Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސީޕީ އަރީފު

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

އަދީބަށް ރައީސް ޔާމީންގެ 500 ޕަސެންޓް އިތުބާރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 29 ޖެނުއަރީ 2018 | ހޯމަ 11:29
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރުކުރުމަށް ނެރުނު އަމުރު ތަންފީޒުކުރުމުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުގެ ތަރި އޮއްސިފައިވާ ކަމަށް ރަށު ތެރޭގައި ވާހަކަ އެބަ ދެކެވެއެވެ. ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މިހާރު އެންމެ ފޯރިއާއެކު ދެކެވޭ އެއް ވާހަކައަކީ މިއީއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓުން ވެސް ކަމެއް ގޯސްވެއްޖެކަން ހާމަވެއެވެ. މީގެ ކުރިން، މީހަކު ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރޭ ކޮންމެ ފަހަރަކު އެ ތަންފީޒުކުރާކަށް ރައީސުލްޖުމްހޫރިއްޔާ ސީދާ އަންގަވާފައެއް ނުވެއެވެ. އެއީ ގާނޫނީ ނިޒާމުގައި ކަން އޮންނަ ގޮތެއް ވެސް ނޫނެވެ. ތަރުޖަމާނުގެ ޓްވީޓް ތަރުޖަމާ ކުރާ މީހުން ބުނަނީ، ސީޕީ އަރީފު އެ އަމުޒު ތަންފީޒު ނުކުރެއްވުމުން، ރައީސްއަށް އެކަން ކުރައްވަން ޖެހިވަޑައިގަތީ ކަމަށެވެ. އެ އަށް ފަހު އަރީފަށް އިސްތިއުފާ ދޭން އެންގި ކަމާއި ގިނަ ވަގުތުތަކެއް ވަންދެން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ހުންނަވަންޖެހުނު ކަމަށް ވެސް ރަށު ތެރޭގައި ދައުރުވާ ވާހަކަތަކުގައި ކިޔައި އުޅެއެވެ.

މިހެން މިވާހަކަތަކެއް ދެކެވެމުންދަނިކޮށް، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ފާޑެއްގެ ވާހަކައެއް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ، ސީޕީ އަރީފަށް ފުރިހަމަ އަށް އިތުބާރުކުރައްވާ ކަމަށް އަޒްލީން މިވަނީ ވިދާޅުވެފައެވެ. ސީޕީ އަރީފާ ގުޅޭ ގޮތުން ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ފިތުނައެއް ކަމަށް ވިދާޅުވީއެވެ.

އަޒްލީނުގެ މި ވާހަކަކޮޅު، "ފާޑެއްގެ ވާހަކައަކަށް" ވަނީ ވަރަށް ގިނަ ސަބަބުތަކަކާ ހުރެއެވެ. މިއީ ދިވެހި ރައްޔިތުންނަށް އާ ވާހަކައެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށް ކުރައްވާ ވަރުގަދަ އިތުބާރަކީ އޭގެން މިސާލު ނަގައިގެން ދެއްކިދާނެ ކަމެކެވެ. މާޒީގައި ހިނގާފައި ހުރި ކަންކަމަށް ބަލާލާއިރު، އެއްވެސް ބޭފުޅަކަށް ރައީސް ޔާމީން އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެއްޖެ ނަމަ އެ ބޭފުޅެއްގެ ނިމުން ދާދި ކައިރީވީއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރެވުމުގެ ކުރިން ރައީސް ޔާމީން ވިދާޅުވީ އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށެވެ. އާޚިރުގައި އަމަލުން އިތުބާރު ކުރައްވާ މިންވަރު ފެނުނުއިރު، އަދީބު އެ އޮންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގައި، އިތުރު 13 ދައުވާއެއް ކުރެވިފައެވެ. އެއީ މިފަހުން ރައީސް ޔާމީނުއާ އެންމެ އަރިސްކޮށް އުޅުއްވި އަދީބަށް ކުރެއްވި އިތުބާރެވެ.

ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ އާއި ވަޒަން ފެނުމުން، ނާޒިމާ ބައްދަލުކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ނާޒިމް އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނާޒިމަށް ފުރިހަަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. ނާޒިމާ މެދު ކަންތައްތައް ވީގޮތާ މެދު ވިސްނާލައްވާށެވެ. ރައީސް ޔާމީން އެފަދައިން ވިދާޅުވިތާ ހަފްތާއެއް ނުވަނީސް މިނިސްޓަރު ކަމުގެ މަގާމުން ނާޒިމް ވަކިކުރައްވައި، ހައްޔަރުކުރިއެވެ. އެ އަށް ފަހު ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާކޮށް 11 އަހަރަށް ޖަލަށްލިއެވެ. އެއީ ނާޒިމްގެ އެއްޗެއް ނޫން ކަން ހާމަވުމުން ވެސް، ކުރައްވާ އިތުބާރެއްގެ ބޮޑުކަމުން ނާޒިމް މިނިވަން ކުރެއްވުމަށް ދެކޮޅު ހައްދަވަނީއެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމުގެ ކުރިން، ހަމަ މިފަދަ އިން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރެއްވުމުގެ ކުރިން، ހަމަ މިފަދަ އިން ފުރިހަަމައަށް އިތުބާރު ކުރެއްވިއެވެ.

ރައީސް ޔާމީނުގެ އިތުބާރުގެ ވާހަކަ، މީހަކާ ގުޅުވައިގެން ދައްކައިފި ނަމަ އެ މީހެއްގެ އަޖަލު އެ ހަމަވީކަން މިފަދަ މިސާލުތަކުން ހާމަވެއެވެ. ވީމާ، ސީޕީ އަރީފު ވެސް މި މަޅީގައި ބެނދިގެން ނިމިދަނީތޯ މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2017

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟
04 ނޮވެމްބަރު 2017

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.
28 އޮކްޓޯބަރު 2017

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟
17 އޮކްޓޯބަރު 2017

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!
07 އޮކްޓޯބަރު 2017

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު