ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ
17 ނޮވެމްބަރު 2026 | އަންގާރަ 10:46ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށް މައިންގެ ހަމަލާތަކެއް އަމާޒުވެ، އިރާގުގެ މުހިންމު ގޭސް ފީލްޑަކަށް ޑްރޯންގެ ނުރައްކާ ކުރިމަތިވުމާ ގުޅިގެން މެދުއިރުމަތީގެ ހަކަތައިގެ ވަސީލަތްތަކުގެ ސަލާމަތާމެދު ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައި. މި ހާދިސާތަކާ އެކު އެމެރިކާއިން އެ ސަރަހައްދުގައި އަސްކަރީ ބާރުގަދަކުރަމުންދާއިރު، މިއީ އީރާނާއެކު އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއް

ހުރްމުޒް ކަނޑުއޮޅީގެ އިރުމަތީ ފަރާތުން ކަނޑުގެ މައިންއެއްގައި ޖެހި، ތެޔޮ އުފުލާ އިތުރު ޓޭންކަރެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ނޭވީން ބުނެފި | އައިއާރުޖީސީ
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށް ދިން ހަމަލާތަކަކާއި، އިރާގުގެ އުތުރުގައި އޮންނަ މުހިންމު ގޭސް ފީލްޑަކަށް ޑްރޯންގެ ނުރައްކާ ކުރިމަތިވުމާ ގުޅިގެން، މުޅި ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކުގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ނޭވީން ހޯމަ ދުވަހު ބުނި ގޮތުގައި، ތެހެރާނުން ހުއްދަ ނުދޭ މަގަކުން ހުރްމުޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދު ހުރަސްކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް ކަނޑު އަޑީގައި ހަރުކޮށްފައިވާ މައިންތަކެއްގައި ޖެހި، އޭގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ރަސްމީ ކަނޑުގެ ސިފައިން ބުނި ގޮތުގައި، ކަނޑުއޮޅީގެ އިރުމަތީ ފަރާތުން ދަތުރުކުރުން މަނާ ސަރަހައްދެއްގައި އޮތް އެހެން ޓޭންކަރެއް ވެސް މައިންއެއްގައި ޖެހި، އަލިފާން ރޯވުމުގެ ސަބަބުން ވަނީ ދަތުރުނުކުރެވި ހުއްޓިފަ އެވެ.
މި ދައުވާތައް މިނިވަން މުސްތަގިއްލު ފަރާތަކުން ކަށަވަރު ކުރެވިފައި ނުވާއިރު، އީރާނުގެ ކަމާބެހޭ އިދާރާތަކުން މި ހާދިސާތަކުގައި ހިމެނޭ އުޅަނދުތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީން ވެސް ވަނީ ހޯމަ ދުވަހު ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެންމެ ފަހުން ހިނގި ހާދިސާގައި، އޮމާންގެ ޚަސަބްގެ އުތުރުން 13 ކިލޯމީޓަރު ބޭރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެން، އޭގެ އިންޖީނު ކޮޓަރީގައި އަލިފާން ރޯވެ، އުޅަނދު ވަނީ ހުއްޓިފަ އެވެ.
