ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 17:24
ކުށް ކުރުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކުރަނީ -  ޒުވާން ޖީލު މި ނާޒުކު ހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ މުޅި ދިވެހި މުޖުތަމައުއިން
ކުށް ކުރުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކުރަނީ - ޒުވާން ޖީލު މި ނާޒުކު ހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ މުޅި ދިވެހި މުޖުތަމައުއިން
ރާއްޖެ އެމްވީ
ޒުވާން ޖީލެއް ހަލާކުވެ ދިއުން
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
 
އެކަމުގެ އިނގިލި ހަމައެކަނި ޒުވާނުންނާ ދިމާލަށް ދިއްކުރެވޭނެ އެއްވެސް ޖާގައެއް ނެތް
 
ޒުވާން ޖީލު މި ނާޒުކު ހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ މުޅި ދިވެހި މުޖުތަމައުން
 
ޒުވާން ޖީލު ފަނާވެ ދިޔުމުން އެކަމުގެ ޒިންމާ ހަމައެކަނި ޒުވާނުން ނަގަންޖެހޭ ކަމަށް ގަބޫލު ކުރުމީ ހަމަޖެހޭ އުސޫލެއްކަމަކަށް ގަބޫލެއް ނުކުރެވޭ
 
މުޖުތަމައުގެ އަމާންކަން ގެއްލިދާއިރު މިކަމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯއެވެ؟

ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރާ ބަޔަކީ އެ ގައުމުގެ ޒުވާނުންކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ގައުމުގުގެ ހުންގާނުގައި ހިފައިގެން ކުރިޔަށް ދާން ތިބޭނެ ޒިންމާދާރު އަފްރާދުންނަކީވެސް ޒުވާނުންނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިކަން އޮންނަ ގޮތަކީ މިއީއެވެ. އެހެނަސް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް ބަލާލުމުން ފެނިގެން ދަނީ އެހެން މަންޒަރެކެވެ. އެއްވެސް ހާލެއްގައި މިދަންނަވަނީ ޒުވާނުން ގައުމަށް ހިދުމަތް ނުކުރެއެކޭ ނޫނެވެ.

އެއް ތުނޑި ވޮޑެންޏާ އަނެއް ތުނޑި ގިރާ އުސޫލުން އަޅުގަނޑުމެންގެ ގައުމުން ތަރައްގީގެ މަލަމަތި ފެންނަން ފެށިއިރު ކަމަކުދާކަށް ނެތެވެ. ޒުވާން ޖީލެއް ހަލާކުވެ ހިނގައްޖެއެވެ. ގޭންގު ކުށްތައް އާންމުވެ އެއް ބަޔަކު އަނެއް ބަޔަކު ކޮށާ ކުދި ކުރަނީއެވެ. ތިމާއެކޭ އެއްފަދަ ޒުވާނަކަށް ރަހުމެއް ނެތި ހަމަލާދެ އެވެ. ޒަހަމްކޮށްލަ އެވެ. މަރާލަ އެވެ. ނުކުޅެދޭ މީހަކަށް ހަދާލަ އެވެ. މިއީ މިހާރު މާބޮޑު ކަމަކަށް ނުދެކޭ ކަހަލަ އެވެ. ފުރާނައިގެ އަގެއް ނެތްކަމުގެ އިހްސާސް ކުރެވޭ ހާލަތަށް ގައުމުގެ ހާލަތު ދިޔައިރު،  މަސްތުވާތަކެތީގެ ވަބާގައިޖެހި ފާރުބުޑަށް ބިތްޖެހިފައި ތިބޭ ޒުވާނުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. ފޭރުމާއި ވައްކަން އާންމުވެއްޖެއެވެ. މިފަދަ ކަންކަމުން މުޖުތަމައުގެ އަމާންކަން ގެއްލިދާއިރު މިކަމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯއެވެ؟

