ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 17:13
ފީފާ ވޯލްޑް ކަޕް ޓްރޮފީ
ފީފާ ވޯލްޑް ކަޕް ޓްރޮފީ
ފީފާ
ފީފާ ވޯލްޑް ކަޕް
ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ
މިހާރު މި ޓްރޮފީ ބެހެއްޓިފައި ހުންނަނީ ޒިއުރިކްގައި ހުންނަ ފީފާގެ ދާރުލްއާސާރުގައި
ފީފާ ވޯލްޑް ކަޕްގެ ޓްރޮފީއަށް އެންމެ ފުރަތަމަ ދެވުނު ނަމަކީ "ވިކްޓްރީ"

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ދުނިޔޭގެ އެތައް ބަޔެއްގެ ނަޒަރު ހުއްޓިގެންދާ އެއް މަންޒަރަކީ ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ އުފުލާލާ މަންޒަރެވެ. އެ މަންޒަރު ބަލާލުމަށް އެތައް ބަޔަކު އިންތިޒާރު ކުރާއިރު މިއަހަރަކީ ވެސް އެ މަންޒަރު ބަލާލުމަށް އަޅުގަނޑުމެންނަށް އަނެއްކާ ވެސް ލިބޭނެ ފުރުސަތެކެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ރަޝިއާގެ މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅޭ މިއަހަރުގެ ފައިނަލް މެޗަށް ފަހު ވެސް މި މަންޒަރު ފެނިގެންދާނެއެވެ. ވޯލްޑް ކަޕް ބެލުމަކީ އަޅުގަނޑުމެން އެންމެން ވެސް އެކަމަކަށް މަރުދޭ ކަމަކަށްވާއިރު އެ މުބާރާތުގެ ޓްރޮފީއާ މެދު އެންމެނަށް ވެސް އެނގެނީ މަދު މައުލޫމާތުތަކެވެ.

ފީފާ ވޯލްޑް ކަޕްގެ ޓްރޮފީއަށް އެންމެ ފުރަތަމަ ދެވުނު ނަމަކީ "ވިކްޓްރީ" އެވެ. މި ޓްރޮފީއަކީ 1970 ވަނަ އަހަރާއި ހަމަޔަށް ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ދެމުންދިޔަ ޓްރޮފީއެވެ. މި ޓްރޮފީ އެންމެ ފުރަތަމަ ކާމިޔާބުކުރި ޓީމަކީ 1930 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރި އުރުގުއޭއެވެ. މި ޓްރޮފީގެ ނަން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު "ޖޫލްސް ރިމޭ ކަޕް" އަށް ބަދަލުކުރެވުނެވެ. މި ބަދަލު ގެނެވުނީ 1929 ވަނަ އަހަރު ވޯލްޑް ކަޕްއެއް ބޭއްވުމަށް އެންމެ ފުރަތަމަ ހިޔާލު ހުށަހަޅުއްވައި އެކަން ތަންފީޒުކުރެއްވި ފީފާގެ ތިންވަނަ ރައީސް ކަމަށްވާ ޖޫލްސް ރިމޭއަށް ނިސްބަތްކޮށެވެ.

ފީފާގެ އޭރުގެ ރައީސް ޖޫލްސް ރިމޭ ޓްރޮފީއާ ހަވާލުވަނީ

މި ޓްރޮފީ ފަރުމާކުރީ ފަރަންސޭސި ފަންނުވެރިޔެއް ކަމަށްވާ އެބެލް ލެފުލުއަރއެވެ. މި ޓްރޮފީ ފަރުމާ ކުރެވުނީ ގަދީމީ ގްރީސްގައި ވިކްޓްރީ ނުވަތަ މޮޅުވުމުގެ ރަމްޒެއްގެ ގޮތުގައި ދެކުނު ކަލާންގެއެއްގެ ސިފައިގައެވެ. ގާތްގަނޑަކަށް 3.8 ކިލޯގްރާމް ހުރި މި ޓްރޮފީ ހަދާފައިވަނީ ރިއްސާއި ލަޕިސް ލަޒޫލީ ނަމަކަށް ކިޔުން މައުދަނަކާއެކު ރަން ޕްލޭޓް ކޮށްގެންނެވެ. މި ޓްރޮފީއަށް "ގޯލްޑެން ގޮޑެސް" ގެ ނަމުން ވެސް ނަން ދެވުނެވެ. މި ޓްރޮފީގެ ތިރީގައި ހުރި ހަތަރު ފަރާތުގައި މި ޓްރޮފީ ކާމިޔާބު ކުރި ހުރިހާ ޓީމެއްގެ ނަން ލިޔެވިފައިވެއެވެ.

ތާރީހަށް ބަލާލާއިރު "ޖޫލްސް ރިމޭ ކަޕް" އަކީ އެ ޓްރޮފީއަކާއި ގުޅިގެން ވަރަށް ހާއްސަ ހާދިސާތަކެއް ހިނގާފައިވާ ޓްރޮފީއެކެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނުއިރު ވޯލްޑް ކަޕްގެ ޓްރޮފީ ހުރީ 1938 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ގައުމު ކަމަށްވާ އިޓަލީގައެވެ. ޖަރުމަނުގެ ނާޒީން މި ޓްރޮފީ ވަގަށް ނަގާފާނެކަމުގެ ބިރު އޮތުމާއެކު އޭރު އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި ހުރި އޮޓޮރީނޯ ބަރައްސީ އެ ޓްރޮފީ ފޮރުވާފައި ހުރި ބެންކުން ނަގައިގެން ޓްރޮފީ ގެނެސް އޭނާގެ ނިދާ އެދުގެ ތަންދޮށުގައި ބޫޓުލާ ފޮއްޓަކަށް ލުމަށްފަހު ބެހެއްޓިއެވެ. އެހެން ނަމަވެސް އަނެއްކާ ވެސް 1950 ވަނަ އަހަރު އުރުގުއޭއިން ވޯލްޑް ކަޕް ކާމިޔާބުކުރުމާއެކު އެ ޓީމަށް މި ޓްރޮފީ އަނެއްކާ ވެސް އެރުވުނެވެ.

 

އިޓަލީގެ ގައުމީ ޓީމަށް 1938 ވަނަ އަހަރު މި ޓްރޮފީ ހަވާލުކުރަނީ 

މި ޓްރޮފީ އެންމެ ފުރަތަމަ ވަގަށް ނަގާފައިވަނީ 1966 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގެ ވެސްޓްމިނިސްޓަރ ސެންޓަރ ހޯލްގައި ބެހެއްޓިފައި ވަނިކޮށެވެ. އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރުމާއެކު އިނގިރޭސިވިލާތުން ޓްރޮފީ ދައްކާލުމަށް ބެހެއްޓީ ވެސް 24 ގަޑިއިރުގެ ސެކުއިރިޓީއާއެކު ވެސްމެއެވެ. އެހެން ނަމަވެސް މި ޓްރޮފީ ވަގަށް ނެގުމަށް ފަހު ވަގަށް ނެގި ފަރާތުން ވަނީ 15000 ޕައުންޑް ދިނުމަށް ޑިމާންޑްކޮށްފައެވެ.

ލަންޑަނުގެ މުޅި ފުލުހުންގެ ފޯސް މި ޓްރޮފީ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް މި ޓްރޮފީ ހޯދީ "ޕިކްލްސް" ނަމަކަށް ކިޔުނު ކުއްތާއެކެވެ. މި ޓްރޮފީ އޮތީ ދެކުނު ލަންޑަނުގެ އަޕަރ ނޯވުޑް ސަރަހައްދުގެ ބަގީޗާއެއްގައި ނޫސް ކަރުދާހުން ޕާރުސަލް ކޮށްފައެވެ. ބުނެވޭ ގޮތުގައި މި ޓްރޮފީ ހޯދި ކުއްތާއަށް އުމުރު ދުވަހުގެ ކާނާ ލިބޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި އެ ކުއްތާ ގެންގުޅޭ ފަރާތް ކަމަށްވާ ޑޭވިޑް ކާބަރެޓްއަށް 6000 ޕައުންޑްގެ އިނާމެއް ދީފައިވެއެވެ.

މި ޓްރޮފީ ގެއްލުމާއެކު އަލުން އަނބުރާ އެ ޓްރޮފީ ނުފެނިދާނެ ކަމުގެ ބިރަށް އިނގިރޭސި އެފްއޭއިން އޭގެ ނަކަލެއް އުފެއްދިއެވެ. ސަލަމާތީ ސަބަބުތަކަށްޓަކައި ފީފާއިން ވަނީ 254500 ޕައުންޑްއަށް މި ޓްރޮފީ ނީލަމުގައި ގަނެފައެވެ.

މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލްއިން މި ޓްރޮފީ ތިންވަނަ ފަހަރަށް ކާމިޔާބުކުރިއެވެ. އޭރު ފީފާގެ ގަވާއިދު އޮންނަ ގޮތުން މި ޓްރޮފީ ތިން ފަހަރަށް ކާމިޔާބުކޮށްފިނަމަ ޓްރޮފީ އެ ގައުމަކަށް މިލުކުވެއެވެ. ބްރެޒިލްއަށް މި ޓްރޮފީ މިލުކުވުމާއެކު އެ ގައުމުގެ ފުޓްބޯޅަ އިދާރާގައި މި ޓްރޮފީ ޑިސްޕްލޭކޮށްފައި ބެހެއްޓިއެވެ. ޑިސްޕްލޭގައި ހުރި ކެބިނެޓްގެ ފަހަތުން ބަޔެއް ނައްޓާލުމަށް ފަހު ބަޔަކު މި ޓްރޮފީ ވަގަށް ނެގިއެވެ. މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާ ހުކުމް ކުރެވުނުއެވެ. އެހެން ނަމަވެސް ޓްރޮފީ ހޯދިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި ޓްރޮފީ ވިރުވާލުމަށް ފަހު ވިއްކާލެވުނީއެވެ.

ފީފާއިން ވަނީ 1984 ވަނަ އަހަރު "ޖޫލްސް ރިމޭ ކަޕް" ގެ ނަކަލެއް ތައްޔާރުކުރުމަށް ފަހު ބްރެޒިލްއަށް ހަދިޔާ ކޮށްފައެވެ.

ބްރެޒިލްއަށް ތަށި މިލުކުވުމާއެކު 1974 ވަނަ އަހަރު ބޭއްވުމަށް ނިންމި ވޯލްޑް ކަޕްއަށް ޓްރޮފީއެއް ހޯދުމުގެ މަސައްކަތް ފީފާއިން ފެށިއެވެ. ފީފާއިން ޓްރޮފީ ފަރުމާކުރުމަށް ހުޅުވާލުމާއެކު 53 ހުށަހެޅުމެއް ލިބުނުއެވެ. އެ އިދާރާއިން މި ހުށަހެޅުންތައް ދިރާސާ ކުރުމަށް ފަހު 1971 ވަނަ އަހަރު އެ އިދާރާއިން ނިންމީ އިޓަލީގެ ފަންނުވެރިޔާ ސިލްވިއޯ ގަޒިންގާގެ ޑިޒައިންތަކާއި އެއްގޮތަށް ޓްރޮފީ ފަރުމާ ކުރުމަށެވެ. އޭނާ ފީފާއިން މިކަމަށް ހުޅުވާލުމުން ދެ ޑިޒައިނެއް ހުށަހެޅިއެވެ. ބުނެވޭ ގޮތުގައި މި ޓްރޮފީ ފަރުމާކުރުމަށް ގަޒިންގާ ހަފްތާއެއް ހޭދަކުރިއެވެ. 

 

ގަޒިންގާ ޓްރޮފީ ފަރުމާކުރަނީ

މިހާރު ބޭނުންކުރަމުން އަންނަ ޓްރޮފީއަށް ދީފައިވާ ނަމަކީ "ފީފާ ވޯލްޑް ކަޕް ޓްރޮފީ" އެވެ. މި ޓްރޮފީގެ އުސްމިނުގައި 36.8 ސެންޓިމީޓަރު ހުރެއެވެ. ޖުމްލަ ބަރުދަނުގައި 6142 ގުރާމް ހުރެއެވެ. ތަށީގެ ފުލުގެ އެންމެ ފުޅާ ދިމާލުގައި ހުންނަނީ 13 ސެންޓިމީޓަރެވެ. 1974 ވަނަ އަހަރުން ފެށިގެން ތަށި ހޯދި ގައުމާއި ޓްރޮފީ ލިބުނު އަހަރު އެނގޭ ގޮތަށް ޓްރޮފީގެ ފުލުގައި ކަނޑާ ނަގާފައި ހުރެއެވެ. މި ޓްރޮފީގައި ފަރުމާކުރެވިފައިވަނީ ދެ އެތްލީޓަކު ދުނިޔެ ހިއްލާލާ މަންޒަރު ދައްކުވައިދޭ ގޮތަށެވެ. މި ޓްރޮފީއިން ދުނިޔޭގައި ފުޓްބޯޅަ މަގުބޫލު މިންވަރު ހާމަވެގެންދާ ކަމަށް ގަޒިންގާ ބުނެފައިވެއެވެ.

