ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 13:54
އައްޑޫ ސިޓީ ކައުންސިލުން ފުލުހުންނާއި ބައްދަލުކުރަނީ. ސިޓީ ކައުންސިލަރުންނަށް ރިޝްވަރު ހުށަހެޅިކަމަށް ތުހުމަތުކުރެވޭ
އައްޑޫ ސިޓީ ކައުންސިލުން ފުލުހުންނާއި ބައްދަލުކުރަނީ. ސިޓީ ކައުންސިލަރުންނަށް ރިޝްވަރު ހުށަހެޅިކަމަށް ތުހުމަތުކުރެވޭ
ޓްވިޓަރ
ކޮރަޕްޝަންގެ މައްސަލަތައް
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
 
ސަރުކާރު ކުންފުނިތަކުން ބިލިއަނުން ފައިސާއަށް ޚިޔާނާތްތެރިވެފައިވޭ
 
ސަރުކާރުގެ ވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ނުބެލޭ
 
އައްޑޫ އަދި މާލޭ ސިޓީ ކައުންސިލަރުންނަށް ސަރުކާރާއި ގުޅުމަށް މިލިއަނުން ރިޝްވަތު ހުށަހެޅިކަމަށް އަޑުތައް ފެތުރިފައިވޭ

"ކޮރަޕްޝަނަށް ވަނީ ވަކި ބަޔަކު ކޮރަޕްޝަންގެ އަމަލު ހިންގީމަ"އެވެ. މިއީ ފަހަކަށް އައިސް ސަރުކާރުން ހިންގާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާއިމެދު ހިތްހަމަނުޖެހޭ ބައެއް މީހުން ބުނާ އެއްޗެކެވެ. އެކަމަކު އަޅުގަނޑަށް އެމަންޒަރު ފެންނަނީ އެހެނެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ކޮރަޕްޝަނަކީ ސަރުކާރުން އެމީހަކީ ސިޔާސީ މަންޒަރުން ގެއްލެން ޖެހިއްޖެ މީހެއްކަމަށް ހީވާ ކޮންމެ މީހަކު ކުރާ ކޮންމެ ކަމެކެވެ. އޭނާ ނޭވާ ލިޔަސް، އެސްފިޔަ ޖެހިޔަސް، ހިނގިޔަސް، އެވާނީ ކޮރަޕްޝަންގެ އަމަލަކަށެވެ. އެކަމަކު ސަރުކާރުގެ ތެރޭގައި އުޅުއްވާ ބޭފުޅުން މަޤާމުގެ ނުފޫޒު ބޭނުންކޮށް، ބައެއް ފަހަރު ބިރު ދައްކައިގެން، ނަޖާއިޒު ފައިދާތައް ނެގުން ނުވަތަ ރިޝްވަތު ހުށަހެޅުމާއި ރިޝްވަތު ނެގުމަކީ ވެސް މައްސަލައެއް ނޫނެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މިވީ ދެތިން އަހަރުތެރޭ ފަޅާއަރާފައިވާއިރު، އޭގެ ތެރެއިން ގިނަ މައްސަލަތައް ފެނިގެންދިޔައީ ވަކި ދެތިން މީހެއްގެ ބޮލަށް ކަނޑާލައި، އެކަމުގެ އަޑީގައި ތިއްބެވި ބޭފުޅުން ސަލާމަތްވިތަނެވެ. އަދީބާއި ހިސާބުން ކޮރަޕްޝަން ނިމެނީއޭ ވެރިން ވިދާޅުވާއިރު، ފައިސާ ގޯނި ހިއްޕަވައިގެން ފައިސާ ބައްސަވަން ނިކުންނެވިކަމަށް މުޅި ޤައުމުގެ ކުރިމަތީގައި އެއްބަސްވި ބޭފުޅުން އެތިއްބެވީ އަދިވެސް މަޖިލިސް ގޮނޑީގައެވެ. އެކަމަކު ސިޔާސީ މަންޒަރުން ބޭރުކޮށްލަން ބޭނުންވީމާ، ސިޔާސީ ބޭނުމަށް މަޖިލިސް މެމްބަރުން ހައްޔަރުކޮށް، އެމެމްބަރުންނާއިމެދު ކުރެވެނީ ރިޝްވަތު ދިން ކަމުގެ ތުހުމަތުތޯ ނުވަތަ ރިޝްވަތު ހިފިކަމުގެ ތުހުމަތުތޯ ދައުވާ ކުރައްވާ ދައުލަތުގެ ވަކީލުންނަށް އޮޅޭވަރަށް ކަންތައްދާއިރުވެސް އެބޭފުޅުން ޖަލުގައި ބަންދުކުރެވެއެވެ. ދައުލަތުގެ ޚަޒާނާއިން ބިލިއަނެއްހާ ރުފިޔާ ގެއްލުނުއިރު އެފައިސާއަށް ވީގޮތެއް އެނގޭ މީހަކު ހުރިކަމަކަށްނުވިއެވެ. ގައިމު ބާޒާރު ކޮތަޅުތަކުގައި ސައިކަލުގައި ފައިސާ އުފުލި މީހުން އަދިވެސް އުޅޭނެތާއެވެ. އެމްއެމްޕީއާރްސީ، ފެނަކަ، ސްޓެލްކޯ، އެމްޕީއެލް، އެމްއާރްޑީސީ، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ސަރުކާރުގެ ހިއްސާއެއް އޮތް ކުންފުންޏެއް ވިއްޔާ ކޮރަޕްޝަނެވެ. އެއްތަނުގެ ކޮރަޕްޝަން ހިންގަމުން ގޮސް އެތަން ހަފުސްކޮށްލީމައި، އަނެއްކާ އަނެއް ކުންފުންޏަށެވެ. މިދައްކަނީ ދިހަ ވަރަކަށް ހާސް ރުފިޔާ ނުވަތަ ލައްކައެއްހާ ރުފިޔާގެ ވާހަކައެއް ނޫނެވެ. މިލިއަނުން ސަތޭކަ މިލިއަނުން ރައްޔިތުންގެ ފައިސާ ވަގަށް ނަގާ ވާހަކައެވެ.  ރައްޔިތުން އަދިވެސް ހަމަ ވަރިހަމަ ވެފައި ތިބެންވީތޯއެވެ؟ ގޯނިގޯނީގައި އުފުލީކީ އެމެމްބަރުން ޕިކަޕް ދުއްވައިގެން ނުވަތަ ކިއްލި ވިއްކައިގެން ހޯދި ފައިސާއެއް ނޫނެވެ. އެއީ ޖީއެސްޓީއާއި ޓެކްސް އާއި ޑިއުޓީގެ ގޮތުގައި އަޅުގަނޑުމެން ދައްކާ ފައިސާއެވެ. އެއީ އަޅުގަނޑުމެންގެ މި ރާއްޖޭގެ ބިންތައް ކުއްޔަށްދީގެން ހޯދި ފައިސާއެވެ. ހޯރަފުށީގައި އޮތް ބަންޑާރަ ބިމަކަށް ދައުލަތަށް ލިބުނު ފައިސާއެއް ނޫނެވެ.