ފަސްޖެހުމެއްނެތި، މިކަމުގައި އެންމެންވެސް އިނގިލި ދިއްކޮށްލަނީ ޒުވާނާއާ ދިމާއަށެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްވެސް އޭގެ އާހިރު ނަތީޖާއާ ހަމަޔަށް ވާސިލުވުމަށް މެދުވެރިވާނެ ކިތައްމެ ސަބަބެއް އޮންނާނެއެވެ. ހަމަ މިބީދާއިން، ޒުވާން ޖީލު ފަނާވެ ދިޔުމުން އެކަމުގެ ޒިންމާ ހަމައެކަނި ޒުވާނުން ނަގަންޖެހޭ ކަމަށް ގަބޫލު ކުރުމީ ހަމަޖެހޭ އުސޫލެއްކަމަކަށް ގަބޫލެއް ނުކުރަމެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވަނީ "ކޮންމެ ކުއްޖެއްވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފު ކަންމަތީގައެވެ. އެކުއްޖާ ޔަހޫދީ އަކަށް، ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖެއްގެ މައިންބަފައިނެވެ." މިޙަދީޘަށް ވިސްނާ ބަލާއިރު ޒުވާނުން ހަމަ މަގަށް ހާނާ ރަނގަޅު ގޮތް މަތީ ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ މައިންބަފައިންނަށެވެ.

ގޭތެރެއިން އެ ކުއްޖާއަށް ދެވޭ ތަރުބިއްޔަކީ އެ ކުއްޖެއްގެ މުސްތަގުބަލު އޭގެ މައްޗަށް ބިނާވެ އެ ކުއްޖާގެ އަމަލާއި ބަހުން އެކަންކަން ފެނިގެންދާނެ ކަންކަމެވެ. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމަޔަށް ނެގިޔަސް ހުންނާނީ ކައްޗަށޭ ބުނާ އުސޫލުން އެންމެ ތުއްތުއިރު މައިންބަފައިން ދަރިންނަށް އަޅާލާ، ރަނގަޅު ތަރުބިއްޔަތެއް ނުދިނުމަކީ މުސްތަގުބަލުގައި ކުށްކުރުމުގެ ތެރެއަށް ކުއްޖާ ވަނުމަށް މަގުފަހިވާ ކަމެކެވެ.

ގޭތެރޭގައި ޒުވާބުކޮށް އެކަކު އަނެކަކާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ތަފާތު މައްސަލަތަކާ ހެދި ދެމަފިރިން ވަރިފަށަށް އެރުމުން ބިކަވެ ހާލުގައި ޖެހެނީ އެއްކަލަ ކުށެއް ނެތް ތުއްތު ކުއްޖާއެވެ. އެ ކުއްޖާއަށް ލޯ މަތިން ފެންނަނީ ފެންނަން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ. އިވެނީ އަޑު އަހަން ބޭނުންވާ އަޑުތަކެއްވެސް ނޫނެވެ. އެންމެފަހުން ދެމަފިރިންގެ ކޯޅުމާއި ގޭތެރޭގެ ހަލަބޮލި މާހައުލުން ސަލާމަތްވުމަށް އެއްކަލަ ކުއްޖާ ނުކުންނަނީ މަގުމައްޗަށެވެ.

މިގޮތަށް ބޭރަށް ނުކުންނަ ކުއްޖާއަށް ގޭދޮށު ގޯޅި ކަންމަތީގައި އޮންނަ ގްރޫޕް މާ "ސަޅި" ބަޔަކަށްވެއެވެ. ގޭތެރެއިން ނުލިބޭ އަޅާލުމާއި އޯގާތެރިކަން ދެނީ އެއްކަލަ ގުރޫޕުގެ މީހުންނެވެ. ކަންކަން ހިއްސާކޮށް، ލަފާދާރުވާ މިތުރުންނަކީވެސް ހަމަ އެއްކަލަ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާ ޒުވާނެއްގެ ގޮތުގައި މުޖުތަމައަށް ނުކުންނަނީ އެމީހުންގެ ގޮތްތަކަށް ހޭނިގެންނެވެ.

