ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 08:08
މުހައްމަދު އަލީ
މުހައްމަދު އަލީ
ބީބީސީ
މުހައްމަދު އަލީ
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު
މުހައްމަދު އަލީއަކީ އިޖްތިމާއީ އެކި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރި އެތުލީޓެއް
އޭނާއަކީ އޮލިމްޕިކް ރަން މެޑަލް ހޯދި އެތުލީޓެއް
އޭނާގެ ލެގަސީއަކީ ދުވަހަކު ވެސް ފަނޑުވެގެން ނުދާނެ ލެގަސީއެއް

ކެސިއަސް މާސެލަސް ކްލޭ ޖޫނިއަރއަކީ ކާކުކަން ބުނުމުން އެއީ ކޮން ފަރާތެއް ކަން އެއްވެސް މީހަކަށް ނޭނގިދާނެއެވެ. އެހެން ނަމަވެސް މުހައްމަދު އަލީއަކީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. އެމެރިކާގެ ކެންޓާކީގެ ލުއިވިލްގައި 1942 ވަނަ އަހަރު އުފަންވި މުހައްމަދު އަލީއަކީ ބޮކްސިންގެ ދުނިޔޭގައި އޭނާގެ ނަން ރަން އަކުރުން ލިޔެވިފައިވާ އެތުލީޓެކެވެ. އެތުލީޓަކަށް ވުރެ މުހައްމަދު އަލީ ތާރީހުން ފާހަގަކުރެވިފައި ވަނީ އިޖްތިމާއި އެކި މައްސަލަތަކުގެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރި ޝަހްސިއްޔަތެއްގެ ގޮތުގައެވެ.

މުހައްމަދު އަލީގެ މަންމަ އޮޑެސާ ކްލޭއަކީ މީހުންގެ ގޭގެޔަށް ގޮސް އެކި މަސައްކަތްކޮށްދިން މީހެކެވެ. އަދި އޭނާގެ ބައްޕަ ކެސިއަސް މާސެލަސް ކްލޭ ސީނިއާރއަކީ ބިލްބޯޑު ފަރުމާކޮށްގެން ފައިސާ ހޯދި މީހެކެވެ. އޭނާގެ އެއް އަންހެން ކޮއްކޮއަކާއި ހަތަރު ފިރިހެން ކޮއްކޮ ހުއްޓެވެ. އޭނާއަކީ އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ.

 

މުހައްމަދު އަލީ ކުޑައިރު

މުހައްމަދު އަލީ އުޅެ ބޮޑުވެފައި ވަނީ އެމެރިކާގައި ނަސްލީ ތަފާތުކުރުން އިންތިހާއަށް ބޮޑުވި ދުވަސްވަރެއްގައެވެ. މުހައްމަދު އަލީގެ މަންމަ ކިޔައިދީފައިވާ ގޮތުގައި އޭނާއަކީ ކަޅު ކުއްޖަކަށްވުމާ އެކު ފިހާރައަކުން އެއްފަހަރަކު އޭނާއަށް ފެން ދިނުމަށް ދެކޮޅު ހެދިއެވެ. ބޮކްސިންއަށް އޭނާގެ ޝައުގު އުފެދިގެންދިޔައީ އުމުރުން 12 އަހަރުގައި އޭނާގެ ބައިސްކަލް ވަގަށް ނެގުމާ ގުޅިގެން އެ މައްސަލަ ބެލި ފުލުސް އޮފިސަރު ކަމަށްވާ ޖޯ މާޓިންއާ ދިމާވި ހިސާބުންނެވެ. މާޓިންގެ އިރުޝާދުގެ ދަށުން މުހައްމަދު އަލީ ބޮކްސިންގެ ފަރިތަކުރުންތައް ފެށިއެވެ.