ސިޔާސީ މައްސަލައެއްގައި ތާޢިދު ހޯއްދަވަން ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އެމަނިކުފާނަށް ޖެއްސި ހާލު ނިކަން ބައްލަވާށެވެ. އެމައްސަލައިގައި ޤާސިމަށް އައި ހުކުމުގެ ސަބަބުން، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު، އެކެނޑިޑޭޓަކަށް ވޯޓު ދީފިނަމަ ރައްޔިތުންނަށް އެވެނި މިވެނި ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެއީ ރައްޔިތުންނަށް ހުށަހެޅުނު ރިޝްވަތެއްކަމަށް ބެލެވޭނެ އިޖުރާތެއް އެއޮތީ ޤާއިމްވެފައެވެ.

ކޮރަޕްޝަނާއިއެކު ދެން އިވެނީ ރިޝްވަތުގެ ވާހަކައެވެ. ނެތް ތާޢީދުދައްކަން ދެން އޮންނަނީ ފައިސާ ބެހުމާއި ރިޝްވަތު ދިނުމެވެ. ފައިސާ ދީގެން ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރައްވަން ކުރީގެ ވެރިން އުޅުއްވި ވާހަކަ، އެއީ ކުރުން އެންމެ ރަނގަޅު ކަމެއްކަމަށް ދޭހަވާފަދަ މޭރުމަކުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކެވިތާ އަދި މާގިނަ ދުވަހެއް ނުވެ މިފަދަ އަމަލުތަކެއް ހިންގަން އުޅުނުކަން މިވަނީ ފެންމަތިވެފައެވެ. ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ސަރަހައްދަކުން ބޮޑު ތަފާތަކުން ސަރުކާރަށް ނޫނެކޭ ބުނެފައިވަނިކޮށް، ވެރިކަންކުރާ ޕާޓީއިން މާލޭ އަދި އައްޑޫ ސިޓީކައުންސިލްގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅާފައިވާކަން މިވަނީ ފަޅާއަރާފައެވެ. މިމައްސަލަތައް ބަލަނީ ކާކުތޯއެވެ؟ މިލިއަނުން ރުފިޔާއާއި، އެޕާޓްމަންޓްތައް ދޭން ބުނާއިރު، ތާޢީދެއް ނެތް ބަޔަކު ގާތަށް ދާނީވެސް ވަކި ކިހިނެއްތޯއެވެ؟ ސިޓީ ކައުންސިލަށް ހޮވުނު މެމްބަރުންނަށް އެމެމްބަރުން ހޮވުނީ ކިހާ ބޮޑު އަޣުލަބިއްޔަތަކުން ކަމާއި، ވާދަވެރި ޕާޓީ ވެރިކަމުގައި އޮތަސް ވޯޓެއް ނުލިބުނުކަން އެނގިތިބެ، ނަފްސްފު ވިއްކާލާފައި ކުރިމަގެއް ނެތް ބައެއްގެ ކައިރިއަށް ނުދާނެއެވެ. ސިޓީ ކައުންސިލަށް އެބޭފުޅުން ކުރިމަތިލެއްވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އެކަން ކުރަން ހުރަސް އަޅާ ބަޔަކު އައިސް އަދި ރިޝްވަތުގެ ފައިސާ ދިނަސް، ތެދުވެރިކަމެއް ހުރި ކައުންސިލަރެއް ނުދާނެއެވެ. ނަފްސު ވިއްކައެއް ނުލާނެއެވެ.

