Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާނޫނުއަސާސީ

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގެ އެންމެ މުހިންމު ބާބަކީ ރައްޔިތުންގެ އަސާސީ ޙާއްޤުތަކާއި މިނިވަންކަން ކަނޑައަޅާ، އެ ދުސްތޫރުގެ 2 ވަނަ ބާބު

ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 04:27
ގާނޫނު އަސާސީ

ގާނޫނު އަސާސީ

މި ފަހަކަށް އައިސް، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމްގެ އެކި އެކި ކަންކަން ހަމަޖެހިފައި އޮތީ ކޮން ގޮތްތަކަށްތޯ ތަފާތު އެކި މީހުން ސުވާލު ކުރަމުން އެބަދެއެވެ. އަދި އެކަންކަމުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ މެދުގައްޔާއި، ޤާނޫނީ ވަކީލުންގެ މެދުގައްޔާއި، އަދި ފަރުދުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް މިވަނީ އުފެދިފައެވެ. އަޅުގަނޑަކީވެސް ޤާނޫނުއަސާސީ ޑްރާފްޓް ކުރުމުގައި އިސް ދައުރެއް އަދާ ކުރުމުގެ މަތިވެރި ޝަރަފު ލިބުނު މީހެއްކަމުން، ތަފާތު އެކި ބޭބޭފުޅުން އަޅުގަނޑާއި ވަރަށް ގިނައިން މި ސުވާލުތައް ކުރައްވައެވެ. ޢާންމު ގޮތެއްގައި މި ސުވާލުތައް ކުރައްވަނީ ސޯޝަލް މީޑިޔާގެ ތެރެއިން ކަމުން، ތަފްޞީލު ޖަވާބު އެރުވުން ނުހަނު ދައްޗެވެ. އެހެން ކަމުން، ގިނަ ދުވަސްތަކަކަށްފަހު އަޅުގަނޑުގެ ޤަލަމުގެ ދޯރި މި ނައްޓާލީ އެ ސުވާލުތަކަށް ޖުމުލަކޮށް ޖަވާބެއް އެރުވޭތޯއެވެ.

ޤާނޫނުއަސާސީގައި މިވެނި ކަމެއް އޮތީ ކިހިނެއްތޯ ސުވާލު ކުރާ މީހާ ފުރަތަމަ ދެނެގަންނަންވީ ކަމަކީ ޤާނޫނުއަސާސީ އަކީ އަޅުގަނޑުމެންގެ ޤައުމު ގެންދާން ބޭނުން މަންޒިލާއި، އެ މަންޒިލަށް ވާސިލުވުމަށާއި، އެ މަންޒިލުގައި ދެމިތިބުމަށް އެކި އެކި ކަންކަން ކަނޑައަޅާންވީ ގޮތް ބަޔާންކުރާ އުޞޫލުތަކެއްކަމެވެ. ޤާނޫނުއަސާސީއަކީ "ޤާނޫނެއް" ނޫނެވެ. އެއީ އެދޭ ގޮތް ބަޔާންކުރާ ދުސްތޫރެކެވެ. ދިވެހި ދައުލަތުގެ މައިގަނޑު އަގު ތަކާއި އުޞޫލުތައް ބަޔާންކުރާ އެއްޗެކެވެ. މިދެންނެވި މައިގަނޑު އުޞޫލުތައް ދެނެގަންނަން އަޅުގަނޑުމެން ހަނދާން ކުރާންވީ ޤާނޫނުއަސާސީ އަލުން ލިޔުނީ ކީއްވެގެންތޯއެވެ. ދައުލަތް ހިންގުމުގައި ހުރި އަސާސީ ކޮން ކަންތައްތަކަކަށް ބަދަލު ގެންނާން ވެގެން ތޯއެވެ.

2004 ވަނައަހަރު، ޤާނޫނުއަސާސީ އިޞްލާޙު ކުރާން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވުނީ، އޭރު އޮތް ދުސްތޫރާ އެކު، ދިވެހިން އެދޭ މަންޒިލަށް ވާސިލު ވެވޭނޭ އެއްވެސް ގޮތެއް ނެތްކަމަށް ޤަބޫލުކުރެވިގެންނެވެ. ހަލުވިކޮށް ބަވަނަ ވަމުންދާ ދުނިޔެއެއްގައި، އަޅުގަނޑުމެންގެ ޒުވާން ޖީލުތަކާއި އަންނާން އޮތް ޖީލުތަކަށް ކާމިޔާބު ހޯދޭނޭ މަގުތައް ކޮށުމަށެވެ. އެމަގުތައް ބިނާކުރާން އޮތް އެންމެ ވަރުގަދަ އަސާސަކީ ޤައުމުގައި ރައްޔިތުންގެ ބާރު ޤާއިމުކުރުންކަން ވިސްނިގެންނެވެ.