ބޮކްސިންގެ އަންގިއާ އެކު އެންމެ ފުރަތަމަ ފަހަރަށް މުހައްމަދު އަލީ ބޮކްސިން ރިންގަކުން ފެނިގެންދިޔައީ 1954 ވަނަ އަހަރު ލުއިވިލްއަށް ނިސްބަތްވާ ރޮނީ އޮކީފްއާ ދެކޮޅަށެވެ. މި މެޗާ އެކު އޭނާގެ ނޮން ޕްރޮފެޝަނަލް ކެރިއަރު ފެށިގެންދިޔައިރު އޭނާ ވާދަކުރި 105 މެޗުގެ ތެރެއިން ބަލިވީ އެންމެ ފަސް މެޗުންނެވެ. އަލީގެ އެންމެ ބޮޑު އެއް ކާމިޔާބަކަށް ވެގެންދިޔައީ 1960 ވަނަ އަހަރު ރޯމްގައި ބޭއްވި ހޫނު މޫސުމުގެ އޮލިމްޕިކްސްގައި އެމެރިކާއަށް ބޮކްސިން އިން ރަން މެޑަލް ހޯދައިދިނުމެވެ.

 

މުހައްމަދު އަލީ (މ) އޮލިމްޕިކް މެޑަލް ރަސްމިއްޔާތުގައި

ޕްރޮފެޝަނަލް ބޮކްސިން އެތުލީޓެއްގެ ގޮތުގައި މުހައްމަދު އަލީ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ހުޅަނގު ވަރޖީނިއާއަށް ނިސްބަތްވި ޓަނީ ހަންސޭކަރގެ މައްޗަށް އަލީ މި މެޗުގައި ކުރި ހޯދިއެވެ. އަލީ ފާހަގަކުރެވިގެންދިޔައީ އެކި ބަސް ބޭނުންކޮށްގެން އިދިކޮޅަށް ނިކުންނަ އެތުލީޓް، ނަފްސާނީ ގޮތުން ބަލިކޮށްލާ އެތުލީޓެއްގެ ގޮތުގައެވެ.

މުހައްމަދު އަލީގެ ކެރިއަރުގައި އެންމެ ފާހަގަކުރެވޭ އެއް މެޗަކީ 1964 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މިއާމީ ބީޗްގައި އޭރު ދުނިޔޭގެ ޗެމްޕިއަން ކަމަށްވާ ސޮނީ ލިސްޓަންއާ ދެކޮޅަށް ނުކުތް މެޗެވެ. މި މެޗުގެ ކުރިން ބޭއްވި އެކި އިންޓަވިއުތަކުގައި މުހައްމަދު އަލީ ވަނީ ލިސްޓަންއަކީ ސާރިދޯޅެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ލިސްޓަން މެޗުން ބަލިކުރުމަށް ފަހު އޭނާ ޒުލަކަށް ހަދިޔާކުރާނެ ކަމަށް ވެސް އަލީ ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ތަޖުރިބާކާރުން ވަނީ މުހައްމަދު އަލީ އެ މެޗުގައި ފެނިގެންނުދާނެ ކަމަށް ވެސް ބުނެފައެވެ. އެހެން ނަމަވެސް ހުރިހާ އެންމެންގެ ވާހަކަތަކަށް ރައްދު ދިނުމަށް ފަހު އަލީ އެ މެޗަށް ދިޔައެވެ. އަދި ލިސްޓަންގެ މައްޗަށް އޭނާ ކުރި ހޯދީ ފަސޭހަކަމާ އެކުގައެވެ. މި މެޗުން އަލީ މޮޅުވީ އަނިޔާވެ ކަމަށް ބުނެ ލިސްޓަން މެޗުން ވަކިވުމާ ގުޅިގެންނެވެ. އުމުރުން 22 އަހަރުގައި ހޯދި މި މޮޅާ އެކު އަލީ ވެގެންދިޔައީ އޭރު ދުނިޔޭގެ ޗެމްޕިއަންއަކަށްވި އެންމެ ޒުވާން އެތުލީޓަށެވެ.

 

ލިސްޓަން ރިންގުތެރެއަށް ވެއްޓިފައިވާއިރު އަލީ ކޮޅަށް ހުއްޓިލައިގެން 

ލިސްޓަންގެ މައްޗަށް ކުރި ހޯދިތާ ދެ ދުވަސްތެރޭ އަލީ އިސްލާމްދީން ގަބޫލުކުރިއެވެ. އަދި 1964 ވަނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު އޭނާގެ ނަން މުހައްމަދު އަލީއަށް ބަދަލުކުރިއެވެ. މި ކާމިޔާބަށް ފަހު ބޮކްސިންގެ ދުނިޔޭގައި އަލީގެ ރަސްކަމެއް ފެށިގެންދިޔައެވެ.

އެހެން ނަމަވެސް 1967 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ޒޯރާ ފޯލީ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން އަލީ ދެމެހެއްޓި ދުވަހު އޭނާގެ އަތުން ހުރިހާ ޓައިޓަލްއެއް އަތުލިއެވެ. އެއީ އެމެރިކާގެ އަސްކަރިއްޔާއަށް ހިދުމަތް ކުރުމަށް އޭނާ ދެކޮޅު ހެދުމާ ގުޅިގެންނެވެ. އެ ދުވަސްވަރަކީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާ އިން ހަރަކާތްތެރިވަމުންދިޔަ ދުވަސްވަރެވެ. މިކަމަށް ދެކޮޅު ހެދުމާ ގުޅިގެން އަލީގެ ބޮކްސިން ލައިސެންސް ބާތިލްކޮށް އޭނާ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 10،000 (ދިހަ ހާސް) ޑޮލަރުން ޖޫރިމަނާކުރިއެވެ. ނަމަވެސް ކަފާލާތުގެ ދަށުން ޖަލު ހުކުމް އަލީ ތަންފީޒުކޮށްފައެއް ނުވެއެވެ.

އަލީ ސަސްޕެންޝަނުގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ނަސްލީ ތަފާތުކުރުމާއި ވިއެޓްނާމް ހަނގުރާމާއާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ތެދުވުމަށް ގޮވާލައި އެކި ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އަލީގެ މި ހަރަކާތްތަކަށް އެމެރިކާގެ ރައްޔިތުންގެ މެދުގައި މަގްބޫލްކަން އިތުރުވެގެންދިޔައެވެ. ފެޑެރަލް ކޯޓެއްގައި ހިނގި ޝަރީއަތް ކާމިޔާބުކޮށް އަލީ އޭނާގެ ބޮކްސިން ލައިސެންސް އަނބުރާ ހޯދީ 1970 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ސަސްޕެންޝަނުން އެނބުރި އައިސް އަލީ ވާދަކުރި އެންމެ ބޮޑު މެޗަކަށް ވެގެންދިޔައީ 1971 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ޖޯ ފްރެއިޒާއާ ދެކޮޅަށް އޭނާ ނުކުތް މެޗެވެ. ޖުމްލަ 35 ގައުމެއްގައި ވަގުތުން ދެއްކި މި މެޗަށް ތާރީހުގައި ދެވިފައިވާ ލަގަބަކީ 'ފައިޓް އޮފް ދަ ސެންޗަރީ' އެވެ. މި ދެ އެތުލީޓުން ވެސް މި މެޗާއި ކުރިމަތިލީ އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު މި މެޗު ކާމިޔާބުކުރީ ފްރެއިޒާއެވެ. މިއީ އަލީގެ އެންމެ ފުރަތަމަ ޕްރޮފެޝަނަލް ބައްޔެވެ.

 

އަލީއާ ފްރެއިޒާ ބައްދަލުކުރި މެޗުގެ ތެރެއިން 

މި މެޗަށް ފަހު ވެސް އަލީ ވަނީ ބޮކްސިންގެ ދުނިޔޭގެ ރަސްކަން ދަމަހައްޓާފައެވެ. އެހެން ނަމަވެސް 1979 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ބޮކްސިން އިން ރިޓަޔާކުރިކަން އަލީ އިއުލާނުކުރިއެވެ. އެހެން ނަމަވެސް ފައިސާގެ ބޭނުމުގައި އަލީ ރިޓަޔާމެންޓުން އެނބުރި އައިސް ލެރީ ހޯމްސްއާ ދެކޮޅަށް ކުޅުމަށް ބޮކްސިން ރިންގްއަށް އޭނާ ނުކުތެވެ. އަލީގެ ކެރިއަރުގެ މިހާތަނަށް ދިޔައިރު ތަފާތު އެކި ބަލިތަކުގެ ސަބަބުން ބޮކްސިން ރިންގަކަށް އެރުމަށް އޭނާގެ ސިއްހަތު ތަނެއް ނުދެއެވެ. އެހެން ނަމަވެސް ހޯމްސާ ދެކޮޅަށް ނުކުތުމަށް އޭނާ ނިންމިއެވެ.

