ޕެރޫއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
21 ނޮވެމްބަރު 2026 | ހޮނިހިރު 05:13ޕެރޫގެ އޮންޑޯރެސް ސަރަހައްދަށް އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައި. ބިމުގެ 142 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މާއްދީ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވޭ


ޕެރޫގެ މެދުތެރޭގެ ޖުނީން ރީޖަންއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ | ގެޓީ އިމޭޖަސް
ޕެރޫގެ މެދުތެރޭގެ ޖުނީން ރީޖަންއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އައި މި ބިންހެލުން އައިސްފައިވަނީ ޕެރޫގެ އޮންޑޯރެސްގެ ހުޅަނގު-އުތުރުން ގާތްގަނޑަކަށް 22 ކިލޯމީޓަރު (14 މޭލު) ދުރަށެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހުކުރު ދުވަހުގެ ރޭގަނޑު 7:09 ގަ އެވެ. އަދި މި ބިންހެލުން އައިސްފައިވަނީ ބިމުގެ 142.1 ކިލޯމީޓަރު އަޑިންނެވެ.
އެމެރިކާގެ ނޭޝަނަލް ސުނާމީ ވޯނިން ސެންޓަރުން ބުނެފައިވަނީ، މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އެފަދަ އެއްވެސް އިންޒާރެއް ނެރެފައިނުވާ ކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ނުވަތަ އިމާރާތްތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.









