ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ފްރާންސްގައި ކުރަމުންދާ މުޒާހަރާތަކުން 7،184 މީހުން ހައްޔަރުކޮށް 466 މީހަކަށް ޖަލު ހުކުމް އިއްވައިފި
18 ނޮވެމްބަރު 2026 | ބުދަ 11:34ފްރާންސްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން 7،184 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން 466 މީހަކަށް ޖަލު ހުކުމް އިއްވާފައިވާކަން އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވަނީ ހާމަކުރައްވާފައި. ހައްޔަރުކުރި މީހުންގެ ތެރޭގައި 2،661 ކުޑަކުދިން ހިމެނޭއިރު، ގިނަ މައްސަލަތަކަކީ ކޯޓަށް ހާޒިރުކުރުމާއެކު ވަގުތުން ގޮތް ނިންމާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވޭ. މި ހަމަނުޖެހުންތަކުގެ ބޮޑުބައެއް ހިއްސާކުރަނީ މުޒާހަރާ ފެށި ފުރަތަމަ ދުވަހު ހިނގި ހާދިސާތަކެއް

ފްރާންސްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގައި، މުދަލަށް ގެއްލުންދެމުންދާ މަންޒަރު | އެކްސް
ފްރާންސްގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، 7،184 މީހަކު ފުލުހުންގެ ބަންދަށް ގެންގޮސް، 466 މީހަކަށް ޖަލު ހުކުމް އިއްވާފައިވާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ޖެރާލްޑް ދާމަނިން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ދާމަނިން ވިދާޅުވީ، މިއަދާ ހަމައަށް ޖުމްލަ 7،184 މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 3،053 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، 1،217 މީހަކަށް އަދަބުގެ ބަދަލުގައި އިސްލާހީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ބަންދަށް ގެންދިޔަ މީހުންގެ ތަފްސީލް ހާމަކުރައްވަމުން ދާމަނިން ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ 4،523 މީހުންނާއި 2،661 ކުޑަކުދިން ކަމަށެވެ.
ދައުވާ އުފުލުނު މީހުންގެ ތެރެއިން 2،301 މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މައްސަލައަކީ ކޯޓަށް ހާޒިރުކުރުމާއެކު ވަގުތުން ގޮތެއް ނިންމާފައިވާ މައްސަލަތައްކަން އޭނާ ފާހަގަކުރެއްވި އެވެ.
މި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 466 މީހަކަށް ޖަލު ހުކުމް އިއްވާފައިވާ ކަމަށް ދާމަނިން ވިދާޅުވި އެވެ. މީގެ ތެރޭގައި އެއްވެސް ޝަރުތަކާ ނުލައި އިއްވި 195 ޖަލު ހުކުމާއި ވަގުތުން ބަންދުގައި ބައިތިއްބަން އަމުރުކުރި 111 ހުކުމް ހިމެނެ އެވެ.
މީގެ އިތުރުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް 209 ބޮޑެތި މީހުންނާއި ފަސް ކުޑަކުދިންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށްވެސް އޭނާ ރިޕޯޓްކުރެއްވި އެވެ.
ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ޖުމްލަ 356 މީހެއްގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ދާމަނިން ވިދާޅުވި އެވެ. އޭނާ ތަފްސީލްކޮށްދެއްވި ގޮތުގައި މީގެ ތެރެއިން 186 މީހަކު ތިބީ ޖަލަށް ލާފަ އެވެ. އަދި ބާކީ ތިބި މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ދާމަނިން ވިދާޅުވި ގޮތުގައި މި ތަފާސްހިސާބުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ މުޒާހަރާތައް ފެށުނު ފުރަތަމަ ދުވަހު ހިނގި ހާދިސާތަކެވެ. މިގޮތުން، މުޅި ތަފާސްހިސާބުގެ ތިންބައިކުޅަ ދެބައި ނިސްބަތްވަނީ ހަމައެކަނި އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން އައި ހަފުތާ ބަންދުތަކުގައި ކަންތައްތައް ފެނިގެންދިޔައީ ވަރަށް ތަފާތުކޮށް ކަމަށާއި، އެއީ ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ގެންގުޅުނު އުސޫލުތަކަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.
މި މުޒާހަރާތަކަކީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އާންމު ޚިދުމަތްތަކުން ބަޖެޓް އުނިކުރުމާ ދެކޮޅަށް ފްރާންސްގައި ފުޅާދާއިރާއެއްގައި ކުރިއަށްދާ ހަރަކާތްތަކުގެ ބައެކެވެ. އޮކްޓޫބަރު 17 ގައި ބޭއްވި މުޒާހަރާތަކުގައި "ޔެލޯ ވެސްޓް" އެކްޓިވިސްޓުންނާއި، ދަރިވަރުންގެ އިތުރުން ލޭބަރ ޔޫނިއަންތަކުން ވަނީ ބައިވެރިވެފަ އެވެ.











