ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 00:53
މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ
މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ
އިންޑިޕެންޑެންޓް.ޔޫކޭ
މިސްރުގެ ރިޔާސީ އިންތިޚާބު
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!
ރިޔާސީ ރޭހުގައި ވާދަ ކުރަން ނުކުތް އެންމެން ގެއްލިއްޖެ
އެތައް ހާސް ސިޔާސީ އެކްޓިވިސްޓުން ކުށްވެރިންނަށްވެ ޖަލުގައި
ރައްޔިތުން ބުނަނީ ވޯޓު ލިޔަސް ނުލިޔަސް ވޯޓުގެ ނަތީޖާ ނުކުންނާނެ ގޮތް އެނގޭ ކަމަށް

މިސްރުގެ އިންތިޚާބަކީ ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ ވިދާޅުވި ނަމަވެސް، އެމަނިކުފާނު އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވީ، ދިރާސާ ކުރާ ފަރާތްތަކުގެ ނަޒަރުގައި، އެމަނިކުފާނަށް ކުރިއަށް އޮތް އިންތިޚާބުގައި އެއްވެސް ވާދަވެރިއަކު ނެތް ކަން ކަށަވަރު ކުރެއްވުމަށް ފަހުގައެވެ.

ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި މިސްރުގައި ކަން ހިނގި ގޮތައް ބަލާއިރު އެ ގައުމުގެ ސިޔާސީ މަސްރަހް އޮތް ގޮތް ވަރަށް ސާފުކޮށް އެނގެއެވެ. އިންތިޚާބުގައި ރަނގަޅު ވާދަވެރިކަމެއް ދައްކަފާނެ ކަމަށް ބެލެވުނު ހުރިހާ ކެންޑިޑޭޓުން ކަހަލަ ގޮތަކަށް މަންޒަރުން ގެއްލި، ފިލާ ހިނގައްޖެއެވެ.

ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު މިސްރުގެ އަސްކަރިއްޔާ އިން ވަނީ މިސްރުގެ އާރމްޑް ފޯސަސްގެ ކުރީގެ ވެރިޔާ ސާމީ އަނާން ކުއްލި އަކަށް ހައްޔަރު ކޮށްފައެވެ. ކުށަކީ އިންތިޚާބުގައި އޭނާ ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުގެ ނަޒަރުގައި އަނާން ވާދަ ކުރެއްވި ނަމަ ސީސީ އަށް ގޮންޖެހުމަކަށް ވެގެން ދާނެއެވެ. އަނާން ހައްޔަރު ކުރުމަށް މިސްރުގެ އަސްކަރިއްޔާ އިން ދެއްކި ބަހަނާ އަކީ އޭނާ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމެވި އިރު ސިފައިންގެ ހުއްދަ ހޯދާފައި ނުވާ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ ގައުމުގެ ރައްޔިތުންނާއި ސިފައިންގެ ސަފުތައް ބައިބައި ކުރުމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ތަހުގީގެއް ހިންގަން ލާޒިމް ވެއެވެ.

ކުރީގެ ބޮޑުވަޒީރު އަހްމަދު ޝަފީގު އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ހާމަ ކުރެއްވުމާއެކު ދެން އިވުނީ އެ ނިންމެވުން ބަދަލު ކުރެއްވި ވާހަކައެވެ. ނިންމެވުން ބަދަލު ކުރެއްވި ސަބަބާ ބެހޭ ގޮތުން އޭނާ ޓުވިޓަރ މެދުވެރިކޮށް އާއްމު ކުރެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މިސްރުގެ ވެރިކަމަށް ވަޑައިގަތުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް އޭނާ އަމިއްލަފުޅަށް ދެކެވަޑައި ނުގަންނަވާކަން ގަބޫލު ކުރެއްވުމާއެކު ނިންމެވުން ބަދަލު ކުރެއްވީ ކަމަށެވެ.

ކަމުގެ ހަގީގަތް ނިއުޔޯކް ޓައިމްސް އިން ހާމަ ކުރި އިރު ވީ ގޮތަކީ، އޭނާ ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވުމާއެކު މިސްރު ސަރުކާރުން ބިރު ދެއްކީއެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ ތުހުމަތު ތަކެއްގެ މައްސަލަ އަލުން ނަގާނެ ކަމަށް މިސްރު ސަރުކާރުން އެންގީއެވެ.

