އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކުރިން ނަގާފައިވާ ލޯނު މެދުކަނޑާލަދޭތޯ މިނިސްޓްރީއާ ސުވާލު ކުރުމުން ސާފު ޖަވާބެއް ނުދިން!
9 އޯގަސްޓު 2026 | އާދީއްތަ 12:19ޑިގްރީއަށް ފަހު މާސްޓާސްއަށް ކިޔަވަން ފުރުސަތު ލިބޭ ދަރިވަރުންގެ ކުރީގެ ލޯނު މެދުކަނޑައިނުދޭ މައްސަލަ ފެންމަތިވެއްޖެ. މިކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނު ދެއްކުމުގައި އަމަލުކުރަނީ ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށާއި، ނަމަވެސް ކުރީގެ ލޯނު މެދުކަނޑައިދޭނެކަން ނުވަތަ ނޫންކަން އެ މިނިސްޓްރީން ސާފުކޮށްދީފައެއް ނުވޭ

"ފަށާއިރު" ޕްރޮގްރާމް ތެރެއިން | ރާއްޖެ އެމްވީ
އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކުރިން ނަގާފައިވާ ސްޓޫޑެންޓް ލޯނު މެދުކަނޑާނުދޭ މައްސަލައިގައި ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެގޮތުން ޑިގްރީއަށް ކިޔަވަން ސްޓޫޑެންޓް ލޯނު ލިބިގެން ރާއްޖެއިން ބޭރަށް ގޮސް ކިޔަވައިގެން އަންނަ ކުދިން މާސްޓާރސްއަށް ކިޔަވަން ފުރުސަތު ލިބި، ފަހުން ލިބޭ ލޯނުން ކިޔަވަން ނުދެވޭ ކަމުގެ ޝަކުވާ އަންނަނީ ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންނެވެ. އަދި މާސްޓަރސްއަށް ކިޔަވަން ފޮނުވާ ފައިސާ ކެނޑެނީ ކުރީގެ ލޯނައް ކަމަށް ބެލެނިވެރިން އަންނަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް ތެރެއިން އާދިއްތަ ދުވަހު ވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ގުޅައި ކުރިން ނަގާފައިވާ ލޯނު މެދުކަނޑާލަދޭތޯ ސުވާލު ކޮށްފައި އެވެ.
ޖަވާބުގައި މިނިސްޓްރީން ބުނީ ވަކި ހާއްސަ އުސޫލެއް މިފަހުން ހެދިފައި ނުވާ ކަމަށާއި މިހާރު ވެސް އަމަލު ކުރަމުން ދަނީ ކުރީގެ އުސޫލަށް ކަމަށެވެ. ނަމަވެސް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ ދައްކަން ޖެހޭނެ ކަމަށާއި، ކުރިން ނަގާފައިވާ ލޯނު ދެއްކުމަށް ވަކި ހާއްސަ އުސޫލެއް އޮންނާނެ ކަމަށެވެ.
ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ކުރީގެ ލޯނު މެނދުކަނޑާލަދޭތޯ ނުވަތަ ނޫންތޯ ސާފުކޮށްދީފައި ނުވެ އެވެ. ނަމަވެސް މިނިސްޓްރީން ބުނީ ގެޒެޓް ކޮށްފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލޯނު ނުލިބުމާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.