އެހެންކަމާއެކު، ޤާނޫނުއަސާސީގެ އެންމެ މުހިންމު މާއްދާއަކީ އެ ދުސްތޫރުގެ 4 ވަނަ މާއްދާއެވެ. އެމާއްދާއިން، އޮޅުމެއް ނެތްމިންވަރަށް، އިތުރުމާނަކުރުންތަކެއް ބޭނުން ނުވާ މިންވަރަށް، ދިވެހި ދައުލަތަކީ ރައްޔިތުންގެ ތަނެއްކަމާއި، ދައުލަތުގެ އެއްވެސް ކަމެއް ހިންގުން މަތިކުރާ އެއްވެސް ފަރާތަކީ، ނުވަތަ މީހަކީ، ނުވަތަ މުއައްސަސާއަކީ ރައްޔިތުން ޙަވާލުކުރާ ކަމެއް، ހަމައެކަނި ރައްޔިތުން ކަނޑައަޅާ ގޮތަކަށް ކުރާން ތިބި ބައެއްކަމާ، ކޮންމެ ހިނދެއްގައިވެސް ރައްޔިތުން ބޭނުންވެއްޖެ ނަމަ، އެބަޔަކުގެ ކިބައިން އެކަމެއް ނިގުޅައިގަނެ، އަލުން އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ގެނެވޭނެކަން މި މާއްދާއިން ސާފުކޮށް އެނގެއެވެ. ހަމައެހެންމެ، ޤާނޫނުއަސާސީގެ އެކި އެކި ބާބުތަކާއި މާއްދާތައް އެކުގައި ކިޔާލުމުން، ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުންނަ މީހަކަށްވެސް އިންތަކެއް ކަނޑައެޅިފައިވާކަމާއި، ކޮންމެ ކަމެއްވެސް ކުރާންޖެހޭނީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުން ކަނޑައަޅާ ޤާނޫނުތަކާއި އެއްގޮތަށްކަން އެނގެއެވެ.

ޤާނޫނުއަސާސީގެ އެންމެ މުހިންމު ބާބަކީ ރައްޔިތުންގެ އަސާސީ ޙާއްޤުތަކާއި މިނިވަންކަން ކަނޑައަޅާ، އެ ދުސްތޫރުގެ 2 ވަނަ ބާބެވެ. އެ ބާބުގައި ކަނޑައަޅާފައި އެހުރީ އެއްވެސް ރައްޔިތެއްގެ ކިބައިން ނިގުޅައި ނުގަނެވޭނޭ ޙައްޤުތަކެކެވެ. އަދި މިކަން ކަށަވަރު ކުރުމައްޓަކައި، ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް މާނަކުރުމުގައި، އެއިން ޙައްޤަކަށް އުނިކަން ލިބޭ ގޮތަށް މާނަ ނުކުރެވޭނޭ ކަމަށާއި، އެފަދަ މާނަކުރުމަކަށް ރައްޔިތުން ތަބާވާން ނުޖެހޭނެކަން މުޠުލަޤަށް ބަޔާންކޮށްފައި އޮވެއެވެ. ކުރުކޮށް ދަންނަވާނާމަ، ޤާނޫނުއަސާސީގެ އެހެން ހުރިހައި ބާބަކާއި، އެބާބުތަކުގައި ހުރި އެންމެހައި މާއްދާތައް އެކުލަވާލައިފައިވަނީ 2 ވަނަ ބާބުގައި ބަޔާންކުރާ އަސާސީ ޙައްޤުތައް ރައްކާތެރިކުރުމަށެވެ. އެކަން ކަށަވަރު ކުރުމަށެވެ. ދައުލަތުގެ އެއްވެސް މުއައްޒަފަކު ކުރާ ކަމެއް ވިޔަސް ނިންމާ ނިންމުމެއް ވިޔަސް، މިއިން ޙައްޤަކަށް އުނިކަންލިބޭގޮތަކަށް އޮވެއްޖެނަމަ، އެ ކަމެއް ނުވަތަ ނިންމުމެއް ވިޔަސް ބާޠިލު ވާނޭ ކަމަށް ޤާނޫނުއަސާސީގައި ލިޔެފައި އޮވެއެވެ.

ޤާނޫނުއަސާސީ ލިޔާންފެށިއިރު، ރާއްޖޭގައި ކަންހިނގަމުން އަންނަ ގޮތަކީ، އެއްވެސް މީހަކަށް، އެއްވެސް ކަމެއް ކުރެވެނީ ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން ހުއްދައެއް ހޯދައިގެންނެވެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ މިނިވަންކަންވަނީ ގެއްލި، ދިރިއުޅުން ކުރިއެރުވުމުގެ ފުރުޞަތު ހަނިވެފައެވެ. މަސައްކަތެއް ކުރާންވިޔަސް، ވިޔާފާރިއެއް ކުރާންވިޔަސް، އޮޑިއެއް ބަންނާންވިޔަސް، ބާނާ މަސްކޮޅު ވިއްކާންވިޔަސް، ސަރުކާރުގެ ރުހުމެއް ހޯދާން ޖެހެއެވެ. މިއީ މިހާރުގެ ޤާނޫނުއަސާސީން އަނެއްކޮޅަށް ޖަހައިދިން ކަމެކެވެ. ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ ބުނާ ގޮތުން، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ. އަދި އެއްވެސް މީހަކު ކުރާ މިފަދަ ކަމެއް ހުއްޓުވުމުގެ ބާރެއް ދައުލަތުގެ މުއައްސަސާއަކަށް ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކަށް ލިބިގެނެއްނުވެއެވެ. ބާރު ނުލިބެނީ އެކަންޏެއް ނޫނެވެ. ރައްޔިތުން ކުރާ އެފަދަ ކަންކަން ހުއްޓުވައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ އެމާއްދާގައި އެބަ އޮތެވެ.

މިއާޚިލާފާށް، ދައުލަތުގެ މަޤާމްތަކުގައި ތިބޭ މީހުނަށް، މަޤާމްގެ ޙައިޡިއްޔަތުން ކުރެވޭނީ ޤާނޫނެއްގައި ލިޔެ، ކަނޑައަޅާފައިވާ ކަންކަން އެކަންޏެވެ. ޤާނޫނެއްގައި ސާފު ބަހުން ލިޔެފައި ނެތް ކަމެއް އެއިން އެއްވެސް މީހަކަށް ނުކުރެވޭނެއެވެ. ކޮށްފި ނަމަ ކުށްވެރި ވާނެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީ ބުނާ ގޮތުން، ރައްޔިތުންގެ ބާރު ދައުލަތުގެ މުއައްސަސާތަކަށްވުރެ ބޮޑެވެ. ރައްޔިތުންގެ މިނިވަންކަން ފުޅާކޮށް އޮތްއިރު، ދައުލަތުގެ ބާރު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ.

ޤާނޫނުއަސާސީގައި މިހެން ލިޔެފައި އޮތްނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރައްޔިތުންގެ ގިނަ ކަންކަމަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހުރަސްއަޅަމުން ދާތަނެވެ. ޤާނޫނުއަސާސީން ގެންނާން ބޭނުންވި އެންމެ މުހިންމު ބަދަލު އައިތަން މިއަދާ ހަމައަށްވެސް ނުފެނެއެވެ. ރައްޔިތުންގެ ކޮންމެ ކަމަކަށްވެސް މިޖެހެނީ ކޮންމެވެސް ބޭފުޅަކަށް ދަންނަވައިލައިގެން އާދޭސް ކުރުންމަތީ ތިބޭށެވެ.

ޤާނޫނުއަސާސީން ކަނޑައަޅައިދިން މުހިންމު އަނެއް އުޞޫލަކީ، ކޮންމެ މީހަކު ކުރާންބޭނުން ކޮންމެ ކަމެއްވެސް ކުރުމުގެ ކުރީގައި ޤާނޫނުގައި އެކަން އޮތްގޮތެއް އެނގުމާއި، ޤާނޫނުގައި އޮތްގޮތަށް ކަން ހިނގާނޭ ކަމުގެ ޔަޤީންކަމެވެ. މާނައަކީ އެއްވެސް މީހަކު އެއްވެސް ކަމެއް ކޮށްނިމުނީމައި، އެކަމެއް ކުރި އިރު ޢާންމުކޮށް ޝާއިޢު ކޮށްފައި ނެތް އުޞޫލެއްގެ ދަށުން އެމީހަކާމެދު ޢަމަލު ނުކުރެވޭނޭ ކަމުގެ ޔަޤީން ކަމެވެ. މިކަން ކަށަވަރު ކުރުމައްޓަކައި، އެންމެހައި ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ސަރުކާރުން އެމައްޗަށް ޢަމަލު ކުރާ އެންމެހައި އުޞޫލުތައް ޝާއިޢުކޮށް، ޢާންމުކޮށްފައި ބެހެއްޓުން، ޤާނޫނުއަސާސީން ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ލާޒިމް ކުރެއެވެ. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ މުޅީން ތަފާތު މަންޒަރެކެވެ.

