އަވަސް މުސްތަޤުބަލެއްގައި ފަށާނެކަމަށް ސަރުކާރުން ބުނި ކެންސަރު ހޮސްޕިޓަލު: އަހަރެއް ފަހުން ސުވާލު ކުރުމުންވެސް ބުނީ ފަށަން ތައްޔާރުވަމުންދާކަމަށް!
25 ނޮވެމްބަރު 2026 | ބުދަ 06:23މާލެ ސަރަހައްދުގައި ތަރައްޤީކުރާ 500 އެނދުގެ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި. އިކޮނޮމިކް ކައުންސިލުން ހުއްދަ ދީފައިވާ މި މަޝްރޫއު ކުރިއަށް ގެންދާނެ ބިން މިހާރު ހަމަޖެހިފައިވީ ނަމަވެސް، އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީޚެއް ސަރުކާރުން އަދި ހާމައެއް ނުކުރޭ

ހެލްތް މިނިސްޓަރު ގީލާ އަލީ | ރާއްޖެ ޓީވީ
ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، މިހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ބުނިތާ އަހަރެއްފަހުން، އަނެއްކާވެސް އެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް ސަރުކާރުން ބުނެފި އެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެކަމާ ގުޅިގެން ސުވާލު ކުރެއްވުމުން ގީލާ ވިދާޅުވީ، 500 އެނދުގެ ޖާގައިގެ މި ހޮސްޕިޓަލް އިމާރާތްކުރާނެ ޖާގަ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. މިއީ ކެންސަރު ބަލީގެ އިތުރުންވެސް އެކި ފަރުވާތައް ލިބޭގޮތަށް ތަރައްޤީ ކުރާ ހޮސްޕިޓަލެއްކަމަށް ސަރުކާރުން ބުނެ އެވެ.
މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށާއި، އެގޮތުން ޓެކްނިކަލް ރިކުއަޔަމަންޓްސް ކަނޑައެޅުމާއި ޚިދުމަތްތައް ޕްލޭންކުރުމާއި އިންޖިނިއަރިންގެ ފަރުމާތައް އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ގީލާ ވިދާޅުވި އެވެ.
މި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އޭރު މިނިސްޓަރު ވިދާޅުވީ، ކެންސަރ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތް ނިމިފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފަށާނޭ ކަމަށެވެ.
އޭގެ އަހަރެއް ފަހުން މިހާރުގެ ހެލްތު މިނިސްޓަރު ގީލާ ޢަލީއާ މަޖިލީހުން ސުވާލު ކުރުމުން މިނިސްޓަރުވެސް މި ދެއްވީ ހަމަ އެފަދަ ޖަވާބެކެވެ.