ކަނމަތީ ގޭންގުގެ "ޗިލް ބުރޯ" އެއްގެ ގޮތުގައެވެ. މައިންބަފައިންގެ އަޅާލުން ކުޑަވެ، މަގުމައްޗަށް ނުކުންނަ މިފަދަ ކުދިން ތަފާތު އެކިއެކި ކުށްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވި، ކޯޓުތަކުގައި މައްސަލަ ނުހިނގާ ފަހަރެއް މަދެވެ. ކަންމިހެން އޮތުމާއެކު ކުދިންގެ މައިންބަފައިން އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާ ކުރާނަމަ މިގޮތަށް މަގުމަތިވެ މަގުއޮޅިގެން ދާ ކުދިންގެ އަދަދު އެތައް ގުނައެއް މަދުވީސް ކަން ކަށަވަރެވެ.

މައިންބަފައިންގެ އިތުރުން ކުއްޖާގެ އަހުލާގާއި ސުލޫކު ބައްޓަންކޮށް، ކުއްޖާ ދުނިޔޭގެ ވައިފެނަށް ތައްޔާރުކޮށް ފައްކާކުރުމުގެ ދައުރު އަދާ ކުރަން ޖެހޭނީ ތަޢުލީމީ މަރުކަޒުތަކުންނެވެ. ނުވަތަ ކުއްޖާ ކިޔަވާ ސްކޫލަކުންނެވެ. ކުއްޖާއަށް ކުރިމަތިވާ ދަތި އުނދަގޫ ޙާލަތްތަކުން އަރައިގަނެ، ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ކެރިގެން، ތަހުޒީބީ ގޮތެއްގައި ކުރިމަތިލާނެ ގޮތް ދަސްކޮށްދިނުމުގެ ޒިންމާ އަދާކުރަން ޖެހެނީވެސް ހަމަ ސްކޫލުތަކުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ކަން ހިނގަމުން އަންނަނީ މިދެންނެވި ގޮތާއި ދިމާ އިދިކޮޅަށެވެ.

ސްކޫލުގެ ތެރެއިން ދޭދޭ ކުދިންގެ ތެރޭގައި ޖެހޭ މައްސަލަތަކާއި ސްކޫލު މާހައުލުން ކުރެވޭ ނުތަނަވަސް ތަޖުރިބާ ތަކާއި ކުރިމަތިލާނެ ގޮތް ކިޔައިދީ ދަސްކޮށްދޭން ތިބި ބަޔަކީ މުދައްރިސުން ކަމުގައިވާއިރު އެބޭފުޅުންގެ ދައުރުވެސް އަދާކުރެވޭ ތަނެއް ހަމަ ގައިމުވެސް އަދި ނުފެނެއެވެ. ހަނގާކުރުމާއި ފޮށުމާއި ޖެއްސުން ކުރުމުގެ "ވަކިތަކުން" ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ހަލާކޮށްލަމުން ދާއިރު ކުއްޖާއަށް އެހީވާނެ މުދައްރިސަކު ގާތުގައި ހުންނަނީ މަދު ފަހަރަކުއެވެ. މިނުތަނަވަސް ހާލަތުން މިންޖުނުވެ އުޅެނިކޮށް ކުއްޖާއަށް ދެން ވަދެވެނީ ތަފާތުކުރުމާއި އަޅާނުލުމުގެ "ހާއްޔެއްގެ" ތެރެއަށެވެ.

ރައްކާތެރި، ސިއްރުވެރި ގޮތެއްގައި މުދައްރިސުންގެ ފަރާތުން ލިބެން ޖެހޭ އެހީ އާއި އެއްބާރުލުން ބަދަލުވެގެން އަންނަނީ މަލާމާތާއި ހަޖޫޖެހުމަށެވެ. ކުދިންގެ ޝަކުވާތަކަށް ގިނަފަހަރު ދެނީ ބީރު ކަންފަތެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ކިޔެވުމުގެ މަތިން ފޫހިވެ ކުށުގެ ވެއްޓާއި ދިމާޔަށް ކުއްޖާ މިސްރާބު ޖަހާތަން އާދެއެވެ.

ހަމަ މިއާއިއެކު "ގަދަ މީހާ ގަދަ" ކަމަށް ވިސްނި، ސްކޫލުގެ ތެރެއިން ދަސްވާން ޖެހޭ ތަހުޒީބީ އުސޫލުތަކުގެ ބަދަލުގައި ކުއްޖާއަށް ދަސްވަނީ ގޮށް މުށުގެ ބާރުން ކަންކަން ނިންމާށެވެ. ސްކޫލުގެ ހިޔާވަހިކަމުގެ ތެރެއަށް ވަންނަ މައުސޫމު، މަޑުމައިތިރި ކުއްޖާ، ސާނަވީ ތަޢުލީމު ނިންމައިގެން ނުކުންނަ އިރު ހަރުކަށި ކުއްޖަކަށް ބަދަލުވާތަން އަންނަނީ މަދެއްކޮށް ނޫނެވެ. ޒުވާން ޖީލުގެ ތެރެއިން ކުދިންތަކެއް ހަލާކުވެ، ކުއްޖާ ކުށުގެ ވެއްޓަށް ނުކުންނަން މެދުވެރިވާ ސަބަބަކަށް ތައުލީމީ މުއައްސަސާތަކުގެ ދޯދިޔާކަން، ވުމަކީ ހިތާމަ ހުރި ކަމެކެވެ.

ގާނުނު ތަންފީޒު ކުރުމާއި ހަވާލުވެ ތިބޭ ފަރާތްތަކުގެ އަމަލުތައް ހުރިނެތްގޮތް ބަލާލަމާ ހިންގަވާށެވެ. ކުށުގެ ތުހުމަތުގައި ކުށުގެ ވެށިން ހެއްކާއެކު ހައްޔަރު ކުރެވޭ ފަރާތްތަށް 24 ގަޑިއިރުގެ ތެރޭގައި އެބަ ދޫކޮށްލެވެއެވެ. މީހަކު މެރުމަށްފަހު ސާފު ހެއްކާއި ހެކިބަހާއި ގަރީނާއާއެކު ޝަރީއަތަށް ހުށަހެޅުމުން، މެޑިކަލް ރިޕޯޓު ނެތްކަމަށް ބުނެ އެމީހަކު ދޫކޮށްލަނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. މިގޮތަށް ދޫކޮށްލާ މީހާ އަނެއްކާވެސް ގޮސް ކުށެއް ނެތް ފުރާނައެއް ދުއްވާލާތަން ތާރީހުން ފެންނަން އެބަހުއްޓެވެ.

މިފަދަ ކަންކަން މި މުއައްސަސާތަކުން ކުރުމަކީ އެކަމުގެ ޒިންމާ ޒުވާނުން ނަގަން ޖެހޭ ކަމެއްތޯއެވެ؟ ގައުމުގުގައި ތިބި ގާތިލުންނާއި ބޮޑެތި ކުށްކުށުގެ އަހުލުވެރިން މުޖުތަމައަށް ދޫވެފައި ތިބެގެން އެހެން ޒުވާނުން އެމީހުންގެ އަވައިގައި ޖެއްސުމަކީ ހަމަ ޒުވާނުންގެ މައްސަލައެއް ތޯއެވެ؟ ނޫނެކެވެ. އެހެންނަކުން ނުވާނެއެވެ. ގާނޫނު ތަންފީޒުކުރުމުގައިވެސް އެކަމާ ބެހޭ ފަރާތްތަކުން މިއަށްވުރެ ޒިންމާދާރު ވާން ވެއްޖެއެވެ.  

