މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު މިންހާޖު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅައިފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 10:282022 ވަނަ އަހަރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މުހައްމަދު މިންހާޖު ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ހިންގި ނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވޭ. އެހެންކަމުން އޭނާ ގެއްލުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާތީ، ޝަރުއީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ ކަނޑައަޅާފައި.


މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖް | ސޯޝަލް މީޑިއާ
މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖް މަރުވެފައިވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.
ކޯޓުން މިގޮތަށް ނިންމީ މިންހާޖު ގެއްލުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާތީ، ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގަ އެވެ.
މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. ފުލުހުން އޭރު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ލޯންޗު ފުރާފައިވަނީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ދެ ފިރިހެނުންނާއެކުގައެވެ. މި ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ ފެނިފައިވަނީ އއ. މާޅޮސް ކައިރިންނެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާ ހިނގި ދުވަސްވަރު ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، ލޯންޗުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ފެނިފައެވެ. އޭނާ ފެނިފައިވަނީ އއ. ފެރިދޫ ފުއްޓަރު ފަރާތުންނެވެ.

ލޯންޗް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ސަރަހައްދު | އެމްއެންޑީއެފް
ނަމަވެސް އެ ހާދިސާއަށްފަހު މިންހާޖު ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ހިންގި ނަމަވެސް، އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ އުސޫލުތައް އޮންނަ ގޮތުން، މީހަކު ގެއްލިގެން ހޯދާތާ ވަކި މުއްދަތެއް ފާއިތުވާއިރުވެސް އެމީހެއްގެ އެއްވެސް ޚަބަރެއް ނުވެއްޖެނަމަ، އެއީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓުތަކަށް ލިބިގެންވެއެވެ. މިފަދަ ނިންމުންތައް ނިންމަނީ އެމީހަކު ހޯދުމަށް ކުރި މަސައްކަތްތަކާއި، ހާދިސާ ހިނގި ގޮތުގެ މައްޗަށް ބިނާކޮށް ޝަރުއީ ގޮތުންވެސް ބަލަންޖެހޭ ކަންކަން ބަލައި ކަށަވަރު ކުރުމަށްފަހުގައެވެ.