2012 ވަނަ އަހަރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ގާނޫނީ ވަކީލެއް ކަމަށްވާ ޚާލިދު އަލީ މި ފަހަރުގެ އިންތިޚާބުގައިވެސް ވާދަ ކުރައްވާނެ ކަން ވަނީ އިއުލާނު ކޮށްފައެވެ. އެކަމަކު ޚާލިދު އަށް ވެސް ކެންޑިޑެސީ ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހަވާލު ކުރެއްވޭނެ ކަމާ މެދުވެސް ޝައްކެވެ. އޭނާގެ މައްޗަށް އިއްވާފައި ސަސްޕެންޑެޑް ހުކުމެއް އެބަ އޮތެވެ. ވަގުތު ކައިރި ވުމާއެކު ހުކުމް ތަންފީޒު ކުރަން ފަށާ އޭނާވެސް މަންޒަރުން ގެއްލުވާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރެއްވި ކާނަލް އަހްމަދު ކޮންސޯވާ އަކީ ވެސް ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވި ފަރާތެކެވެ. އިސާހިތަކު އޭނާގެ މައްޗަށް 6 އަހަރު ދުވަހުގެ ހުކުމެއް އިއްވާ ޖަލަށް ލިއެވެ. ކުށަކީ އަސްކަރީ އަސާސްތަކާ ޚިލާފްވާ ފަދަ ސިޔާސީ އެޖެންޑާއެއް ގެންގުޅުއްވުން ކަމަށް އަސްކަރިއްޔާ އިން ބުނެފައި ވެއެވެ.

އަވާހަރަކޮށްލެވުނު މިސްރުގެ ކުރީގެ ރައީސް އަންވަރުއް ސާދާތުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުޙައްމަދު އަންވަރުއް ސާދާތުވެސް ރިޔާސީ ރޭހަށް ނުކުންނެވުމަށްފަހު ވަނީ ހަތިޔާރު ބަހައްޓަވާ ފެޔަށް ޖެހިވަޑައިގެންފައެވެ. ސާދާތުގެ ތަރުޖަމާނު ރޮއިޓާސް އަށް ކިޔައިދިން ގޮތުގައި އޭނާ އަށް ކެމްޕޭން ލޯންޗު ކުރަން ހޮޓަލެއްވެސް ލިބޭ ގޮތެއް ނުވިއެވެ. ތިން ހޮޓަލެއްގައި އެދުމުން ވެސް ހޯލު ކުއްޔަންދޭން ދެކޮޅު ހެދީއެވެ. އަނެއް ކޮޅުން އޭނާގެ ކެމްޕޭން މެނިފެސްޓޯ ޗާފް ކޮށްދޭކަށް ޗާޕު ކުރާ ތާކަށްވެސް ނުކެރުނެވެ.

މިސްރުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދޭހަވަނީ، އިންތިޚާބަކީ އިތުބާރު ހުރި އިންތިޚާބެއްތޯ ނުވަތަ ނޫންތޯ ބަލާކަށް ބޭނުމެއް ނުވާ ކަމަށެވެ. މިކަމުގައި އެހެން ބަޔަކު ހިތައް އަރާފާނެ އެއްޗަކާ މެދު ކުޑަ ނަމަވެސް ފަރުވާލެއް ނެތެވެ. އެހެން ކަމުން މާޗް މަހުގެ 26 ން 28 ށް އޮންނަ އިންތިޚާބަކީ ހަމަ އެކަނި ދައްކާލާ ޝޯވ އެއް ގެ ގޮތުގައި ސިފަކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ.

މިސްރުގައި ހަމަ ޖެހިފައި އޮންނަ ގޮތުން، އިންތިޚާބާ ބެހޭ އޮފީހަށް ކެންޑިޑަސީ ހުށަހެޅޭނީ ތާއީދުކުރާ 25،000 (ފަންސަވީސް ހާސް) މީހުންގެ ސޮޔާ އެކުގައެވެ. ނުވަތަ މިސްރުގެ 15 އިދާރީ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާ އަކުން މަދުވެގެން އެއްހާސް ސޮއި ހުށަހަޅައިގެންނެވެ. ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ވިހި މެމްބަރުންގެ ސޮއި ހޯދައިގެންނެވެ. މިސްރުގެ ސިޔާސީ މާހައުލު އޮތް ގޮތުން މިއީ ސީސީ އާ ވާދަ ކުރަން ކެންޑިޑެސީ ކަށަވަރު ކުރަންވެސް އޮތް ބޮޑު ހުރަހެކެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މިސްރުގެ ގައުމީ ޓީވީ މެދުވެރިކުރައްވާ އިންތިޚާބަށް ވާދަ ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވަމުން ސީސީ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް އޭނާ ގޮވާލެއްވީ މީގެ ހަތަރު އަހަރު ކުރިން މިސްރުގައި ފެށުނު ޑިމޮކްރަސީގެ ތަޖުރިބާތައް ރައްކާތެރިކޮށް ދަމަހައްޓަން ޖެހޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ 2014 ވަނަ އަހަރު ބޭއްވުނު އިންތިޚާބު 97 އިން ސައްތައިން ކާމިޔާބު ކުރައްވާ ފެއްޓެވި ރިޔާސީ ވެރިކަން ދަމަހައްޓަން ޖެހޭނެ ވާހަކައެވެ. ސީސީ ކާމިޔާބު ކުރެއްވި އިންތިޚާބަށް ފުރުސަތު ހޯއްދެވީ، އަސްކަރިއްޔާގެ ވެރިޔަކަށް އޭނާ ހުންނަވައިގެން މިސްރުގައި އުފެދުނު ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން އޭގެ އަހަރެއްހާ ދުވަސް ކުރިން އަސްކަރީ ބަޣާވާތެއްގައި ވައްޓާލުމާ އެކުގައެވެ.

2018 ގެ އިންތިޚާބަށް ކުޑަތަން ވަމުން އަންނަ އިރު ފެންމުން ދަނީ އަނެއްކާވެސް ސީސީ ނޫން ފަރާތަކުން މިސްރުގެ ވެރިކަމަށް އައުމަށް މަސައްކަތް ކޮށްގެން ނުވާނޭ ބުނާފަދަ މަންޒަރު ތަކެކެވެ.

އިންތިޚާބު އެއްވެސް ވާދަވެރިކަމެއް ނެތި ކާމިޔާބު ކުރައްވަން ސީސީ ގެންދެވީ ރޭވުންތެރިކަމުގެ ދަށުން އެތައް ފިޔަވަޅު ތަކެއް އަޅުއްވަމުންނެވެ. މި ގޮތުން ގައުމީ ސަލާމަތުގެ ބަހަނާ ދައްކައިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތައް ހައްޔަރު ކުރުމާއި، ސީސީގެ އަރިހުގައި ތިބި ފަރާތްތަކުގެ ތެރެއިން ސީސީއަށް ގޮންޖެހުމަކަށް ވެދާނެ ފަރާތްތައް "ދުއްވާލުމުގެ" ކަންކަން 2013 ވަނަ އަހަރުން ފެށިގެން އޭނާ ގެންދެވީ ކުރައްވަމުންނެވެ.

ސިޔާސީ އެކްޓިވިސްޓުން ހައްޔަރު ކޮށް ޖަލަށްލާ، އެންޖީއޯ ތަކުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ގާނޫނީ އޮނިގަނޑަށް ވަނީ ބަދަލުތައް ގެނެސްފައެވެ. މީގެ އިތުރުން ސަރުކާރަށް ފާޑު ކިޔާ ވެބްސައިޓް ތައް ބްލޮކް ކުރުމާއި، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކަންކަން މިސްރުގެ ސަރުކާރުން ގެންދަނީ ފާޅުގައި ކުރަމުންނެވެ. ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާ އެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނާ ގޮތުގައި 2017 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން ޖަލަށް ލީ ތިން ގައުމުގެ ތެރޭގައި މިސްރު ހިމެނެއެވެ.

އިންތިޚާބުގެ ވާދަވެރިކަން ނައްތާލުމަށް ސީސީ ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޖަލަށް ލާފައިވާ ސިޔާސީ މީހުންގެ އަދަދު އެތައް ހާހަކަށް އަރައެވެ. ބައެއް އަންދާޒާތައް ބުނާ ގޮތުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި 63،000 (ފަސްދޮޅަސް ތިންހާސް) މީހުން ޖަލުތަކުގައި އެބަ ތިއްބެވެ.

މިސްރުގެ ތާރީޚް ދިރާސާ ކުރައްވާ، ޔުނިވަރސިޓީ އޮފް ކެލިފޯނިއާ – ބާރކްލީ ގެ ސެންޓަރ ފޯ މިޑްލް އީސްޓަން ސްޓަޑީޒްގެ ކުރީގެ ވެރިޔާ ނިޒާރު އަލް ސައްޔާދު އަލްޖަޒީރާ އަށް ކިޔައި ދެއްވި ގޮތުގައި ސީސީ ހައްދަވާނެ ގޮތަކީ އިންތިޚާބަށް ވާދަ ވެރިންގެ ގޮތުން ދެތިން މީހަކު ނެރުއްވާނީއެވެ. ނަމަވެސް އެއިން އެއްވެސް މީހަކީ ކުޑަ ނަމަވެސް މިންވަރަކަށް ވޯޓު ލިބޭނެ ފަރާތެއް ނޫން ކަމަށް ސީސީ ޔާގީންވެސް ކުރާނެއެވެ. އާޚިރުގައި އިންތިޚާބު ވެގެން ދާނީ ހަމަ އެކަނި ދައްކާލާ ޝޯވ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުލް ފައްތާހު ސީސީގެ މުށުތެރެއަށް ލައްވާފައިވާ މިސުރުގައި، ރިޔާސީ އިންތިޚާބުގައި ވާދަ ކުރަންވެސް ނުކުމެވޭނީ ސީސީ ރުހޭ ގަބޫލުފުޅު ފަރާތެކެވެ.

ކަން އޮތީ މިހެންކަން މިސްރުގެ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް އެނގެއެވެ. އެހެން ކަމުން ކުރިއަށް އޮތް އިންތިޚާބުގައި މާގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ. ގިނަ މީހުން ބުނަނީ ވޯޓު ލުމުގެ ކުރިން ވޯޓުގެ ނަތީޖާ އެނގޭ އިރު ވޯޓުލާން ދާންވީ ކީއްކުރަން ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
28 ޖެނުއަރީ 2018 | އާދީއްތަ 17:04
ވެސްޕާ
ކޮބައިތަ އެމެރިކާ އާއި ތިޔަ އީޔޫ ގެ ސަފީރުންތައް؟