ދެން ވިސްނަވާށެވެ. ސިޔާސީ ފަރާތްތަކުން ބޮޑެތި ކުށްތައް ކުރުވުމަށް ގޭންގުތަކަށް ފައިސާ ދޭ ވާހަކަ، މިއީ އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. އާދޭހެވެ. އަޑެއް ކިއްޔާ ރެނދެއް ލާނެއެވެ. ސިޔާސީ ކުޅިގަނޑުގައި ޖެހި ޒުވާނުން ހަލާކުވާ ގޮތް އިތުރަށް އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

އެހެން ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ، އަމިއްލަ ނަފްސުގެ މިނިވަންކަން ދޫކޮށްލުމަށް ފަހު އެހެން ބައެއްގެ ބާރާއި ނުފޫޒުގެ ދަށުގައި އުޅެނީ ވަކި ކޮން ފައިދާއެއް ހޯދަން ބާވައެވެ؟ ސިޔާސީ މީހެއްގެ އަމިއްލަ ބޭނުމަކަށް ތިމާގެ މުސްތަގުބަލު ބަނަކޮށްލަން ވީ ކީއްވެގެން ބާވައެވެ؟ އަމިއްލަ ނަފްސުގެ ޢިއްޒަތާއި އަބުރާއި ކަރާމާތް އެހެން މީހެއްގެ ޝަރަފަށް ޓަކައި ދޫކޮށްލުމަށް ކޮންމެވެސް ގޮތަކުން މަޖުބޫރު ވަނީ ބާވައެވެ؟ ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.

މިއާއެކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޒުވާނުން ވެސް މި ކަމުގައި އެ މީހެއްގެ އަމިއްލަ ނަފްސަށް އަދާކުރަން ޖެހޭ ޒިންމާތަކެއް އެބަހުރި ކަމެވެ. ދީނީ ވާޖީބުތަކަށް ފަރުވާ ކުޑަކޮށް ރީތި އިސްލާމީ، ދިވެހިވަންތަ އާދަތަކަކީ "ކަޓު އާދަތަކެއް" ކަމުގައި ބެލުން ދޫކޮށްލަން ވެއްޖެއެވެ. ހުޅަނގުގެ ވިސްނުމާއި ފިކުރަށް ބޯލަނބައި ތިމާ މީހާއަކީ ފަހުރުވެރި ދިވެއްސެއްކަން ހަދާން ނައްތާނުލައި ދިވެހި ގައުމިއްޔަތުން، އަލުން ކުރިއެރުމުގެ އަޒުމް އާކުރަން ވެއްޖެއެވެ.

މައިންބަފައިން އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރެވުމާއި މުޖްތަމައުގެ ތެރޭގައި ގޭންގު ގުރޫޕްތަށް އާލާވާން ފުރުސަތު ދެވުމުން ޒުވާން ޖީލެއް ފަނާވެގެން ދިޔައީއެވެ. ސިޔާސީ ކުޅިގަނޑުގައި ޒުވާނުން ޖައްސައި، ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާނުކުރެވޭތީ ޒުވާން ޖީލެއް ހަލާކުގެތެރެއަށް ވެއްޓިގެން ދިޔައީއެވެ. ސްކޫލުގެ ތެރެއިން ލިބޭ ނުރަނގަޅު ފިލާވަޅުތަކުންނާއި ޒުވާނުން އެބައި މީހުންގެ އަމިއްލަ ނަފްސަށް އެމީހުން އަދާކުރަން ޖެހޭ ޒިންމާތަށް އަދާނުކުރެވުމަކީ މިއަދު އަޅުގަނޑުމެންގެ ގައުމުގެ ޒުވާނުންގެ ހާލަތު މި އަނދަވަޅަށް ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބުތަކެވެ.  ޒުވާން ޖީލު މި ނާޒުކު ހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ މުޅި ދިވެހި މުޖުތަމައުންނެވެ. އެކަމުގެ އިނގިލި ހަމައެކަނި ޒުވާނުންނާ ދިމާލަށް ދިއްކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
30%
0%
20%
0%
ކޮމެންޓް