފައިންގެ ސަފުތަކުގެ ތެރެއިން ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ޖުމްހޫރީ މައިދާނަށް ވެންނެވި ޓީމުގެ ލީޑަރކީ ވެސް އިބޫއެވެ.

ކިތައްމެ ހާލެއްގައިވެސް އިބޫ މިހާތަނަށް ކުރައްވާފައިހުރި ކޮންމެ ކަމަކީ އެކަމަކުން ރައްޔިތުންނަށް ފައިދާ ކުރަނިވި ކަންކަމެވެ. އިސްލާހީ މަސައްކަތުގައި މުޅިން ވެސް ހުރީ ރައްޔިތުންގެ ކޮޅު ނަންގަވާފައެވެ. ކިތަންމެ ބިރުވެރިކަމެއް އޮތް ނަމަވެސް ރައްޔިތުންނަށް ޓަކައި އިބޫ މުޅިން ވެސް އަޅުއްވާފައިވަނީ ހަރު އެއްޗެއްސެވެ. މިހާތަނަށް އިބޫ ހިފެހެއްޓެވި ބޮޑު ސިއްރުން ވެސް އެކަން ކިތައްމެހާވެސް ރަނގަޅަކަށް ސާފުވެއެވެ. ނިންމާލަމުން އެވާހަކަވެސް ބުނެލާނަމެވެ. ރައީސް މައުމޫނުގެ ދުވަސްވަރުގައި މަޖިލިސް ތެރެއިން 100 ޕަސެންޓް ވޯޓް ބޭނުންވާ ވޯޓެއްގައި އިބޫ ރައީސް މައުމޫނަށް އެވޯޓް ދެއްވި ސަބަބެވެ. އެއީ އެދުވަސްވަރު އިސްލާހަށް މަސައްކަތް ކުރެއްވި ބޭފުޅުން އެވަގުތު އެންމެ ބޭނުންވި ކަންތައްތަކަށް ޓަކައެވެ. މަޖިލިސް ފެށުނުއިރު ވެސް ސުވާލު އުފެދިފައިވާ އިބޫގެ އެވޯޓް ދެއްވީ އޭރު ޖަލުގައި އޮންނެވި ރައީސް ނަޝީދު މިނިވަން ކުރުމަށެވެ. ވޯޓު ދެއްވާފައި ގެއަށް ވަޑައިގެންނެވިއިރު ރައީސް ނަޝީދު ވެސް ވަނީ ގެއަށް ބަދަލު ކުރައްވާފައެވެ.

މިއަދު އިބޫ ޖަލުގައިވެސް އެއޮންނެވީ  އިސްލާހީ މަސައްކަތުގައި އުޅުއްވައިގެންނެވެ. ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމުގައި އުޅުއްވައިގެންނެވެ.  އެނޫން އެއްވެސް ކަމެއް ކުރައްވައިގެނެއް ނޫނެވެ. 

- ކޮމެންޓް