ފައިސާ ބަހައިގެން، ރިޝްވަތު ދީގެން އަދި ބިރު ދައްކައިގެން ރައްޔިތުން ޖަލްސާއަށް ގެންގޮސް ޕާޓީއަށް ސޮއެކުރާއިރު، އެއިން ޕާޓީއަށް ކުރާނީ ކޮން ފައިދާއެއްތޯ ޕީޕީއެމްގެ އިސްވެރިޔަކަށް އަހާލަންވެސް ނުކުރެނީތޯއެވެ؟ ޖަލްސާތަކަށްދާ މީހުންވެސް ކުރަނީ ޖެއްސުމެވެ. އަންނަނީ ރުޅިއެވެ. ވަކި އަތަކަށް ނުޖެހި ހުންނަ މީހާވެސް އަނބިމީހާއާއިއެކު ސައިކަލު ބުރެއް ޖަހާލަން ލިބޭ މަޖުބޫރުން ޕީޕީއެމްގެ ޖަލްސާއަކަށް ގެންދިޔައީމައި ސަރުކާރުދެކެ އަންނާނީ ރުޅިއެވެ.

ކައުންސިލަރުންގެ ތާޢިދު ސަރުކާރުން ހޯދަންވީ ކައުންސިލަށް ދޭން ޖެހޭ ބާރުތައް ދީގެންނެވެ. ރައްޔިތުންނަށް ޚިދުމަތްކުރަން އެބޭފުޅުންނަށް ފުރުސަތު ދީގެންނެވެ. ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ތާޢިދުކޮށްގެންނެވެ.

އެއަރމޯލްޑިވްސްއާއި އެފްޕީއައިޑީގެ މައްސަލަ ބަލަނީއޭ ބުނެ، މީހުންނަށް ބިރު ދެއްކުމުގެ ބަދަލުގައި މިހާރުވެސް ލިޔެކިޔުންތައް ފެންނަން ހުރި ފެނަކައާއި، އެމްއެމްޕީއާރްސިއާއި، އެމްއާރްޑީސީގެ މައްސަލަތައް އިހަށް ބަލާށެވެ. ކޮރަޕްޝަންގެ ފައިސާއިން ހޮވުނު މެމްބަރަކު ޕީޕީއެމްގައި ނުހުންނަވާނެކަމަށް ބުނާއިރު، 2014ގެ އިންތިޚާބަށް ޕީޕީއެމްއިން ޚަރަދުކުރި ފައިސާ ހޯދީ ކޮންތާކުންތޯ ޕީޕީއެމް މެމްބަރުން ބެއްލެވިންތޯއެވެ؟ އަޅުގަނޑަށް ފެންނަނީ ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމަށް ނައިބު ރައީސް ޖިހާދު ދެއްކެވި ވާހަކަފުޅަށް ސަރުކާރުން އަމިއްލައަށް އަމަލުކުރާށެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އެޅިއްޖެނަމަ ގެއްލުން ކުޑަކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ހަތުރުންގެ މައްސަލަތައް ބެލުމަށްވުރެ އަވަހަށް މިތުރުންގެ މައްސަލަތައް ބެލުން އަވަސްކުރައްވާށެވެ.

މިހުރިހާ ވާހަކައެއް ދެއްކީމައި ބުނަނީ ވައްކަންކުރަނީ، ޚިޔާނާތްތެރިވަނީ ނުވަތަ ރިޝްވަތު ދެނީ ރައީސް ޔާމީން ނޫންކަމަށެވެ. އެކަން ހިނގަނީ ރައީސް ޔާމީނަށް ނޭނގި، ކުންފުނިތަކުގައި ތިބޭ ވެރިންނާއި ޕާޓީގެ އެހެން ވެރިންކަމަށެވެ. އަޅުގަނޑު ހިތަށް އަރައެވެ. "ވައްކަން ނުކުރާ މީހަކުނޫނީ ސަރުކާރަށް ނޭންގެނީބާ"އެވެ؟ 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 09:20
ހަސީނާ
ކޮރޮޕްޝަންއޭ މިކިޔަނީ ކޯޗަކަށްބާ؟ ގާނޫނީގޮތުން އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވާ އަންހެހަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އައްޑޫ އިން މިކުރި ބޮޑު ހަރަދާއި ބެހި ރިޝްވަތުގެ ވާހަކަ ނުދަށްކަނީ ކީއްވެބާ؟؟