ފަރެސްމާތޮޑާގައި ހާލުގައި އުޅުނު ދުވަސްވީ މީހާގެ މައްސަލައިގައި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާމެދު ސުވާލު އުފައްދައިފި
16 ސެޕްޓެމްބަރު 2026 | ބުދަ 14:48ގދ. ފަރެސްމާތޮޑާގައި އުމުރުން ދުވަސްވީ މީހަކު ހާލުގައި އުޅެންޖެހުނު މައްސަލައިގައި، ދައުލަތުގެ ބެލުމުގެ ދަށަށް މީހުން ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުން މެންބަރު ކުޑޫ ސަރުކާރާ ސުވާލުކުރައްވައިފި. މީގެއިތުރުން، އާއިލާއިން އަޅާނުލާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމާއި، ރަށްރަށުގައި ތިބޭ ނިކަމެތިން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ގޮވާލައްވާފައި


ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، އެ ފަރާތްތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޤައުމީ ނިޒާމެއް ގާއިމުކުރުން ލަސްވާ ސަބަބާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައި | ދަ ޕްރެސް
ގދ. ފަރެސްމާތޮޑާގައި އާއިލާގެ އެހީތެރިކަމެއް ނެތި، ނިކަމެތި ހާލުގައި އުމުރުން ދުވަސްވީ މީހަކު ދެ އަހަރު ދުވަސް ވަންދެން އުޅެންޖެހުނު މައްސަލައާ ގުޅިގެން، ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގޮންޖެހުންތަކާމެދު ސުވާލު އުފައްދަވައި، މައުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސިޓީއެއް ފޮނުއްވައިފި އެވެ.
މި ސިޓީގައި މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ފަރާތް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން ލަސްވެފައިވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޖާގަ ނެތުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ކަމާބެހޭ ވަޒީރާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، މަރުކަޒުތަކުގައި ޖާގަ ނެތް ކަމަށް ބުނެ އެކަނިވެރި އަދި ނިކަމެތި ހާލުގައިވާ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލެވިފައި ތިބެންޖެހުމަކީ ދައުލަތުގެ އިހުމާލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ. އަދި އެފަދަ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލަށް ވަނީ އެދިވަޑައިގަންނަވާފަ އެވެ.
މީގެއިތުރުން، މަރުކަޒުތަކުން ވަގުތުން ޖާގަ ނުލިބޭ ހާލަތްތަކުގައި، ރަށު ފެންވަރުގައި ވަގުތީ އެހީތެރިއަކު ހަމަޖައްސައިގެން އެފަދަ މީހުން ބެލެހެއްޓޭނެ ކުއްލި ހާލަތްތަކުގެ އުސޫލެއް ނިޒާމުގެ ތެރޭގައި އެކުލަވާލެވިފައި ނުވަނީ ކީއްވެގެންތޯ ވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެއިތުރުން އާއިލާއާބެހޭ ޤާނޫނުގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުން، މައިންބަފައިންނަށް އަޅާނުލާ ދޫކޮށްލާ ދަރިންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކަށް މި މައްސަލަ މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވޭތޯ ވެސް ވަނީ ސާފުކުރަން އެދިވަޑައިގަންނަވާފަ އެވެ.
އަދި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެފަދަ ފަރާތްތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޤައުމީ ނިޒާމެއް ގާއިމުކުރުން ލަސްވާ ސަބަބާމެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ބަޖެޓުން އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ކަށަވަރުކުރުމަށް ޚާއްސަކުރެވިފައިވާ މިންވަރާއި، އަތޮޅުތެރޭގެ ރަށްރަށުގައި މިފަދަ ހާލަތްތަކުގައި ތިބޭ ފަރާތްތައް ދެނެގަނެ އެހީތެރިކަން ދޭނެ އިޖުތިމާއީ ޚިދުމަތްތެރިން ގާއިމުކުރެވިފައި ނެތް މައްސަލައިގައި ވެސް ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީވުމަށް އެދިވަޑައިގަންނަވާފަ އެވެ.
އަދި މި މައްސަލައިގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކަނިވެރި ހާލުގައި ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހިފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް ވެސް މެންބަރު ވަނީ ލިޔުއްވާފަ އެވެ.











