ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!
9 އޯގަސްޓު 2026 | އާދީއްތަ 08:23ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޮލިޓީ ބެލުމަށް ކޮންޓެއިނަރުތައް ހުޅުވާއިރު އެމްއެފްޑީއޭގެ އޮފިޝަލުން ހާޒިރުނުވާ މައްސަލައެއް ވަނީ ފެންމަތިވެފައި. މުވައްޒަފުން މަދުވުމުގެ ސަބަބުން އެ އިދާރާގެ ބައިވެރިވުމެއް ނެތި ކޮންޓެއިނަރުތައް ހުޅުވަން އަންގަމުންދާތީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އާންމު ސިއްހަތަށް ނުރައްކާވުމުގެ ބިރު ވަނީ ހީވެފައި


ދައުލަތު މީޑިއާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވާހަކަދައްކަވަނީ | ޕީއެސްއެމް
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ރާއްޖެއެމްވީއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މައުލޫމާތު ދިން މުވައްޒަފެއް ބުނީ، އާންމު އުސޫލުން ކާބޯތަކެތި ހުންނަ ކޮންޓެއިނަރުތައް ހުޅުވާއިރު ކަސްޓަމްސް އާއި ސިފައިންގެ އިތުރުން އެމްއެފްޑީއޭގެ އޮފިޝަލަކު ހުންނަން ޖެހޭ ކަމަށެވެ.
ނަމަވެސް މުވައްޒަފުންގެ ދަތިކަން ހުރުމުން ކޮންޓެއިނަރު ހުޅުވާއިރު، އެމްއެފްޑީއޭގެ އޮފިޝަލަކު ފޮނުވޭކަށް ނެތް ކަމަށާއި، އެމްއެފްޑީއޭގެ އޮފިޝަލަކު ނެތަސް، ކޮންޓެއިނަރުތައް ހުޅުވައިގެން ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް އަންގަމުންދާ ކަމަށް އޭނާ ބުންޏެވެ.
އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އެތެރެވާ ކާބޯތަކެތީގެ ކޮލިޓީ ބެލުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެމްއެފްޑީއޭއަށް ގުޅުމުން އެ އިދާރާގެ މުވައްޒަފަކު ބުނީ، އެ އޮތޯރިޓީ ހިންގަމުން ދަނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށާއި މައުލޫމާތު ހޯދަން ޖެހޭނީ މިނިސްޓްރީގެ މީޑިއާ ސެކްޝަނުން ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ މީޑިއާ ސެކްޝަނުން ފޯނު ނުނަގާތީ އިސް ބޭފުޅަކަށް ގުޅައިދިނުމަށް އެދުމުން ވެސް އެ މުވައްޒަފު އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބުނާނެ އެއްޗެއް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެންކަމުން މިމައްސަލައާ ގުޅިގެން ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މުހިންމު ޒިންމާއަކަށް ވާއިރު، މިފަދަ އިހުމާލުތަކުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.