ފީފާއިން 2006 ވަނަ އަހަރާއި ހަމަޔަށް މި ޓްރޮފީ ބެހެއްޓުމުގެ ހުއްދަ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދީފައިވެއެވެ. އެހެން ނަމަވެސް މިހާރު ޗެމްޕިއަން ޓީމަށް އަސްލު ޓްރޮފީ ދެނީ ހަމައެކަނީ ފައިނަލް މެޗަށް ފަހު ބާއްވާ ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ. އެ އިދާރާގެ ގަވާއިދަށް ގެނެވުނު ބަދަލުތަކާއެކު މިހާރު ޗެމްޕިއަން ޓީމުތަކަށް ހަވާލުކުރެވެނީ ލޮއިން ހަދާފައިވާ ރަން ޕްލޭޓް ކުރެވިފައިވާ ޓްރޮފީއެކެވެ.

ފީފާއިން އަސްލު ޓްރޮފީ މިހާރު ޑިސްޕްލޭ ކުރުމަށް ބަހައްޓާފައި ހުންނަނީ ހަމައެކަނި ސްވިޓްޒަލޭންޑުގެ ޒިއުރިކްގައި ހުންނަ އެ އިދާރާގެ ދާރުލްއާސާރުގައެވެ. ހަމައެހެންމެ ވޯލްޑް ކަޕްގެ މައި ސްޕޮންސަރުގެ ގޮތުގައި ހަރަކާތްތެރިވާ ކޮކާކޯލާއިން ކުރިޔަށް ގެންދާ "ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއަރ" ގައި ވެސް ބޭނުންކުރަނީ އަސްލު ޓްރޮފީއެވެ.

 

ރަޝިއާގައި ޓުއަރ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ކޮކާކޯލާއިން އަންނަނީ 2006 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މި ހާއްސަ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް މި ޓްރޮފީ ހަމަލޮލުން ދެކިލުމުގެ ފުރުސަތު ދިނުމަށް ހިންގާ ހަރަކާތެކެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ކުރިން ބޭއްވި ޓުއަރގައި މި ތަށި 150000 ކިލޯމީޓަރު ދަތުރުކުރިއެވެ. ހަމައެހެންމެ 1.3 މިލިއަންއަށް ވުރެ ގިނަ ސަޕޯޓަރުންނަށް ވަނީ މި ތަށި ފެނުމުގެ ނަސީބު ލިބިފައެވެ. މި ޓުއަރގައި ޓްރޮފީގައި އަތްލުމުގެ ފުރުސަތު ދެނީ ހަމައެކަނީ ގައުމުތަކުގެ ރައީސުންނަށާއި މީގެކުރިން މި ޓްރޮފީ ކާމިޔާބުކުރި ކުޅުންތެރިންނަށެވެ.

މިއަހަރުގެ ޓުއަރގައި ދުނިޔޭގެ ހަ ބައްރުން 51 ގައުމެއްގެ 91 ސިޓީގައި މި ޓްރޮފީ ދައްކާލާނެއެވެ. މިއީ މި ޓުއަރ ކުރިޔަށް ގެންދާ ހަތަރުވަނަ އަހަރެވެ. މިއަހަރުގެ ދަތުރު ފައްޓަވައިދިނީ އިނގިރޭސިވިލާތާއެކު މި ޓްރޮފީ ކާމިޔާބުކުރި ސަރ ޖިއޮފް ހަރސްޓްގެ އިތުރުން އިޓަލީއާއެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި އަންދްރެއާ ޕިރްލޯއެވެ.

 

- ކޮމެންޓް