ހޯމްސްއާ ދެކޮޅަށް ކުޅުނު މެޗުން އަލީ ބަލިވިއިރު މި މެޗު ވެގެންދިޔައީ އަލީގެ ކެރިއަރުގެ ނިމުމުން ގާތްވެއްޖެކަމުގެ ސިގްނަލްއަކަށެވެ. ބޮކްސިންގެ ދުނިޔެއާ އަލީ އަލްވަދާއުކީ 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބަހާމާސްގައި ޓްރެވަރ ބަރބިކްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ.

އަލީ ފާހަގަކުރެވިފައި ވަނީ އިސްލާމް ދީން ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ޝަހްސިއްޔަތެއް ގޮތުގައެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. އެއީ 1972 ވަނަ އަހަރާއި 1988 ވަނަ އަހަރުއެވެ. އެމެރިކާއަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ދެވުނު ޓެރަރިސްޓް ހަމަލާއަށް ފަހު އިސްލާމްދީނާ މެދު މީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދުނު ދަނޑިވަޅެއްގައި އަލީ ވަނީ އިސްލާމް ދީނަކީ ޓެރިރަޒަމަށް ހިތްވަރު ދޭ ދީނެއް ނޫން ކަމަށާއި އިސްލާމް ދީނަކީ ސުލްހައިގެ ދީން ކަމަށް ބުނެފައެވެ. އަލީއަކީ ފަލަސްތީނުގެ ބިމަށް ވެރިވެގެން އުޅޭ ޔަހޫދީންނާ ދެކޮޅަށް ފާޅުގައި ވަކާލާތުކުރައްވާ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެތަކެއް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

 

އަލީ އެފްރިކާއަށްކުރި ދަތުރެއްގެ ތެރެއިން 

އަލީގެ ހަޔާތުގައި އޭނާ ހަތަރު ކައިވެންޏެއް ކުރެއްވިއެވެ. މި ކައިވެނިތަކަށް ހަތް އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ލިބުނެވެ. ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އަލީއަށް "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ލިބިވަޑައިގަތެވެ. ހަމައެހެންމެ ބަރަކް އޮބާމާ ވެސް ވަނީ އިޖްތިމާއީ އެކި މައްސަލަތަކުގައި އަލީ ކުރެއްވި މަސައްކަތްތަކާ ގުޅިގެން އޭނާއަށް "ޕްރެޒިޑެންޓްސް އެވޯޑް ފްރޮމް އެންއޭއޭސީޕީ" ދެއްވާފައެވެ.

އެތަކެއް ބަލިތަކާއި ހަނގުރާމަކުރުމަށް ފަހު އަލީ މަރުވެފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އޭނާ މަރުވިއިރު އުމުރަކީ 74 އަހަރެވެ. އޭނާގެ މަރާ ގުޅިގެން ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ބަޔަކު ހިތާމައިގެ މެސެޖުތައް ފޮނުވިއެވެ.

އަލީއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ޝަހްސިއްޔަތުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތެކެވެ. ބޮކްސިން ރިންގުގެ އެތެރޭގަ އާއި ބޭރުން އޭނާގެ ފަރާތުން ފެނިގެންދިޔަ ކަންކަމަކީ އެހެން އެއްވެސް އެތުލީޓަކަށް ނުކުރެވޭނެ ފަދަ ކަންކަމެވެ. ނަސްލީ ތަފާތުކުރުން ނައްތާލުމަށް އަލީ ހިންގެވި ހަރަކާތްތަކަކީ އެ ހަރަކާތްތަކުން އެތައް ބަޔަކު އިބުރަތް ލިބިގަތް ކަންތައްތަކެވެ. އޭނާގެ ލެގަސީއަކީ ދުވަހަކު ވެސް ފަނޑުވެގެން ނުދާނެ ލެގަސީއެކެވެ.

"ފްލޯޓް ލައިކް އަ ބަޓަރފްލައި، ސްޓިންގް ލައިކް އަ ބީ" މުހައްމަދު އަލީ 1942-2016.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް