މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު ކުޑޫ ހެލްތް މިނިސްޓަރު ގީލާއަށް ސިޓީއެއް ފޮނުއްވައިފި
18 އޮކްޓޯބަރު 2026 | އާދީއްތަ 07:49މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އާންމުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުކުރުމަށް ހެލްތު މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވަނީ އެދިވަޑައިގެންފައި. މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން މެންބަރު ފާހަގަކުރެއްވި


ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް
މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި އާންމުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅޭ އަދި އާންމު އުނދަގޫ ކުރާ މީހެއްގެ ސަބަބުން އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ އިތުރުން ވެހިކަލް ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހެ އެވެ. އަދި މިއީ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލައަކަށް ވުމުން، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި، މިކަމަށް ލަސްނުކޮށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ހެލްތު މިނިސްޓްރީގެ ދަށުގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ގާއިމުކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ނާޒުކުކަން ބަޔާންކޮށް މީގެ ކުރިންވެސް މިނިސްޓްރީއާ އެކި ފަހަރު މަތިން މުއާމަލާތް ކުރެވިފައިވާ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ. ނަމަވެސް، މިހާތަނަށް އެދެވޭ އަދި ދާއިމީ ހައްލެއް މިފަދަ ކަންކަމަށް ލިބިފައިނުވާ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް އަލިއަޅުއްވާލައްވައި މެންބަރު ކުޑޫ ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތްތައް ލިބުމާއި، ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ އަސާސީ ހައްގެއް ކަމަށެވެ.
އެހެންކަމުން، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ފަދައިން، ރާއްޖޭގައިވެސް މިފަދަ ފަރާތްތަކާމެދު އަމަލުކުރާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
މީގެ އިތުރުން މި މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓްރީން އަޅަމުންދާ އަވަސް ފިޔަވަޅުތަކަކީ ކޮބައިކަމާއި، މިފަދަ ހާލަތްތަކުގައިވާ މީހުންނަށް ދާއިމީ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިކަން ސާރުކޮށްދިނުމަށް ވެސް މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
މެންބަރު ކުޑޫ މިފަދަ ސިޓީއެއް ފޮނުއްވިއިރު، އާއިލާތަކަށް ބިރުދައްކައި ފުރައްސާރަކުރާ މީހަކު ހައްޔަރުކުރުމަށްފަހު ތަކުރާރުކޮށް ދޫކޮށްލާތީ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ މުޙައްމަދު ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފަ އެވެ. އެއާއެކު ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ވަނީ ލިބިގެން ގޮސްފަ އެވެ.