ޢެހެންކަމާއެކު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ރައްޔިތުންގެ މިނިވަންކަމާއި ރައްޔިތުންގެ ބާރު ތަންފީޒުވަމުން ދާތީއެއް ނުފެނެއެވެ. އަދިވެސް ގިނަ ޤަވާޢިދުތައް ހުރީ މި ޤާނޫނުއަސާސީ ލިއުމުގެ ކުރީގައި ހުރިގޮތަށެވެ. އެ ޤަވާޢިދުތައް ބަދަލުކޮށް، ޤާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް އެއް އަހަރުގެ މުހުލަތު ނުވަ އަހަރަށް ދެމިގެން ދަނީއެވެ. މި މުއްދަތުގައި، ރައްޔިތުންގެ މަޖިލީހުން ކުރާނޭ މަސައްކަތެއް ނެތިގެން މަޖިލީސް ހުއްޓާލައިފައި އޮންނަތަންވެސް ފެންނަނީ މަދެއްކޮށް ނޫނެވެ.

ޤާނޫނުއަސާސީގައި ރައްޔިތުން ކަށަވަރުކުރި މި ކަންކަން ރައްކާތެރިކޮށް ބަލަހައްޓައިދިނުމުގެ މައިގަނޑު ޒިންމާ ޙަވާލުކޮށްފައި އޮތީ ކޯޓްތަކާއި މިނިވަން މުއައްސަސާތަކާއެވެ. އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެ ތަންތަނަށް މާ ބޮޑު ބާރުތަކެއް ލިބިފައި އޮތްކަމަށް ހީކުރެވި، ޤާނޫނުއަސާސީއާއި ޤާނޫނުތައް "މާނަ" ކުރުމުގެ ތެރެއިން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ހުރި ވަރުގަދަ އުޞޫލުތަކެއް ނަފީކޮށް، އޭގައި ނެތް ކިތަންމެ ކަމެއް އުފަންވަމުން ދާތަނެވެ.

މި ހުރިހައި ކަމެއްގެ ތެރެއިން، ދެން މި އިވޭ އަޑަކީ، ރާއްޖޭގެ ކަންކަން ނޭދެވޭ މަގުތަކަށް އެނބުރެމުން މިދަނީ ޤާނޫނުއަސާސީގައި ހުރި އުނިކަމަކުން ކަމަށް ބުނެ އިއްވާ އަޑުތަކެކެވެ. އެހެންނަމަވެސް މިހެން ބުނުމުގެ ޖާގައެއް އެބަ އޮތްބާވައޭ ސުވާލު އުފެދެއެވެ. އެހެނީ ޤާނޫނުއަސާސީގައި މައްސަލައެއް އޮތަސް، އެކަމެއް އެނގޭނީވެސް ފުރަތަމަ އެ ޤާނޫނުއަސާސީ އެ އޮތްގޮތަށް ހިންގައިގެންތާއެވެ! އޭގައި ބަޔާންކުރާ ގޮތަށް އެއްވެސް ކަމެއް ނުކޮށް، އޭގައި އޮތްގޮތާއި މުޅީން ޚިލާފަށް ކަންކަން ކޮށްފައި، ދެން ނުކުންނަ ނަތީޖާއަކީ އޭގެ ސަބަބުން ނުކުންނަ ނަތީޖާއެކޭ ބުނުމަކީ ޤާނޫނުއަސާސީއަށް ވެވޭ ނުހަނު ބޮޑު ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.

އަޅުގަނޑުގެ މި ލިއުމުގައި މި އަމާޒުކުރީ، ޤާނޫނުއަސާސީ އެ މައްޗަށް ބިނާކޮށްފައި އޮތް އެންމެ މުހިންމު އަދި އެންމެ ވަރުގަދަ އުޞޫލުގެ ވާހަކަ ދަންނަވާލުމަށެވެ. އެއީ ރައްޔިތުންގެ ބަހަކީ ޤައުމުގައި އެންމެ ފަހުބަސްކަމާއި، ރައްޔިތުންގެ ބާރަށް ވުރެ ގަދަ ބާރެއް އަދި އަޑެއްވެސް ޤައުމުގައި ނޯންނާނޭ ކަމާއި، ޤާނޫނެއްގައި ލިޔެފައި ނެތް ކަމެއް ރައްޔިތެއްގެ މައްޗަށް ނުހިންގޭނޭކަމާއި، ޤާނޫނުގައި އޮތްގޮތަށް ކަން ހިނގާނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޮތުމެވެ.

އިރާދަކުރެއްވިއްޔާ އަދި އެހެން ލިޔުމެއްގައި އިތުރު ބައެއް ވާހަކަ ގެނެސްދެވޭތޯ ބަލާނަމުއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ލިޔުއްވާފައިވާ ލިޔުމެކެވެ. އިބްރާ އަކީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު