އިލެކްޓްރޮލައިޓްސް އަދި ވިޓަމިން ހިމެނޭ ބުއިންތައް ހުއްދަ ނެތި އެތެރެކޮށް ވިއްކުން އެމްއެފްޑީއޭ އިން މަނާކޮށްފި
29 ނޮވެމްބަރު 2026 | އާދީއްތަ 09:55އިލެކްޓްރޮލައިޓްސް އާއި ވިޓަމިންސް ހިމެނޭ ބުއިންތައް ސިއްހީ މާހިރެއްގެ ލަފައާ ނުލައި ބޭނުންކުރުމުން ނޭދެވޭ އަސަރުކޮށްފާނެތީ، އެފަދަ ތަކެތި އާންމު ބުއިމެއްގެ ގޮތުގައި ބޭނުންނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި. މިފަދަ ބުއިންތައް ދެން އެތެރެކޮށް ވިއްކޭނީ "ނިއުޓްރާސޫޓިކަލްސް" ގައިޑްލައިންގެ ދަށުން ރަޖިސްޓްރީކޮށްގެން ކަމަށާއި، އުސޫލާ ހިލާފުވާ ތަކެތި ހިފަހައްޓާނެ ކަމަށް އެ އޮތޯރިޓީން ބުނޭ


އެކި ބާވަތުގެ އިލެކްޓްރޮލައިޓްސް އަދި ވިޓަމިން ބުއިންތައް | ސޯޝަލް މީޑިއާ
މިހާރަކަށް އައިސް އިލެކްޓްރޮލައިޓްސް، ވިޓަމިންސް، އަދި މިނަރަލްސް ގިނަ މިންވަރަކަށް އެކުލެވޭ ބާވަތުގެ ބުއިންތައް ރާއްޖެ އެތެރެކޮށް، އާންމު ފިހާރަތަކުގައި ފުޅާ ދާއިރާއެއްގައި ވިއްކަމުންދާ މައްސަލައިގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ބުއިންތައް އާންމު ބުއިމެއްގެ ގޮތުގައި އެތެރެކޮށް، ވިއްކައި، އަދި ބޭނުން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި، މިފަދަ ބުއިންތައް އާންމު ފިހާރަތަކުން ފަސޭހައިން ލިބެން ހުރުމާއި، އޭގެ ލޭބަލްގައި އެއީ "އެނަރޖީ ޑްރިންކް" ނުވަތަ "ހައިޑްރޭޝަން" ބުއިމެއްގެ ގޮތުގައި ބަޔާންކޮށްފައި ހުރެ އެވެ. ނަމަވެސް އޭގައި އެކުލެވޭ ބާވަތްތަކާއި އޭގެ މިންވަރަށް ބެލުމެއް ނެތި، ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވެސް މި ބުއިންތައް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ސިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދެއް ނެތި މިފަދަ ބުއިންތައް ބޭނުން ކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްޙީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެމްއެފްޑީއޭ އިން އިންޒާރުދެ އެވެ.
މިފަދަ ބުއިންތަކުގައި ހިމެނޭ ވިޓަމިން އަދި އިލެކްޓްރޮލައިޓްސްގެ މިންވަރަށް ބަލާއިރު، މިއީ ތަފާތު އެކި ސިއްހީ މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި އިސްތިހާރު ކުރި ނަމަވެސް، މި ބާވަތްތައް ގިންތި ކުރެވޭނީ "ނިއުޓްރާސޫޓިކަލްސް" ގެ ގޮތުގައި ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މީގެ ފަހުން މިފަދަ ބުއިންތައް ރާއްޖޭގައި ވިއްކޭނީ އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް "ނިއުޓްރާސޫޓިކަލްސް" ރަޖިސްޓްރީ ކުރުމާ ގުޅޭ ގައިޑްލައިންގެ ދަށުން ރަޖިސްޓްރީކޮށް، ހުއްދަ ލިބިގެން ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފަ އެވެ.
މި އުސޫލާ ޚިލާފަށް، ރަޖިސްޓްރީ ނުކޮށް އިމްޕޯޓުކުރާ މިފަދަ ބުއިންތައް ބޭހާ ބެހޭ ޤަވާއިދުގެ ދަށުން ހިފަހައްޓަމުން ގެންދާނެ ކަމުގެ އިންޒާރުވެސް އެމްއެފްޑީއޭ އިން ވަނީ ދީފަ އެވެ.
އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން މިފަދަ ބުއިންތައް ބޭނުންކުރުމުގައި އާންމުން ސަމާލުވާންޖެހޭ ކަމަށެވެ. އަދި ބާޒާރުގައި ހުރި މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިމްޕޯޓް ކުރާ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.










