ނައީމާ މޫސާގެ މަރާ ގުޅިގެން 60 އަށްވުރެ ގިނަ ހެކިންގެ ހެކިބަސް ނަގައިފި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް
29 ނޮވެމްބަރު 2026 | އާދީއްތަ 05:50ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، ދައުލަތުން ހުށަހެޅި 94 ހެކިންގެ ތެރެއިން 60 މީހެއްގެ ހެކިބަސް މިހާތަނަށް ވަނީ ނަގާފައި. ގަސްތުގައި މީހަކު މެރުމާއި އަދުލު އިންސާފަށް ހުރަސްއެޅުމުގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އުފުލާފައިވާ މި މައްސަލައިގައި، އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އޮތް އަޑުއެހުންތަކުގައި ވެސް ކުރިއަށްދާނެ


ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނު އޭނާގެ ގެ | ރާއްޖެ އެމްވީ
ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި މިހާތަނަށް ދައުލަތުގެ 60 އަށްވުރެ ގިނަ ހެކިންގެ ހެކިބަސް ނަގައިފި އެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ 94 ހެކިންގެ ތެރެއިން 60 ހެކީންގެ ހެކިބަސް މިހާތަނަށް ނަގާފައިވެ އެވެ. އާދިއްތަ ދުވަހު ތާވަލުކުރި އަޑުއެހުމަކީ ވެސް ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
މި މައްސަލައިގައި އަދިވެސް ދައުލަތުގެ ގިނަ ހެކީންތަކެއްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެ އެވެ.
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލީ އޭނާ ސިހުރު ހަދާކަމަށް ބަޔަކަސް ޤަބޫލުކުރެވިގެން ކަމަށާއި އޭނާ އަކީ ސިހުރު ނުވަތަ ފަންޑިތަ ހަދާ މީހެއް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނައީމާ މަރާލި އިރު އޭނާގެ އުމުރަކީ 62 އަހަރެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހު އެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިންނެވެ.
ދައުލަތުގެ ދައުވާ:
އެމީހުންގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލަނީ ނައީމާ މަރާލުމަށްފަހު، ނ. މަނަދޫ ނާމަގު ސަރަހައްދަށް ގޮސް، އެތަނުގައި ވަޅެއް ކޮނެ، ވަޅިޔާއި އެއްޗެހި އަންދާލަން މަސައްކަތްކޮށް، ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ ގޭގެ ދޮރު ތަޅުލާފައި ދިއުމުގެ ސަަބަބުންނެވެ. އެގޮތުން މައްޔިތާއަށް އިހާނެތިކޮށް ހިތުމަށްޓަކައި ދައުވާލިބޭ ފަރާތްތަކުން ކުރި ކަމެއްގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އާއިލާ މީހުންނަށް ވެސް އެނގިފައިވަނީ ހާދިސާ ހިނގިތާ 40 ގަޑިއިރު ފަހުންކަމަށް ޝަމީމް ވިދާޅުވި އެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ނައީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް ގަސްތުކޮށް އެކަން ކުރާނެ ގޮތް ރާވައި، ނައީމާ މޫސާ މަރާލުމަށްޓަކައި ރާވައި، ސިހުރު ހަދާ މީހުން ގަތުލުކުރުމަކީ އެމީހުން ފާފަވެރިވާނެކަމެއް ނޫންކަމަށް މި މައްސަލައިގައި ހިމެނޭ ހަސަން ފަވާޒު ވަނީ ވިސްނައިދީފަ އެވެ.
އަދި ހަސަން ފަވާޒު ނައީމާ މޫސާ މަރާލުމަށް ދުވަހެއް ކަނޑައަޅައި، އެ އަމަލު ހިންގުމަށް ބޭނުންވާ ތަކެތި ހޯދައިދީ، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދުއްވާ ކާރުގައި އެމީހުން ނ. މަނަދޫ، އަންނާރުމާގެއަށް ގެންދިޔަކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން، އެމީހުން ނައީމާ މޫސާއަށް ހަމަލާދޭން އެ ގެއަށް ވަނީއްސުރެ ނައީމާ މޫސާ މަރާލަންދެން އެމީހުންނަށް ފޯނުން ގުޅައިގެން ހަސަން ފަވާޒު އިރުޝާދުދީ، އެމީހުން އެއްބަސްވެފައިވާ ގޮތަށް އަހުޒަމް އަބްދުއްޝަކޫރު އާއި އަބްދުލްވާހިދު ރިފާސް ނައީމާ މޫސާގެ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދިންކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ނައީމާ މޫސާ މަރާލުމުން، އެމީހުން ބަލައި އަންނާރުމާގެއަށް ހަސަން ފަވާޒު ގޮސް އެމީހުން ގޮވައިގެން ހެކި ނައްތާލުމަށްޓަކައި ނ. މަނަދޫ ނާމަގު ސަރަހައްދަށް ގެންގޮސްދީ، އެމީހުން ހެކި ނައްތާ ނިމުމުން، ނާމަގު ސަރަހައްދަށް ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީ، ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާކަމަށް ވެސް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެ އެވެ.







