އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ
އޭޑީއެޗްޑީއަށް ދޭ އެންމެ މުހިންމު ބޭސް ކަމަށްވާ 'މެތައިލްފެނިޑޭޓް' ރާއްޖެއިން ލިބުން ދަތިވުމުގެ ސަބަބުން، އެ ބަލި ތަހައްމަލުކުރާ ކުދިންނާއި އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. މި ބޭހަކީ އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ އެއްޗަކަށް ވީ ނަމަވެސް، ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާތީ އެކަމުގެ ކަންބޮޑުވުން މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ފާޅުކުރައްވާފަ.


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް
'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ'، (އޭޑީއެޗްޑީ)ގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އާއި 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް، އެޑްރެސް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި މިކަމާއި ގުޅުން ހުރި ތަފްސީލްތައް ވަނީ ހިއްސާކުރައްވާފަ އެވެ.
އެ ސިޓީގައި ވަނީ ރާއްޖޭގައި 'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ' (ADHD) ތަހައްމަލުކުރަމުންދާ ކުދިންނަށް ފަރުވާދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ADHD އަށް ދެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފަރުވާ ކަމުގައިވާ މެތައިލްފެނިޑޭޓް (Methylphenidate) ރާއްޖެއިން ފަސޭހައިން ލިބެން ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ADHD ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު ފަރުވާ ކަމުގައިވާ މެތައިލްފެނިޑޭޓް ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ނެތުމަކީ އެ ކުދިންގެ އާއިލާތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. މިއީ އެ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާއިރު، ރާއްޖެއިން މި ބޭސް ލިބުން ދަތިވުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވެ، ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައިވާ ކަަމަށް މެމްބަރު ވިދާޅުވި އެވެ.
އެހެންކަމުން، މިކަން މިހިނގަނީ ކިހިނެއް ވެގެންތޯ ސާފުކޮށްދެއްވުމަށްޓަކައި، ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އަދި މިކަމާއި ގުޅުން ހުރި އިދާރާކަމަށްވާ، 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި 2023 ވަނަ އަހަރުގެ އަސާސީ ބޭސްތަކުގެ ލިސްޓު (އީ.އެމް.އެލް) މުރާޖައާކުރުމުގެ މަރުހަލާ އަދި މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ކޯ ކޮމިޓީގެ މެންބަރުންނާއި، އެހީތެރިކަން ފޯރުކޮށްދެއްވި ފަންނީ މާހިރުން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދެއްވައި މިކަމުގައި ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގަންނަވާފަ އެވެ.
މީގެ އިތުރުން މި ބޭހަކީ ރާއްޖޭގެ 'ނެޝަނަލް އެސެންޝަލް މެޑިސިންސް ލިސްޓް' ގައި ހިމެނޭ ބޭހެއް ނަމަވެސް، މިބޭސް ލިބުން ދަތިވުމުގެ ސަބަބުން، ކުޑަކުދިންގެ ސިއްޙަތަށް ކޮންމެހެން ބޭނުންތެރި މިފަރުވާ ލިބުން ވަނީ ބަންދުވެފަ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ADHD ހުންނަ ކުދިންގެ ކުރިއެރުމަށާއި އެކުދިންނަށް ދޭންޖެހޭ ފަރުވާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ލިބެންޖެހޭ އަސާސީ ފަރުވާއަކުން އެކުދިން މަހްރޫމްވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އވެެ.
ރާއްޖޭގެ އަވަށްޓެރި ބައެއް ޤައުމުތަކުގައި ވެސް ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތަށް މިބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މެތައިލްފެނިޑޭޓް ދަނީ ފޯރުކޮށްދެމުން ކަމަށާއި، ރާއްޖެއިން މި ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިންތަކެއް މި ބޭސް ހޯދުމަށް އަވަށްޓެރި ޤައުމުތަކަށް ދާންޖެހުމަކީ އެފަދަ އާއިލާތަކަށް ލިބޭ ނިކަމެތިކަމެއް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.