މީގެ ކުރިން، ކަނޑުދަތުރުފަތުރުގެ ކަންކަން މޮނިޓަރ ކުރާ އެ އޭޖެންސީން ބުނެފައިވަނީ، ކަނޑުއޮޅިން ބޭރަށް ދަތުރުކުރަމުންދިޔަ އެހެން ޓޭންކަރަކަށް ކޮން އެއްޗެއްކަން ނޭނގޭ އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އެ އުޅަނދުގެ އިންޖީނު ކޮޓަރީގައި ވެސް އަލިފާން ރޯވި ކަމަށެވެ. ނަމަވެސް މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާތަކާއި އީރާނުން ބުނާ މައިންގެ ހަމަލާތަކާ އެއްވެސް ގުޅުމެއް އޮތްކަން އަދި ސާފެއް ނުވެ އެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ ފާއިތުވި ހަފުތާތަކުގައި ވިޔަފާރި އުޅަނދުތަކަށް ސިލްސިލާ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ އެވެ. އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މާރިޗު 1 އިން ނޮވެމްބަރު 11 ގެ ނިޔަލަށް ހުރްމުޒް ކަނޑުއޮޅިއާއި މެދުއިރުމަތީގެ ސަރަހައްދުތަކުގައި އުޅަނދުފަހަރަށް އަމާޒުކޮށް ސަލާމަތީ ނުރައްކާ އެކުލެވޭ 136 ހާދިސާއެއް ހިނގާފައިވެ އެވެ. މީގެ ތެރެއިން 35 ހާދިސާ ހިނގާފައިވަނީ ހަމައެކަނި އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އިރާގުގެ ގޭސް ފީލްޑަކަށް ޑްރޯން ހަމަލާގެ އިންޒާރު
އިރާގުގެ ގޭސް ފީލްޑަށް ޑްރޯންގެ ނުރައްކާ ކަނޑުމަގުން ކުރާ ހަކަތައިގެ ޝިޕްމަންޓްތަކަށް މިފަދަ ނުރައްކާތަކެއް ކުރިމަތިވަމުންދާއިރު، މި ސަރަހައްދުގެ އެހެން ހިސާބުތަކުގައި ހުރި ހަކަތައިގެ ވަސީލަތްތަކާ މެދު ވެސް ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އޮންނަ ޚޯރް މޯ ގޭސް ފީލްޑް މަތިން ހޯމަ ދުވަހު ޑްރޯނެއް އުދުހުމާ ގުޅިގެން، ނުރައްކަލުގެ އިންޒާރުދޭ ސައިރަން އަޅާފައިވާ ކަމަށް ރޮއިޓާސްއިން ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.
މި ހާދިސާގައި އެއްވެސް ހަމަލާއެއް ދީފައިވާ ކަމުގެ ނުވަތަ ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދާނާ ގޭސް ކުންފުނިން ބުނި ގޮތުގައި، މިދިޔަ ހަފުތާގައި ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާއެއްގައި އަލިފާން ރޯވެ، 2.8 ގިގަވޮޓްގެ ކަރަންޓު އުފެއްދުމަށް ހުރަސް އެޅުމާ ގުޅިގެން ޚޯރް މޯ ގޭސް ފީލްޑުގެ އުފެއްދުންތެރިކަން އޮތީ މެދުކަނޑާލާފަ އެވެ.
މި ގޭސް ފީލްޑަކީ ކުރުދީ ސަރަހައްދުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ގޭސް ފޯރުކޮށްދޭ މައިގަނޑު މަސްދަރަށް ވުމުން، މިތަނުގެ މަސައްކަތަށް ހުރަސް އެޅުމަކީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
މި ތަނަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުވަމުންދާއިރު، އިރާގުގެ ކުރުދީ އޮފިޝަލުން ތުހުމަތު ކުރައްވާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާނުގެ މަދަދުލިބޭ ހަތިޔާރު އެޅި ޖަމާއަތްތަކެވެ.
ނަމަވެސް، ހޯމަ ދުވަހު އެ ސަރަހައްދު މަތިން އުދުހުނު ޑްރޯންގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެ އެވެ.
މި ހުރިހާ ކަމެއް ހިނގަމުން މިދަނީ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ތިއޮޑޯ ރޫޒަވެލްޓް އެ ސަރަހައްދަށް ދިއުމާއެކު، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ނިމިޓްޒް ކްލާސްގެ އެއަރކްރާފްޓް ކެރިއަރ، ޔޫއެސްއެސް ތިއޮޑޯ ރޫޒަވެލްޓް، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ސަޕްލައި ކްލާސް ރިޕްލެނިޝްމަންޓް އޮއިލަރ، އެޗްއެމްއޭއެސް ސްޓޯލްވާޓާ އެކު ދަތުރުކުރަނީ | އޭއެފްޕީ
އެމެރިކާގެ އޮފިޝަލަކު ހޯމަ ދުވަހު އަލްޖަޒީރާއަށް ކަށަވަރުކޮށްދިން ގޮތުގައި، މި މަނަވަރު އެ ސަރަހައްދަށް ދިއުމާއެކު، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ދަށުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަތިންދާބޯޓު އުފުލާ މަނަވަރުގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ. މިއީ އީރާނާއެކު އޮތް ނުތަނަވަސްކަން ބޮޑުވެ، ހަނގުރާމަ ހުއްޓާލުމަށާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ.











