ބަރާބަރު ހަފްތާއެއްގެ ތެރޭގައި ބަދަލުވެ، އިތުރުވީ ކޮން އިޖުރާޢަތެއް: ލޯޔަރު ޝަމީލް
ފާރިސް ދޫކޮށްލުމަށް އަމުރުކުރުމުން ވަގުތުން އަމުރު ތަންފީޒުކުރި


ފާރިސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް (ކ) އާއި މައުމޫން ހަމީދު (ވ)
މީހަކު ބަންދުން ދޫކުރުމަށް ކޯޓުން ކުރާ އަމުރު ތަންފީޒު ކުރުމާއި ގުޅޭގޮތުން، ބަރާބަރު ހަފްތާއެއްގެ ތެރޭގައި ބަދަލުވީ ނުވަތަ އިތުރުވެގެން އުޅެނީ ކޮން އިޖުރާޢަތެއްތޯ، ފާރިސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ސުވާލު އުފައްދަވައިފިއެވެ.
ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ޝަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުން ދޫކޮށްލުމަށް މި އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އަމުރު ވަގުތުން ތަންފީޒު ކުރެވުނު ކަމަށެވެ. އަދި އޭގެ ފަހުން، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި ޙުކުމް ކުރުމާއި ދެމެދު ހިނގާދިޔަ ބަރާބަރު 1 ހަފްތާގައި، މީހަކު ބަންދުން ދޫކުރުމަށް ކޯޓުން ކުރާ އަމުރު ތަންފީޒު ކުރުމާއި ގުޅޭގޮތުން ހެދިފައި ހުރި އިޖުރާޢަތްތަކަށް އައީ ކޮން ބަދަލެއްތޯ، ނުވަތަ އެ އިޖުރާޢަތްތަކަށް އިތުރުވެގެން އުޅެނީ ކޮން ކަމެއްތޯ ޝަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ޝަމީލްގެ މި ސުވާލު ރައްދުކުރައްވާފައިވަނީ ދިވެހި ފުލުހުންނަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ބުރާސްފަތި ދުވަހުގެރޭ ކުރި ޙުކުމުގައި، 9 ބޭފުޅަކު ހައްޔަރުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފައެވެ. އެ ޙުކުމުގެ ފަސްވަނަ ނުކުތާގައި ވަނީ؛
ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަޙުޤީޤުތަކުގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ޤާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް ބެލިއިރު އެ މައްސަލަތަކަކީ ޤާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލަތަކަކަށް ވާތީ އެ މައްސަލަތަކާމެދު ޝަރުޢި ހަމަތަކުގެ މަތިން ގޮތެއް ކަނޑައެޅެންދެން: ގ. ކެނެރީގޭ، މުޙައްމަދު ނަޝީދު މ. ސީނުކަރަންކާގޭ، މުޙައްމަދު ނާޘިމް މ. ކޮޅުފުށި، މަލްހާރު، ޢިމްރާން ޢަބްދުﷲ ހ. ސާމަރާ، އަޙުމަދު އަދީބު ޢަބްދުލް ޣަފޫރު ގއ. މާމެންދޭ، ތަރްމަސްގޭ، މުޙްތާޒު މުޙްސިން މ. މާފަންނުވިލާ، ޤާސިމް އިބްރާހިމް މއ. ކިނބިގަސްދޮށުގޭ، އަޙްމަދު ފާރިސް މައުމޫން ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން މ. ޝޫރާމަންޒިލް، ޙާމިދު އިސްމާޢީލް އާއި މިފަރާތްތަކާއި ބެހޭ މައްސަލަތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަންކުރުމަށް އަމުރުކުރުމާއެކު މި އަމުރު ތަންފީޒުކުރަން މަސައްކަތް ކުރަމުންދާ ކަމަށްބުނެ، ސަރުކާރުގެ ކަމާއިބެހޭ އެކި އިދާރާތަކުން ދަނީ އެކި ބަހަނާތައް ދައްކަމުންނެވެ.








