ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު
17 ނޮވެމްބަރު 2026 | އަންގާރަ 11:11ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި ބިޔަ މަޝްރޫއުތަކާއި ވައުދުތަކުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި. މީގެ ތެރޭގައި ކަނޑުއަޑީގެ ބިއްލޫރި ޓަނަލާއި، އައްޑޫ އަދި ހުވަދުއަތޮޅުގައި އެޅުމަށް ނިންމި ބްރިޖުތަކާއި، ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި، ބައިނަލްއަޤްވާމީ މާލީ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއުތަކުގައި އަމަލީ ސިފަ ޖެހުން ލަސްވަމުންދާކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރޭ. ވައުދުތައް ފުއްދުމަށްވުރެ ބޮޑަށް، ތާރީޚުތައް ފަހަތަށް ޖެއްސުމާއި އައު ސުރުޚީތައް އުފެއްދުމަކީ މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު ސިޔާސަތު ކަމުގައި ފާހަގަކުރެވޭ. މި ސަރުކާރުގެ ފާއިތުވި ތިން އަހަރަކީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވި ގެއްލިގެންދިޔަ ބޭކާރު ތިން އަހަރު


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުންނަށް ދެއްކެވި ފޮނި ހުވަފެންތަކާއި ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކުގެ ނަތީޖާއެއް ފެންނާކަށް ނެތް | ރާއްޖެއެމްވީ ގްރެފިކްސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރިގެންދާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅުތަކާއި އިއުލާންކުރެއްވި ބިޔަ މަޝްރޫއުތަކުގެ ތަންފީޒީ މަރުހަލާއާ މެދު ސިޔާސީ މަސްރަހުގައްޔާއި އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. މީޑިއާތަކުގެ ފަލަސުރުޚީތައް ފަޅުފިލުވައިދިން އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މަޝްރޫއުތަކުގެ ތެރެއިން އަމަލީ ގޮތުން ދެއްކުނު އެއްވެސް ނަތީޖާއެއް ނެތެވެ. ތާރީޚު ބަދަލުކުރުމާއި، ކުންފުނިތައް ބަދަލުކޮށް، ބަހަނާތައް ދެއްކުން ފިޔަވައި ބިންމަތިން ފެންނަން އޮތް ހަގީގީ ކުރިއެރުމެއް ނެތެވެ. މި ރިޕޯޓުގައި މި ބަލާލަނީ ރައްޔިތުންނަށް އޮޅުވާލާފައިވާ މިފަދަ ބޮޑެތި 10 ވައުދުތަކުގެ ތަފްސީލަށެވެ.
ކަނޑުއަޑީގެ ބިއްލޫރި ޓަނަލް: ޚިޔާލީ ކުރެހުމަކުން ފެށުނު ކުލަ ނުވި މަޝްރޫއެއް
މާލެއާއި ރަސްމާލެ ކަނޑުއަޑީގެ ބިއްލޫރި ޓަނަލަކުން ގުޅާލުމަކީ، 22 ޖެނުއަރީ 2024 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ވައުދެކެވެ. ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި، މިއީ ދަތުރުވެރިންނަށާއި ފަތުރުވެރިންނަށް ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރެވޭނެ ގޮތަށް، ރޭލު ދަތުރުފަތުރާއެކު ތަރައްގީކުރެވޭ ދުނިޔޭގެ މިފަދަ ފުރަތަމަ ޓަނަލެވެ.
