އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026 | ހުކުރު 12:31ރިއަލް އެސްޓޭޓް ބިލަކީ ރަސްމާލެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތަކަށް އޮތް ހައްލެއް ކަމަށް ރައީސް ވިދާޅުވާތީ، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާނޫނީ ވަކީލް އަލީ ހުސެއިން ގޮވާލައްވައިފި. ބޭރު މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަކީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ކަމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ނިންމުމާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި


ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން | ރާއްޖެއެމްވީ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އެހާ ފުރިހަމަ ނަމަ ރަސްމާލެ މައްސަލައާ ގުޅިގެން ރެފަރެންޑަމަކަށް ވަޑައިގަންނަވަންވީ ނޫންތޯ ވިދާޅުވެ، ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސުވާލެއް އަމާޒުކުރައްވައިފި އެވެ.
ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ވަރަށް ފުރިހަމަ އަދި ރަސްމާލެ މަޝްރޫއާ ގުޅޭ ރައްޔިތުންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށެވެ.
އެ ބިލަކީ އެމަނިކުފާނު އެ ވިދާޅުވާހާ ފުރިހަމަ ބިލެއް ނަމަ، އެ ކަމާ ގުޅިގެން ފެންނަ ނުފެންނަ ވޯޓަކަށް ނުދާންވީ ސަބަބެއް ނެތް ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް އެހާ ޔަގީންކަން އޮންނަ ކަމަށް ވަންޏާ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ޔަގީންފުޅު ކަމާއެކު ވިދާޅުވަނީ ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަކަށް އެޑްރެސް ކޮށްފައޭ މި ބިލުގައި އޮންނާނީ. އެހެންވީމާ ފެންނަ ނުފެންނަ ވޯޓަކަށް ދާންވީނޫންތޯ. ހުރިހާ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވިފައި ހުރިއްޔާ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގެންނެވީމައި ރައްޔިތުން ބުނާނެއެއް ނޫންތޯ އާއެކޭ ނުވަތަ ނޫނެކޭ. އެހާ ޔަގީންކަން އޮވެއްޖަކަމުގައި ވާނަ ވަޑައިގަންނަވަންވީ ނޫންތޯ؟އަލީ ހުސެއިން
އަލީ ހުސެއިން ވިދާޅުވީ، ބޭރުގެ މީހުން، ޣައިރު ދީންތަކުގެ މީހުން، ވަކިން ޚާއްސަކޮށް ޒަޔަނިސްޓުން ދިވެހިރާއްޖޭގައި ވަޒަންވެރިކޮށް އާބާދުކުރުވުމަކީ އެއީ ދިވެހި އެއްވެސް ރައްޔިތަކު ވޯޓުލާފައިވާ ކަމެއް ނޫން ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު ރިޔާސީ ރޭހުގައި ޕީއެންސީގެ ފަރާތުން ހުށަހަޅާފައި އޮތް މެނިފެސްޓޯ އެއްކޮޅުން އަނެއްކޮަޅަށް ބެލި ނަމަވެސް ނުވަތަ ވެރިކަމާ ހަވާލުވުމަށްފަހު ހެދި މެނިފެސްޓޯ ފޮތް ބެލި ނަމަވެސް އެވާހަކަ އެއްވެސް ތާކު ލިޔެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ބަލަން ޖެހޭނީ ވޯޓުލީ މީހުން. ޕީއެންސީ އިން ރައީސް މުއިއްޒު އަށް ވޯޓު ލީ މީހުން ވޯޓުލަނީ ވަކި މެނިފެސްޓޯއަކަށް ބަލާފައި. މެނިފެސްޓޯ އިން ދައްކަވާ. ބޭރު މީހުން ގެނަސް ދިވެހިރާއްޖޭގައި އާބާދު ކުރުވުމަކީ އެ މެނިފެސްޓޯގައި ހުށަހަޅުއްވާފައި އޮތް ކަަމެއް ކަމަށް، ޣައިރު ދީންތަކުގެ މީހުން ރާއްޖެ އަށް ގެނަސް ވަޒަންވެރި ކުރުވުމަކީ މެނިފެސްޓޯގެ ބައެއް ކަމަށް އޮތް ތަން ދައްކަވާއަލީ ހުސެއިން
އެހެންކަމުން ހަގީގަތުގައި މި ކަމުގައި އެންމެ ބޮޑަށް އަޑު އުފުލަން ޖެހޭ ބަޔަކީ ޕީއެންސީ މެންބަރުން ކަމަށާއި، ރައީސް މުއިއްޒު ހޮވުމަށް ވޯޓުލީ މީހުން ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ އެމަނިކުފާނު ވެރިކަން ކުރައްވަމުން ދަނީ އެ ރައްޔިތުން ވޯޓުލީ ގޮތާ އެއްގޮތަށް ނޫން ކަމަށް ވާތީ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.











