Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަޖެޓަށް ވީ ކިހިނެއް

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

ރައްޔިތުންގެ ސިއްހީ ނިޒާމަށް 330 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ޑިސެމްބަރު 2017 | ހޮނިހިރު 13:39
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، ފާސްކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ވީ ގޮތެއް އަދި ހެދި ގޮތެއް އެނގޭ އެއްވެސް ދިވެހި ރައްޔިތަކު އެބަހުރިބާވައެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓް ފާސްކުރިއިރު، އެފައިސާ އަށް ވީގޮތް ދިވެހި ރައްޔިތުންނަށް އެނގެންޖެހެއެވެ.

ސަރުކާރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅި މައިގަނޑު ސަބަބަކީ އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓް އަހަރު ދެބައި ނުވަނީސް ހުސްވުމުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް ބޭއްވުމަށް ނިންމުމާ ގުޅިގެންނެވެ.

އެ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ބަހާލެވިފައިވާ ގޮތަކީ، ސިއްހީ ދާއިރާއިން ދެމުން ގެންދާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ އާއި، ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

ސިއްހީ ދާއިރާއިން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ 330 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސިއްހީ ފަރުވާ އާއި ބޭސް ލިބޭނެ ފަސޭހަ ގޮތްތަކެއް ނެތް ކަމަށް ބުނެ ބައެއް ރައްޔިތުންގެ ޝަކުވާ، މީގެ ކުރިއާ އަޅާބަލާއިރު އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ.

ހަމަގައިމު ވެސް މި ބަޖެޓްގައި ބައި-އިލެކްޝަންތައް ބޭއްވުމަށް ކަނޑައެޅި 26 މިލިއަން ރުފިޔާ މިއަހަރު ނިމޭއިރު ޚަރަދެއް ނުވެއެވެ. މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ބައި-އިލެކްޝަންތައް ބޭއްވުމަށް ދެފައި އެއްތާކު ނުޖެހި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު އުޅުއްވިއިރު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ފިނޭންސް މިނިސްޓްރީގައި އާދޭސްކޮށްގެން ވެސް ފައިސާ ނުލިބިގެން ބައި-އިލެކްޝަންތައް ނުބޭއްވިގެން ސުލައިމާނު ފެންނެތްތަނެއްގައި ރޯ މަހެއް ތެޅޭހެން ތެޅި ފޮޅުނީއެވެ. ނަމަވެސް ބަޖެޓް ހަމަޖެއްސުމާ އެކު އެއްކަލަ ސުލައިމާނު ގެއްލިއްޖެއެވެ. ބައި-އިލެކްޝަންތައް ނުބޭއްވި، މިއަހަރު ވެސް މި ނިމުނީއެވެ. ގޮނޑި ގެއްލުނު ކަމަށް ބުނާ މެމްބަރުން ތިއްބެވީ ވާއެއް ނުވާއެއް ނޭނގިފައެވެ. އެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބެއް ދެއްވަން ކެރިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާއެއް ނެތެވެ. ދިވެހި އެތައް ރައްޔިތުންގެ ހައްގުތަކެއް އެދަނީ ގެއްލިގެންނެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓްގައި ކަނޑައެޅިއިރު، އެ 40 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގެއެވެ. އެ އެއާޕޯޓަށް ކުރި ހޭދައެއް ނޭނގެއެވެ.

ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާ އެބަޖެޓްގައި ހިމެނިއިރު، އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ދެން މާގިނަ ދުވަހެއް ނެތެވެ. އެ މަޝްރޫއު ގޮސްފައިވާ ހިސާބެއް އެނގޭކަށް ނެތެވެ.

އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެހެނިހެން ޚަރަދު އެއީ ކޮންމެ ވެސް މީހެއްގެ ގެއަށް ވައްދަން ހުރި ފައިސާއަށް ނުވިއްޔާ ރަނގަޅެވެ.

ދެން އޮތީ އާމްދަނީގެ ވާހަކަ އެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަޝްރޫއުގެ ދަށުން 500 މިލިއަން ޑޮލަރު ދިނުމަށް އިންވެސްޓަރުން ފަސްޖެހެމުންދާ ކަމަށެވެ.

މީގެ އިތުރުން މުނައްވަރު ވިދާޅުވީ އެސްއީޒެޑްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ އޮއިވަރުގެ ސަބަބުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ތަފާތު ގޮންޖެހުންތަކާ ދިމާވަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވަންޖެހޭ ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންކަން ހަމަމަގަށް އެޅިގެން ނޫނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބުމަކީ ދަތިކަމެއް ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ ސިޔާސީ ހަމަނުޖެހުމޭ ކިޔުމުގެ ބޭނުމެއް ނެތެވެ. ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އޮތް ނަމަ އޮތީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުންނެވެ. އިންވެސްޓަރުންގެ އިތުބާރު ސަރުކާރަށް ނެތިއްޔޭ ވިދާޅުވި ނަމަ ގަބޫލު ކުރަން ރައްޔިތުންނަށް ފަސޭހަވާނެ ނޫންތޯއެވެ.

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2021

ދައުލަތުގެ މާލިއްޔަތުން "ސޫޓާއި ބޫޓު" ގަތް ބޭފުޅުންގެ ދެކޮޅުނުޖެހޭ އެޖެންޑާ!

03 ނޮވެމްބަރު 2021
ދައުލަތުގެ މާލިއްޔަތުން "ސޫޓާއި ބޫޓު" ގަތް ބޭފުޅުންގެ ދެކޮޅުނުޖެހޭ އެޖެންޑާ!
11 ސެޕްޓެމްބަރު 2021

ސެޕްޓެމްބަރު އެގާރައިގެ ހާދިސާއަށް ވިހިއަހަރު ފުރުނުއިރު ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިން ދުނިޔެއަށް ލިބުނީ ކޮން ފިލާވަޅެއް؟

11 ސެޕްޓެމްބަރު 2021
ސެޕްޓެމްބަރު އެގާރައިގެ ހާދިސާއަށް ވިހިއަހަރު ފުރުނުއިރު ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިން ދުނިޔެއަށް ލިބުނީ ކޮން ފިލާވަޅެއް؟
01 ފެބުރުއަރީ 2021

ކޮވިޑާ ދެކޮޅު ހަގުރާމައިގެ ކުރީސަފުގައި އެ ތިއްބެވީ ދިވެހި ކަނބަލުން

01 ފެބުރުއަރީ 2021
ކޮވިޑާ ދެކޮޅު ހަގުރާމައިގެ ކުރީސަފުގައި އެ ތިއްބެވީ ދިވެހި ކަނބަލުން
09 ސެޕްޓެމްބަރު 2020

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

09 ސެޕްޓެމްބަރު 2020
ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!
17 އޮކްޓޯބަރު 2019

ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!

17 އޮކްޓޯބަރު 2019
ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު