ޕެރިސްގައި އަނެއްކާ ވެސް ހަމަނުޖެހުން ހިންގަފާނެ ކަމުގެ އިންޒާރާއެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި
24 އޮކްޓޯބަރު 2026 | ހޮނިހިރު 08:31ޕެރިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން 24 މެޓްރޯ ސްޓޭޝަނެއް ބަންދުކޮށް، ފުލުހުން ވަނީ ފުރިހަމަ ތައްޔާރީ ހާލަތަކަށް އައިސްފައި. ތެލުގެ އަގާއި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ދެކޮޅަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މަގާމެދު ފުލުހުންނާއި ޔޫނިއަންތަކާ ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވާއިރު، މުޒާހަރާތައް އަނިޔާވެރިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގައި އިންތިޒާމު ކޮށްފައިވާ މުޒާހަރާތައް ފެށުމުގެ ކުރިން ރަޔަޓު ފުލުހުން މަގުތައް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ | އަނަދޮލު އޭޖެންސީ
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގައި އަނެއްކާ ވެސް ސިޔާސީ އަދި އިޖުތިމާއީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަފާނެ ކަމުގެ ބިރު ބޮޑުވެ، އެ ޤައުމުގެ ސަލާމަތީ ބާރުތައް ހޮނިހިރު ދުވަހު ފުރިހަމަ ތައްޔާރީ ހާލަތަކަށް ގެނެސްފި އެވެ. ހުސްވި ހަފުތާގައި ހިނގައިދިޔަ އަނިޔާވެރި ހާދިސާތަކަށް އިޝާރާތްކުރައްވައި ފުލުހުންގެ ތަރުޖަމާނަކު ވަނީ "ނުރައްކާ އަދިވެސް އެބައޮތް" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
ޕެރިސްގެ ޕޮލިސް ޕްރިފެކްޗަރގެ ތަރުޖަމާނު އެލެން ދެނެޝޭރް ވިދާޅުވީ، ރާވާފައިވާ މުޒާހަރާތަކުގެ ކުރިން ކަމާބެހޭ އިދާރާތަކުން ދަނީ ސަލާމަތީ ހާލަތު ވަރަށް ގާތުން ވަޒަންކުރަމުން ކަމަށެވެ. އަދި، އޮތް ނުރައްކަލާމެދު އެ ފަރާތްތަކުން އިންތިހާއަށް ސީރިއަސްކޮށް ސަމާލުވެ ތިބި ކަން ވެސް ދެނެޝޭރް ފާހަގަކުރެއްވި އެވެ.
"ނުރައްކާ އެބައޮތް، އަދި އެ ކަމަށް އަންނަނީ ސަމާލުކަން ދެމުން. ހޮނިހިރު ދުވަހު ހިންގީ ވަރަށް ނުރައްކާތެރި އަމަލުތަކެއް. އެއީ، ކުރިން އަންދާޒާކުރެވުނު މިންވަރަށް ވުރެ ފުޅާ އަދި އަނިޔާވެރިކަން އިތުރު އަމަލުތަކެއް. މިއަދު އަންނަނީ އެ ހާލަތު ވަޒަންކުރަމުން،" ދެނެޝޭރް ވިދާޅުވި އެވެ.
ހަމަމިއާއެކު، އޮކްޓޫބަރު 17 ގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ އަދަދާއި އަނިޔާވެރިކަމުގެ ނުރައްކާތެރި ކަން ވަޒަންކުރުމުގައި އިދާރާތަކަށް ދަށުން އަންދާޒާކުރެވުނު ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ. ދެނެޝޭރް ވިދާޅުވީ، މުޒާހަރާތައް ފެށުމުގެ ކުރިން އީލް-ދެ-ފްރޯންސް ސަރަހައްދުގައި ހިންގި ސަލާމަތީ ބަލައިފާސްކުރުންތަކުގައި، ހަވާ އަރުވާ މޯޓަރު ފަދަ ނުރައްކާތެރި އެތައް އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މުޒާހަރާގެ މަގާމެދު އުފެދުނު ޚިޔާލުތަފާތުވުން
ވެރިރަށުގައި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށްގެންދާނެ މަގާމެދު ޕެރިސްގެ ފުލުހުންނާއި ޓްރޭޑް ޔޫނިއަންތަކާ ދެމެދު ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ޕޮލިސް ޕްރިފެކްޗަރުން ހުކުރު ދުވަހު ވަނީ، މީގެ ކުރިން އެއްބަސްވެވިފައިވާ ޕްލާސް ދެ ލާ ބަސްތީއާއި ޕްލާސް ދެ ލާ ނާސިޔޯންއާ ދެމެދު އޮތް މަގުގައި މުޒާހަރާ ކުރުން މަނާކޮށްފަ އެވެ.