ނަމަވެސް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު 29 އޮކްޓޫބަރު 2024 ގައި ވިދާޅުވެފައިވަނީ، މިއީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ހަނދަށް އިންސާނުން ފޮނުއްވުމަށް ގެންގުޅުއްވި ފަދަ އުނދަގޫ އަދި ދުރު ތަސައްވުރެއް ކަމަށެވެ. އަދި ހުޅުވިފައިވާ ބޮޑު ކަނޑެއްގެ އަޑީގައި މިފަދަ ބިއްލޫރި ޓަނަލެއް އެޅުމަށް ބޭނުންވާ ޓެކްނޮލޮޖީ މިވަގުތު ދުނިޔޭގައި އަދި އެކަށައެޅިފައި ނުވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މިވާހަކަ އެކި ގޮތަށް ބަދަލުވެގެން ދިޔަ ނަމަވެސް، 30 މާރިޗު 2026 ގައި ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވީ، މި މަޝްރޫއުގެ ޓެކްނިކަލް އެސެސްމަންޓްތައް އަދިވެސް ކުރިއަށްދާ ކަމަށާއި، މަޝްރޫއު ނިންމާލެވޭނެ ތާރީޚެއް ކަނޑައެޅޭނީ އެ ދިރާސާތައް އެއްކޮށް ނިމުމުން ކަމަށެވެ. އަދި 13 އޮގަސްޓް 2026 ގައި ރާއްޖެޓީވީން ހުށަހެޅި އާރްޓީއައި އަކާ ގުޅިގެން މިނިސްޓްރީން ދެއްވި ޖަވާބުގައި ބަޔާންކޮށްފައިވަނީ، މި މަސައްކަތް އަދިވެސް އޮތީ ފީޒިބިލިޓީ ސްޓަޑީ ހަދާނެ ފަރާތެއް ހޯދުމުގެ ޓެންޑަރިންގ މަރުހަލާގައި ކަމަށެވެ. އެހެންކަމުން، މިއަދާ ހަމައަށް ވެސް މި މަޝްރޫއު ފެންނަމުންދަނީ މިވަގުތު ލިބެންނެތް ޓެކްނޮލޮޖީއެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ޚިޔާލީ ހުވަފެނެއްގެ ގޮތުގަ އެވެ.
އައްޑޫ ހުޅުދޫ-މީދޫ ބްރިޖް މަޝްރޫއު: ތާރީޚުތަކާއި ކުންފުނިތައް ބަދަލުވުން ފިޔަވައި އަމަލީ ސިފައެއް ނާދޭ
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ-މީދޫ ދެމެދު ބްރިޖެއް އެޅުމުގެ މުހިންމުކަން ފުރަތަމަ ފަހަރަށް ހާމަކުރައްވާފަ އެވެ. އަދި އޭގެ އަނެއް ދުވަހު (22 އޯގަސްޓް 2023) ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ދެ ރަށުގެ ރައްޔިތުންގެ އެއްވަނައިން ފެށިގެން ދިހަވަނައާ ހަމައަށް އޮތް އެންމެ ބޮޑު އުންމީދަކީ ވެސް އެ ބްރިޖު ކަމަށްވާތީ، އެ މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން، ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޑިޒައިނިންގ މަރުހަލާ ނިންމައި، 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފަށައި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމަވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.
ނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު:
- ފެބްރުއަރީ 19، 2024: މިސްރުގެ 'އަރަބް ކޮންޓްރެކްޓަރސް' ކުންފުންޏާއެކު ވެވުނު އެއްބަސްވުން، އެ ފަރާތަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހި މުއްދަތު ހަމަވުމުގެ ސަބަބުން ވަނީ ބާތިލުވެފަ އެވެ. މީގެ ސަބަބުން، 2024 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ކަނޑައެޅި އަމާޒަށް ވާސިލުވެވިފައެއް ނުވެ އެވެ.
- އޮކްޓޯބަރު 26، 2025: މަޝްރޫއުގެ ސަރވޭ މަސައްކަތް ޗައިނާގެ 'ޓީވައި ލިން' ކުންފުންޏާ ހަވާލުކުރެވުނު ނަމަވެސް، އެ މަސައްކަތުގެ ދަށުން އަދިވެސް ދިރާސާކުރެވެމުންދަނީ ބްރިޖެއް ނުވަތަ ރޭލް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުންނެވެ.
- އޮގަސްޓު 16، 2026: ސަރުކާރުގެ ރަސްމީ ހާމަކުރުންތަކުން އެނގޭ ގޮތުގައި، 2024 ވަނަ އަހަރުގެ ބަޖެޓުގައި ބްރިޖުގެ ސަރވޭއަށް ކަނޑައެޅި 30 މިލިއަން ރުފިޔާގެ ބޭނުން ހިފިފައެއް ނުވެ އެވެ.
މިހެންކަމުން، މި ސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު ވެސް މި މަޝްރޫއު އޮތީ ހަމައެކަނި ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގަ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު: 8.8 ބިލިއަން ޑޮލަރުގެ އުންމީދީ މަޝްރޫއު
ދިވެހިރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖެއަކީ ބައިނަލްއަޤްވާމީ މާލީ މައި މަރުކަޒަކަށް ހެދުމަށް ކަމަށް ބުނެ، 8.8 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއްގެ އެއްބަސްވުމުގައި ޤަތަރުގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއެކު ސޮއިކުރެވުނީ 4 މެއި 2025 ގަ އެވެ. މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އަހަރަކު އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 7 ޖޫން 2026 ގައި ހާމަކުރެއްވި ގޮތުގައި، ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން މަޝްރޫއުގެ މަސައްކަތުގެ ދާއިރާއަށް (ސްކޯޕަށް) ބަދަލުތަކެއް ގެންނަން ޖެހުމާ ގުޅިގެން، ފީޒިބިލިޓީ ދިރާސާތައް އަދިވެސް ދަނީ ކުރިއަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށޭނެ ސީދާ ތާރީޚެއް މިހާތަނަށް ސަރުކާރަށް ކަނޑައެޅިފައެއް ނުވެ އެވެ.
ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު: އެއްބަސްވުން ބާތިލުވެ، އަމަލީ މަސައްކަތް އަދިވެސް ނުފެށޭ
ގއ. ވިލިނގިލީގައި ބިން ހިއްކައިގެން ބައިނަލްއަޤްވާމީ ފެންވަރުގެ އެއާޕޯޓަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ އިތުރުން 17 ރިސޯޓު ހިމެނޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބެލްޖިއަމްގެ އެންވީ ބެސިކްސް ކުންފުންޏާއެކު 22 ފެބްރުއަރީ 2024 ގައި ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ފައިނޭންސް ހަމަޖެހިފައި ނުވާތީ އެ އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަ ރިޕޯޓް (އީއައިއޭ) ހެދުމުގެ މަރުހަލާ އަދިވެސް މުޅިން ނިމުމަކަށް ނާދެ އެވެ. އައު ކޮންޓްރެކްޓަރަކާއެކު މަޝްރޫއޫގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، މަޝްރޫއު އިއުލާނުކުރިތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ވެސް ބިން ހިއްކުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެ އެވެ. ރާއްޖެޓީވީން ހުށަހެޅި އާރުޓީއައި އަކަށް ޖަވާބުދެމުން ކަމާބެހޭ ވުޒާރާއިން ބުނެފައިވަނީ، ހިނގަމުންދާ ރިޔާސީ ދައުރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް އެދެވޭ ދުވެއްޔެއްގައި ކުރިއަކަށް ނުދެ އެވެ.
ތިނަދޫ-ކާޑެއްދޫ ބްރިޖު: 3.7 ކިލޯމީޓަރުގެ ބިޔަ މަޝްރޫއު އަދިވެސް އޮތީ ސޮއިކުރުމުގެ މަރުހަލާގައި
ހުވަދުއަތޮޅުގެ ތަރައްގީއަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ތިނަދޫ ސިޓީއާއި ކާޑެއްދޫ ގުޅުވާލުމަށް ރާވާފައިވާ 3.7 ކިލޯމީޓަރުގެ ބްރިޖް މަޝްރޫއުގެ ފީސިބިލިޓީ ދިރާސާއަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި 4.4 މިލިއަން ރުފިޔާ ހިމެނި އެވެ. އަދި އޭގެ ފަހުން 2025 ވަނަ އަހަރު ކާޑެއްދޫ އެއާޕޯޓުގެ ޕްލޭނަށް ވެސް ބަދަލުތަކެއް ގެނެވުނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ކުރިން ހާމަކުރި ނަމަވެސް، އިންވެސްޓަރ ފައިނޭންސް އުސޫލުން ބޭނުންވާ ފައިސާ ހަމަޖެހުމުގައި ދިމާވި ދަތިތަކާ ގުޅިގެން މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން، އޮގަސްޓް 2026 އާ ހަމައަށް އައިއިރު ވެސް މަޝްރޫއު އޮތީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާއިރު، އަމަލީ ގޮތުން ސައިޓުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ، މި ވައުދުފުޅު ތަކުރާރު ކުރައްވާފަ އެވެ.