ފުލުހުންގެ gaރާރަކުން ހާމަކޮށްފައިވާ ގޮތުގައި، އެ މަގުގެ ބަދަލުގައި އިދާރާތަކުން ހުށަހެޅީ ބުލްވާރ ދޭ މަރޭޝޯ މަގުން ޕޯރޓް ދީތާލީއާއި ޕޯރޓް ދެ ވަންސެންއާ ދެމެދު މުޒާހަރާ ކުރިއަށްގެންދިއުމަށެވެ. މި gaރާރުގެ ދަށުން މުޒާހަރާ ބޭއްވުމުގެ ހުއްދަ ދީފައި ވަނީ އެ ޤައުމުގެ ގަޑިން މެންދުރުފަހު 1:00 އިން ފެށިގެން ހަވީރު 7:00 އަށެވެ.
ނަމަވެސް، އީލް-ދެ-ފްރޯންސް ސަރަހައްދުގެ ޓްރޭޑް ޔޫނިއަންތަކާއި ޒުވާނުންގެ ޖަމުއިއްޔާތައް ތަމްސީލުކުރާ ގުޅިފައިވާ ޔޫނިއަން ގްރޫޕުން ވަނީ ފުލުހުން ހުށަހެޅި މަގު ދޫކޮށްލުމަށް ދެކޮޅުހަދައި، އެ ޑިމާންޑަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ބުނެފަ އެވެ.
24 މެޓްރޯ ސްޓޭޝަނެއް ބަންދުކުރުން
ޕެރިސްގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރު، އާރްއޭޓީޕީން ބުނީ، ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް ފުލުހުންގެ އެދުމުގެ މަތިން ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 24 މެޓްރޯ ސްޓޭޝަނެއް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ވެރިރަށުގެ އިތުރުން ފަރަންސޭސިވިލާތުގެ މުހިންމު އަށް ސިޓީއެއްގައި މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ދީފައިވެ އެވެ. މި ގޮތުން ލީލް، ސްޓްރާސްބޫރް، މުލޫޒް، ގްރެނޯބްލް، މާރސޭ، ތުލޫޒް އަދި އާމިޔަން ހިމެނެ އެވެ. މީގެ ތެރެއިން މާރސޭގައި މުޒާހަރާތައް ފެށުމުގެ ކުރިން އެ ސިޓީގެ ގަދީމީ ބަނދަރު ހިމެނޭ ސަރަހައްދުގައި ގާނޫނު ތަންފީޒުކުރާ ފުލުހުން ވަނީ ރުކުރުވާލާފަ އެވެ.
ފަރަންސޭސިވިލާތުގެ ދަރިވަރުންނާއި 'ޔެލޯ ވެސްޓް' މުޒާހަރާގެ ބައިވެރިން ރާވާފައި ވަނީ ތެލުގެ އަގު އުފުލުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން އޮކްޓޫބަރު 17 ގައި ބޭއްވި ވަރުގަދަ މުޒާހަރާތަކަށްފަހު، އެ ހަރަކާތުގެ ދެވަނަ ފިޔަވަހި ނުވަތަ 'އެކްޓް II' މުޒާހަރާތައް ފެށުމަށެވެ.
ފާއިތުވި ހަފުތާގައި ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި 500,000 އާއި 800,000 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވާ ކަމަށް އަންދާޒާކުރެވޭއިރު، ބައެއް މުޒާހަރާތައް އަނިޔާވެރިވެ، ހަމަނުޖެހުން ހިންގުމާއި ފިހާރަތައް ލޫޓުވުމުގެ ހާދިސާތައް ވަނީ ރިޕޯޓުކޮށްފަ އެވެ. މިއާއެކު، އެ މުޒާހަރާތަކާ ގުޅިގެން 2,500 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރަސްމީ މައުލޫމާތުތަކުން ދައްކަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