ފުނަދޫ، މާލެ އަދި ހުޅުލެ ގުޅުވާލާ މޮނޯރެއިލް މަޝްރޫއު: ތެޔޮ ރައްކާކުރާ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ވެސް ނުފެށޭ
މާލެ، ކ. ފުނަދޫ، ހުޅުލެ އަދި ކ. ފުރަނަފުށި މޮނޯރެއިލް ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އިއުލާނުކުރީ 5 ޖެނުއަރީ 2024 ގަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ 12 މެއި 2024 ގަ އެވެ. އެހެންނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައިވާ، ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެން ތަނަކަށް ބަދަލުކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެށިފައެއް ނުވެ އެވެ.
ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ ސިޔާސަތު: ތާވަލުތަކަށް އައި ބަދަލުތަކާއި ކަންބޮޑުވުންތައް
ރައްޔިތުންނަށް ފެންވަރު ރަނގަޅު، ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭ ބޭސް ބަލްކް ޕްރޮކިއުމަންޓް އުސޫލުން އެތެރެކޮށް، މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެފުޅެކެވެ.
މި ސިޔާސަތު 4 ފެބުރުވަރީ 2024 ގައި އިއުލާނުކުރުމަށްފަހު، ޔޫއެންޑީޕީ މެދުވެރިކޮށް އެ އަހަރުގެ 22 ޖުލައި ގައި ރާއްޖެއަށް އެތެރެކުރެވުނީ ބޭހުގެ 7 ބާވަތެކެވެ. ނަމަވެސް، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައެޅި ތާވަލުތަކަށް ވަނީ އެކި މަރުހަލާތަކުގައި ބަދަލުތަކެއް އައިސްފަ އެވެ.
އެގޮތުން ފާހަގަކުރެވޭ މުހިންމު ކަންކަމަކީ:
- 2024 ގެ ފަހު ކުއާޓަރ: ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ހަމަކުރުމަށް އަމާޒުހިފި ނަމަވެސް، އެ މުއްދަތުގައި އެ އަމާޒަށް ވާސިލުވެވިފައެއް ނުވެ އެވެ.
- 2025 ގެ ފުރަތަމަ ކުއާޓަރ: މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ އަސާސީ ހުރިހާ ބޭހެއް މާރިޗު އަދި އޭޕްރީލް 2025 ގެ ނިޔަލަށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ކަނޑައެޅި ނަމަވެސް، އެ މުއްދަތު ވަނީ ފަހަނައަޅައި ގޮސްފަ އެވެ.
- އިދާރީ އޮނިގަނޑަށް ގެނައި ބަދަލު: ބޭހުގެ ނިޒާމު ހަރުދަނާކުރުމުގެ ބޭނުމުގައި، 9 ސެޕްޓެމްބަރު 2025 ގައި ސަރުކާރުން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދައި، ބޭސް އެތެރެކުރުމާއި ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
- ތާވަލުތައް ފަސްކުރުން: އެސްޓީއޯ ފާމަސީތައް އައު ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ދެވަނަ އަދި ތިންވަނަ ކުއާޓަރާ ހަމައަށް ދަންމާލުމަށް ވަނީ ނިންމާފަ އެވެ.
މި ބަދަލުތަކާއި ލަސްވުންތަކާ ގުޅިގެން، ރަށްރަށުގެ ފާމަސީތަކުން އަސާސީ ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަދިވެސް ދަނީ ފާޅުކުރަމުންނެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ މިހާރު ވެސް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. އެންމެ އަސާސީ ބޭސްފަރުވާއަށް ވެސް ރައްޔިތުން މިއަދު ސަލާންޖަހަން ޖެހިފައިވާއިރު، ބޮޑެތި ބަލިތަކަށް ފަރުވާކުރާނެ ބޭސް ނުލިބި އެތައް ފުރާނައެއް މިވަނީ ނުރައްކަލުގެ ތުންފަތްމަތީގަ އެވެ. ބޭސް ސިޓީއެއް ހިފައިގެން އެއް ބޭސްފިހާރައިން އަނެއް ބޭސްފިހާރައަށް ސަލާންޖަހަމުން ދުވަންޖެހުމުގެ ސަބަބުން، ނިކަމެތި ރައްޔިތުން މިވަނީ ނަފްސާނީ އަދި މާލީ ގޮތުން ވެސް އިންތިހާއަށް ގޮތްހުސްވެފަ އެވެ.
ފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމުގެ ވައުދު
ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް ރަސްމީ ރޭޓުގައި ބޭންކުން ދޫކުރާ ޑޮލަރުގެ އަދަދު 500 ޑޮލަރުން 1,000 ޑޮލަރަށް އިތުރުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މިކަން އެމަނިކުފާނު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ 2024 ނޮވެންބަރު 27 ގަ އެވެ. އަދި އޭގެ ފަހުން، 2025 ފެބުރުވަރީ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް 1,000 ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރަސްމީކޮށް އިއުލާނު ކުރެއްވި އެވެ.
މި ވައުދު ފުއްދެވުމަށްޓަކައި ސަރުކާރުން މައިގަނޑު ގޮތެއްގައި ބިނާކުރީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަގުސަދުގައި 2025 ޖެނުވަރީ 1 އިން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދަށެވެ. މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ތިޔާގިކަން އިތުރުކުރު މެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމިގެން ދިޔައިރު ވެސް މި ނިންމެވުމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. އަދި މިހާރު ވެސް ދަތުރުވެރިންނަށް ދޫކުރަމުން ދަނީ ކުރިން ވެސް ހަމަޖެހިފައިވާ 500 ޑޮލަރެވެ. މިކަމާ ގުޅޭގޮތުން 2026 މޭ 11 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރިޔާސީ ބަޔާނުގައި އެ ވައުދު އިއުލާނު ކުރެއްވި ނަމަވެސް، 2026 ފެބުރުވަރީ 28 ގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށާއި ރާއްޖެއަށް ކުރިމަތިވި ނޭދެވޭ އަސަރުތަކަކީ އޭރު ލަފާކުރެވިފައި ނުވާ ކަންތައްތަކެއް ކަމަށެވެ.
ވަޒީފާގެ ރައްކާތެރިކަމާއި ވަޒީފާއިން ވަކިނުކުރުމުގެ ވައުދު
ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމުގެ ޔަގީންކަމަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ދެއްވި ޔަގީންކަމެކެވެ. ސިޔާސީ އިސް މަގާމުތައް ފިޔަވައި، އާންމު މުވައްޒަފުންގެ ވަޒީފާގެ ބިރުވެރިކަން ނައްތާލައްވައި، ސިޔާސީ ސަބަބުތަކަށްޓަކައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.
އެހެންނަމަވެސް، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށްފަހު އަދި އޭގެ ފަހުން ވެސް ފެނަކަ ކޯޕަރޭޝަން ފަދަ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބަޔާންކޮށް، އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވައުދުފުޅު ފުރިހަމައަށް ފުއްދަވާފައިވާ ކަމަށެވެ. އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަކިނުކުރައްވައި، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ދަމަހައްޓަވައި ދެއްވިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމުގެ ސިޔާސަތު
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެކަށައެޅި ސިޔާސަތުތަކުގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރެއްވުމަށް ނިންމެވި ނިންމެވުން ހިމެނެ އެވެ.
ވައުދު އިއުލާނުކުރުން: އިންތިޚާބީ ރައީސްގެ އޮފީހުން 2023 އޮކްޓޯބަރު 11 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން، 2024 މާރިޗު 29 ގައި ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ އަދަދު 700 އަށްވުރެ މައްޗަށް ނުދާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އަދަދުތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް: ސަރުކާރުގެ ރަސްމީ ހިސާބުތަކަށް ހަވާލާދީ ފެންމަތިވި މައުލޫމާތުތަކުން ދައްކާ ގޮތުގައި، 2025 ޖުލައި މަހާ ހަމައަށް 922 ސިޔާސީ މުވައްޒަފުން ތިއްބެވިކަން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރުގައިވާ އެމްބަސީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސިޔާސީ މަގާމުތައް ހިމަނައިގެން އެ އަދަދު 2,000 އާ ގާތްކުރެ އެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ، 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން ޖުމްލަ 228 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކުރެއްވިކަން 2024 އޮކްޓޯބަރު 15 ގައި ސަރުކާރުން އިއުލާނުކުރެއްވި އެވެ.
މީގެއިތުރުން، ސިޔާސީ މަގާމުތައް އިތުރަށް މަދުކުރައްވާނެ ކަމަށާއި، ދެން އެފަދަ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމުގައި ތައުލީމީ ފެންވަރަށް ބައްލަވާނެ ކަމަށް 2026 އޭޕްރީލް 20 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރަކީ މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރަކީ ފުރަތަމަ ޑިގްރީ ކަމުގައި ކަނޑައެޅުއްވި އެވެ.
ސަރުކާރުން 2026 އޭޕްރީލް 30 ގައި ހާމަކުރި ގޮތުގައި، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ރަސްމީކޮށް އާންމުކުރެވޭނީ މިހާރު ކުރިއަށްދާ މުވައްޒަފުން މަދުކުރުމުގެ މަރުހަލާ އެއްކޮށް ނިމުމުންނެވެ.
އާދައިގެ ވަޒީފާތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާއިރު ވެސް، ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓުމަކަށް ނާންނަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކެބިނެޓަށް ގެންނަ ބަދަލުތަކާ ގުޅިގެން ވަކިކުރެވޭ ވަޒީރުންނަށް ވެސް އެކި ނަންނަމުގައި އިސް މަގާމުތައް ހަމަޖައްސައިދެމުންދާއިރު، އާންމު ނިކަމެތި ރައްޔިތުންގެ ވަޒީފާތައް ގެއްލި މަގުމަތިވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ރަސްމާލެ މަޝްރޫއާއި ސަރުކާރުގެ ތަރައްގީގެ ވައުދުތައް
ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ "ރަސްމާލެ" މަޝްރޫއަކީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 65,000 ހައުސިންގ ޔުނިޓް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި އެންމެ ބޮޑު އެއް މަޝްރޫ އެވެ. ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން ވާ ވަރަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑު (1,150 ހެކްޓަރު) މި ސަރަހައްދު ތަރައްގީކުރުމަށް ރޭވިފައިވަނީ ތިމާވެއްޓާ ރައްޓެހި "ޒީރޯ-ކާބަން ސޭފް އައިލެންޑް" ސްމާޓް ސިޓީއެއްގެ ގޮތުގަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް 2023 ޑިސެމްބަރު 18 ގައި ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް 8 މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމިފައިނުވާތީ އެކަމުގެ ކަންބޮޑުވުންތައް އުފެދުނެވެ. އޭގެ ފަހުން، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވަނީ ސިއްރު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާތީ، އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކަކާއި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ. މިގޮތުން، މިއީ އިސްރާއީލުގެ ޒަޔަނިސްޓުންނަށް ރާއްޖެއިން ޖާގަ ދިނުމަށް މަގުފަހިކުރާ ކަމެއް ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލައި އިހުތިޖާޖު ކުރަމުންނެވެ.
މި ސަރުކާރުގެ ވެރިކަމުގެ ފާއިތުވި މުއްދަތުގެ ތެރޭގައި އިއުލާންކުރެވުނު ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ފާޅުވަމުންދެ އެވެ. އެގޮތުން، ކަނޑުއަޑީގެ ބިއްލޫރި ޓަނަލާއި، އައްޑޫ އަދި ހުވަދުއަތޮޅުގައި އެޅުމަށް ނިންމި ބްރިޖުތަކާއި، ބައިނަލްއަޤްވާމީ މާލީ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއުތަކުގައި އަމަލީ ސިފަ ޖެހުން ލަސްވަމުންދާކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި ފަހުމުނާމާތަކުގައި ސޮއިކުރުމަށްފަހު އެއްބަސްވުންތައް ބަދަލުވުމާއި މަސައްކަތްތައް ފަސްވަމުން ދިޔުމަކީ ރޭވުންތެރިކަން ކުޑަވުމާއި ވައުދުތައް ނުފުއްދުމުގެ ނަތީޖާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. ވައުދުތައް ފުއްދުމަށްވުރެ ބޮޑަށް، ތާރީޚުތައް ފަހަތަށް ޖެއްސުމާއި އައު ސުރުޚީތައް އުފެއްދުމަކީ މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު ސިޔާސަތު ކަމުގައި ފާހަގަކުރެވެ އެވެ. މި ސަރުކާރުގެ ފާއިތުވި ތިން އަހަރަކީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވި ގެއްލިގެންދިޔަ ބޭކާރު ތިން އަހަރެވެ.









